08 Sep 2017, 17:46
މިމަހުގެ ތެރޭގައި އިންޑިއާގައި ބާއްވަން ހަމަޖެހިފައިވާ ފުރަތަމަ ސައުތު އޭޝިއަން ޔޫތު ސަމިޓް (ސޭސް)ގެ ސޯޝަލް ފޯރަމްގައި ރާއްޖޭގެ ފަރާތުން ވާހަކަދައްކުމުގެ ފުރުސަތު ދެ ޒުވާނަކަށް ލިބިއްޖެއެވެ.
އިންޓަނޭޝަނަލް ޔޫތު ކޮމެޓީ (އައިއެސްސީ) އާއި އިންޑިއާ އަދި އޮޑިޝާ ސަރުކާރު ގުޅިގެން މިމަހުގެ 17 އިން 20 އަށް އިންޑިއާގެ ބުބަނެސްވަރު ސިޓީގައި ބާއްވާ ސޭސްގެ ސޯޝަލް ފޯރަމްގައި ރާއްޖޭގެ ފަރާތުން ވާހަކަދައްކާނީ މަރިޔަމް ރިފާ (ރިފޫ) އަދި އިސްމާއިލް ޝިހާބެވެ.
ސޭސްގެ ސޯޝަލް ފޯރަމްގައި ވާހަކަދެއްކުމަށް ރާއްޖޭން ފުރުސަތު ލިބުނު އިސްމާއިލް ޝިހާބް ވާހަކަދައްކާނީ، "ރަނގަޅު މުސްތަގްބަލަކަށް ޒުވާނުން އުފެއްދުން،" މި މައުޟޫގެ މައްޗަށެވެ. އަދި ރާއްޖޭގައި ހަދާފައިވާ ދިރާސާއެއްގެ މައްޗަށް މަރިޔަމް ރިފާ ވާހަކަދައްކާނީ "ޖިންސުގެ ހަމަހަމަކަން އަދި ތަފާތުކުރުން،" މައުޟޫގެ މައްޗަށެވެ.
ސޯޝަލް ފޯރަމްގައި ޗައިނާ، ބޫޓާން، ބަނގުލަދޭޝް، ވިއެޓްނާމް، ނޭޕާލް އިން ޒުވާނުން ވާހަކަދައްކާއިރު، އަފްގާނިސްތާނުން ދެ ޒުވާނަކު އިންޑިއާއިން ހަތަރު ޒުވާނަކު ވާހަކަ ދައްކާގޮތަށް ވަނީ ހަމަޖެހިފައެވެ.
ސޯޝަލް ފޯރަމްގައި ޕާކިސްތާނުން ވާހަކަދައްކާނެ ޒުވާނުން އަދި ނިންމާފައިނުވާއިރު، ޝަރުތު ފުރިހަމަވާ ޒުވާނަކު ނެތުމުން ސްރީ ލަންކާގެ ޒުވާނަކު ވެސް އެ ފޯރަމްގައި ބައިވެރިވެއެއް ނުވެއެވެ.
އިސްމާއިލް ޝިހާބް
ޔޫތު މިނިސްޓްރީގެ ޔޫތު އޮފިސަރެއްގެ އިތުރުން ޖޭސީއައި މޯލްޑިވްސް (ކާފު)ގެ ނައިބް ރައީސް ކަން ކުރަމުން އަންނަ އިސްމާއިލް އަކީ ސްކޫލް ދައުރުން ފެށިގެން އެކިއެކި ކަންކަމުގައި ދަރުމަވެރިއެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ޒުވާނެކެވެ.
އެގޮތުން ޔޫތު ޕާލިމެންޓުގައި ވެސް އޭނާ ބައިވެރިވެފައިވާއިރު މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރުސީ)ގެ ދަރުމަވެރިއެއްގެ ގޮތުގައި މާލެއަށް ދިމާވި ފެނުގެ ކާރިސާ އަދި ހޯޕް ފޮ ވިމެން އިން އިސްނަގައިގެން ހިންގި "ވަން ބިލިއަން ރައިސިން" ކެމްޕެއިންގައި އޭނާ އަދާކޮށްފައިވާ އިސް ދައުރު ފާހަގަކޮށްލެވެއެވެ.
