ނިއު ޔޯކް (ސެޕްޓެމްބަަރު 8): އެމެރިކާގެ ނިއު ޔޯކުގައި ހުންނަ ޕާކިސްތާނުގެ ހަބީބް ބޭންކް 225 މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، އެ ބޭންކް ބަންދު ކުރަން އަންގައިފި އެވެ.

މީގެ 39 އަހަރު ކުރިން ނިއު ޔޯކުގައި ހުޅުވި ހަބީބް ބޭންކް ބަންދު ކުރަން އެ ސްޓޭޓުގެ ޑިޕާޓްމެންޓު އޮފް ފައިނޭންޝަލް ސާވިސަސް (ޑީއެފްއެސް) އިން އެންގީ އެންޓި-މަނީ ލޯންޑަރިން ގަވާއިދުތައް ފަދަ ގަވާއިދުތަކާ ހިލާފުވުމުގެ ސަބަބުންނެވެ.

ނިއު ޔޯކުގެ ބޭންކިން އޮފިޝަލުން ބުނި ގޮތުގައި ހަބީބް ބޭންކުން ވަނީ އަލް ގައިދާއާ ގުޅުން ހުރި ސައުދީ އަރަބިއާގެ ބޭންކެއް ކަމަށްވާ އަލް ރާޖްހީ ބޭންކާ އެތައް ބިލިއަން ޑޮލަރުގެ ވިޔަފާރީގެ މުއާމަލާތްތައް ކޮށްފަ އެވެ. އަދި އެ ފައިސާ ބޭނުން ކުރަނީ މަނީ ލޯންޑަރިންއަށް ނުވަތަ ޓެރަރިޒަމްއަށް ހަރަދު ކުރަން ނޫންކަން ޔަގީން ކުރަން ނުކުޅެދިފަ އެވެ.

ޑީއެފްއެސްއިން ނެރުނު ބަޔާނެއްގައިވާ ގޮތުން އެ ޑިޕާޓްމެންޓުން ވަނީ އެ މައްސަލަތައް ރަނގަޅު ކުރުމަށް ހަބީބް ބޭންކަށް ގިނަ ފުރުސަތުތައް ދީފަ އެވެ. ނަމަވެސް އެ ބޭންކުން އިސްލާހީ ފިޔަވަޅުތައް އަޅާފައެއް ނުވެ އެވެ.

އަދި އެ ބޭންކުން ވަނީ "ގާނޫނާ ހިލާފު ވިޔަފާރީގެ މުއާމަލާތްތައް ނުކުރާނެ ކަަމަށް ބެލެވޭ މީހުން"ގެ ލިސްޓެއް ހަދައި، އެމީހުން ސްކްރީން ކުރުމަކާ ނުލައި ވިޔަފާރި ކުރަން ހުއްދަ ދީފައި ކަމަށާއި އެ ލިސްޓުގައި ޕާކިސްތާނުގެ ޓެރަރިސްޓު ގުރޫޕެއްގެ ލީޑަރަކު ހިމެނުނު ކަމަށްވެސް ރިޕޯޓުތަކުގައިވެ އެވެ. (އޭއެފްޕީ)