08 Sep 2017, 16:38
މެކްސިކޯ ސިޓީ (ސެޕްޓެމްބަރު 8): މެކްސިކޯ ކައިރިއަށް 8.1 މެގްނިޓިއުޑުގެ ބާރުމިނުގައި އައި ބިންހެލުމެއްގެ ސަބަބުން މަރުވި މީހުންގެ އަދަދު ނުވައަކަށް އަރައިފި އެވެ.
މެކްސިކޯގެ ސިވިލް ޕްރޮޓެކްޝަން ޑިޕާޓްމެންޓުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ހަތް މީހަކު މަރުވީ ބިންހެލުން އައި ސަރަހައްދާ އެންމެ ކައިރީ އޮތް ޗިއަޕަސް ސްޓޭޓުގެ އިމާރާތްތަކެއް ވެއްޓުމުގެ ސަބަބުންނެވެ. އަދި އިތުރު ދެ މީހަކު މަރުވީ އެ ސްޓޭޓު ކައިރީ އޮންނަ ޓަބަސްކޯ އިންނެވެ.
އެ ބިންހެލުމުގެ އަސަރު ކުރި ގުއަޓެމާލާއިން ވެސް އެކަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ ރައީސް ޖިމީ މޮރާލޭސް ވަނީ ވިދާޅުވެފަ އެވެ.

މެކްސިކޯއަށް އައި ބިންހެލުމުގައި ގެއްލުންވި އިމާރާތެއް -- ފޮޓޯ: އީޕީއޭ
މެކްސިކޯގެ ރައީސް އެންރީކޭ ޕެންޔާ ނިއޭޓޯ ވަނީ ބިންހެލުމުގެ އަސަރު އެގައުމުގެ 50 މިލިއަން މީހުންނަށް ކޮށްފައިވާ ކަމަށާއި، އޭގެ ސަބަބުން މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.
އެ ބިންހެލުމުގެ ސަބަބުން މެކްސިކޯއަށް ތިން މީޓަރު އުސް ރާޅެއް އަރާފަނެ ކަމުގެ އިންޒާރު ޕެސިފިކް ވޯނިން ސެންޓަރުން ދީފައިވީ ނަމަވެސް މިހާތަނަށް އަރާފައި ވަނީ 0.7 މީޓަރުގެ ރާޅެކެވެ. މެކްސިކޯގެ އިތުރުން ސުނާމީއެއް އަރާފަނެ ކަމުގެ އިންޒާރު ދީފައިވާ ގައުމުތަކުގެ ތެރޭގައި އިކުއެޑޯ، ގުއަޓެމާލާ، ނިކަރާގުއާ، ޕެނަމާ، ހޮންޑޫރަސް، މެކްސިކޯ، އެލް ސެލްވެޑޯ އަދި ކޯސްޓަރީކާ ހިމެނެ އެވެ.
މެކްސިކޯގެ ސިވިލް ޕްރޮޓެކްޝަން އޭޖެންސީން ބުނި ގޮތުގައި އެބިންހެލުމަކީ 1985ގެ ފަހުން ވެރިރަށަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ. މީގެ 32 އަހަރު ކުރިން އައި އެބިންހެލުމުގައި ގާތްގަނޑަކަށް 5،000 މީހުން މަރުވެ، ގިނަ އަދަދެއްގެ ގެތައް ބިމާ ހަމަވި އެވެ.