އޭގެ އިތުރުން ޒުވާނުން ބާރުވެރިކުރުވުމަށް މަސައްކަތް ކުރަމުންދާ ރަފީ ޖަމިއްޔާގެ މިލޭނިއަމް ޔޫތު އެމްބެސަޑަރަކަށް އައްޔަން ކޮށްފައިވާ އިސްމާއިލް ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިއާއިން ބޭއްވި ފުރަތަމަ "އިންޓަނޭޝަނަލް ސަމިޓް އޮން: އިންކޯޕަރޭޓިން ވާޗު އެންޑް އެތިކްސް އިން ޔޫތު ލީޑާސް" (މައި އަޚްލާގް 1) ގައި ރާއްޖޭ ތަމްސީލްކޮށްފައެވެ.
މަރިޔަމް ރިފާ
ވީޓީވީގެ ޕްރެޒަންޓަރެއްގެ ގޮތުގައި އުމުރުން އެންމެ 16 އަހަރުގައި ނޫސްވެރިކަމަށް ނުކުތް މަރިޔަމް ރިފާ (ރިފޫ) އަކީ ސަންގުޓީވީ އަދި ޗެނަލް13 ގައި ވެސް މަސައްކަތް ކޮށްފައިވާ ޒުވާން ނޫސްވެރިއެކެވެ.
ނޫސްވެރިކަމުގެ ދާއިރާގެ އިތުރުން އެކިކަހަލަ ކަންކަމުގައި ދަރުމަވެރިއެއްގެ ގޮތުގައި ވެސް އޭނާ މަސައްކަތްކުރަމުންދާއިރު، ޒުވާނުން ބާރުވެރިކުރުވުމަށް މަސައްކަތްކުރަމުންދާ ރަފީ ޖަމިއްޔާގެ އެކި ހަރަކާތްތަކުގައި ރިފޫގެ އިސްނެގުމާއި ބައިވެރިވުން ގިނައެވެ.
އަދި ޖޭސީއައި މޯލްޑިވްސް (ކާފު)ގެ ހީވާގި މެމްބަރެއްގެ ގޮތުގައި ވެސް ބައިވެރިވަމުން އަންނަ މިއަދު އުމުރުން އެންމެ 18 އަހަރުގެ ރިފޫ އަކީ ވިލާ ކޮލެޖުން ލޯ ކިޔަވަމުން އަންނަ ކަނބަލެކެވެ.
ސާކް ސަރަހައްދުގެ ގައުމުތަކަށް ދިމާވަމުންދާ މުހިއްމު މަައްސަލަތަކަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިދާނެ ސައުތު އޭޝިއަން ޔޫތު ސަމިޓުގައި 400 ޒުވާނުން ބައިވެރިވާއިރު އޮބްޒާވަރުންގެ ގޮތުގައި ދުނިޔޭގެ ބޮޑެތި ބާރުތައް ކަމަށްވާ، އެމެރިކާ، ޖަޕާން، ޗައިނާ އަދި ޔޫރަޕިއަން ޔޫނިއަނުން ބައިވެރިވެއެވެ.
އެ ސަމިޓުގައި ދިވެހި ޒުވާނުން ބައިވެރި ވަނީ ރީޖަނަލް އެލަޔަންސް ފޯ ފޯސްޓަރިން ޔޫތު (ރަފީ) ޖަމިއްޔާގެ އިތުރުން ޖޭސީއައި މޯލްޑިވްސް ގުޅިގެންނެވެ. އެގޮތުން ރާއްޖޭން އެކަނިވެސް 40 ބައިވެރިން އެ ސަމިޓުގައި ބައިވެރިވާނެއެވެ.
ސޭސްގެ ލޯކަލް އޮންލައިން ޕާޓްނަރަކީ ސަން އޮންލައިއެވެ.