ރާއްޖޭގެ މިނިވަންކަން ގެއްލިގެން ގޮސްފައިވަނީ ބޮޑުންގެ ތެރެއިން ވެރިކަން ކުރާ ހިތްވާ ބަޔަކަށް އެފުރުސަތު ނުލިބިގެން ރަސްކަމުގެ ކޮއިލުތެރެއިން ވެރިކަމުގެ އާއިލާގެ ތެރެއަށް ނުކުމެ ވެރިކަމުގެ ދަހިވެތިކަމުގައި ބޭރުގެ ދައުލަތްތަކާ ނުވަތަ އެނޫން ވެސް އެފަދަ ފަރާތްތަކާ ގުޅިގެން މިނިވަންކަން ނަގާލާފައިވާތީ ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާޝަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލިގެން ގޮސް ބޭރުގެ ބާރުގަދަ ފަރާތްތަކުގެ ބާރުގެ ދަށަށް ދިވެހި ގައުމު ގޮސްފައިވާކަން ތާރީހުން އެނގެން އޮތް އޮތުމުގެ މައްޗަށް ބައްލަވާލައްވާ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން އެމްޑީޕީން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ރީކޯ މޫސަ ވިދާޅުވެފައި ވަނީ ރާއްޖޭގެ ތާރީހުން ފެންނަން އޮތީ ރާއްޖެއަކީ ރައްޔިތުންގެ މައްޗަށް މިނިވަންކަމުގެ ޒައްރެއްގެ މިންވަރުވެސް ނުދީ ވެރީން އެބައިމީހުންގެ ވެރިކަމާއި ޖާހަށްޓަކާ ގައުމެއްގެ އެންމެހާ ރައްޔިތުން އަޅުވެތިކޮށްގެން އުޅޭ ގައުމެއްގެ ގޮތުގައި ކަމަށެވެ. އަދި ނަތީޖާއެއްގެ ގޮތުން ސަރުކާރާމެދު އަޅާލާނޭ ނުވަތަ ސަރުކާރާއި ދައުލަތުގެ ދިފާއުގައި ބަޔަކު ނެތް ރައްޔިތުންގެ ބަހެއް ނުބުނެވޭފަދަ ހާލަތެއްގައި ގައުމު އޮއްވާ ބާރުހުރި އެހެން ގައުމުތަކުން އެފަދަ ގައުމުތަކުގެ މައްޗަށް ވެރިވެގެންފައިވާކަން ވެސް މޫސަ ވިދާޅުވި އެވެ.

މީގެއިތުރުން ރާއްޖެ އަށް ފަރުދީ މިނިވަންކަން ގެނައުމުގައި ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރުމުގެ ފުރިހަމަ ހައްގު ދިވެހިންނަށް ހޯދައިދިނީ އެމްޑީޕީން ކަމަށާއި އަނިޔާވެރި ހުދުމުހުތާރު ވެރިއެއްގެ ކިބައިން ވެސް ފަރުދުންގެ ހައްގުތައް ގެއްލިއްޖެނަމަ ނުވަތަ މިނިވަން މުސްތަގިއްލު ގައުމެއްގެ ނަމާއި ސިއްކަ ޖެހިފައި އޮތް ގައުމަކަށް ވިޔަސް ރައްޔިތުންނަށް ލިބިދޭ ފަރުދީ މިނިވަންކަން ނެތް ނަމަ ހަގީގަތުގައި އެގައުމަކީ މިނިވަން ގައުމެކޭ ނުކިޔޭނެ ކަމަށް މޫސަ ވިދާޅުވި އެވެ.

ރާއްޖެއަށް އެމްޑީޕީން ގެނައި ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން އުފެދުނު ޤާނޫނު އަސާސީ އާއި ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަކީ ވެރިކަމުގެ ޒާތާއި ވައްޓަފާޅި އެކުލެވޭ ގޮތުގެ މައްޗަށް ރައްޔިތުންނަށް ބަސްކިޔޭ އަދި ރައްޔިތުންނަށް އެބައިމީހުންގެ ވެރީން އިންތިހާބުކުރުމުގެ ފުރުސަތު ލިބިދީފައިވާ ވެރިކަމުގެ ނިޒާމެއް ކަމަށާއި މި ނިޒާމާ މެދު ބަޔަކު ކިތަންމެ ހިންހަމަނުޖެހުނަސް މިފަދަ ނިޒާމަކަށް ފުރުސަތުނުދޭ ބަޔަކަށް ދެން ރާއްޖޭގެ ވެރިކަން ދީގެން ނުވާނެ ކަމަށްވެސް މޫސަ ވިދާޅުވި އެވެ.

ގާނޫނު އަސާސީގައިވާ އެންމެހާ މިނިވަންކަން ހަމަ ކޮންމެ ރައްޔިތަކަށް ލިބިދޭންޖެހޭ ކަމަށާއި އެކަން އެގޮތުގައި ދެމެހެއްޓުމަށް ވާންޖެހުނު ކޮންމެ ގުރުބާނީއެއް އެމްޑީޕީން އަބަދުވެސް ވާނެ ކަމަށް ވަގުތީ ޗެއާޕާޝަން ވިދާޅުވި އެވެ.