08 Sep 2017, 09:24
އަންނަ ހަފްތާގެ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ކޮންގްރެސް، ފައިސާގެ ދަތިކަމާ ހެދި ފަސްކޮށް ފަންޑެއް ހުޅުވަން ފާސްކޮށްފި އެވެ.
އެމްޑީޕީގެ ކޮންގްރެސް ފަސްކުރުމަށް ނިންމާފައި ވަނީ ސޯލްޓް ކެފޭ ހިންގާ އިމާރާތުގެ ކޮންފަރެންސް ހޯލުގައި ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއްގައެވެ.
އެ ބައްދަލުވުމުގައި އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ސިފާޒް ހުށަހަޅުއްވާފައި ވަނީ ސީޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދިނުމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ފައިސާ އަދިވެސް އެމްޑީޕީއަށް ދީފައިނުވާތީ ފައިސާގެ ދަތިކަމާއި ހެދި ކޮންގްރެސް ފަސްކުރުމަށެވެ. އަދި ކޮންގުރެސް ދެން ބާއްވާނީ ޕާޓީގެ ފަރާތުން ފަންޑެއް ހުޅުވައި ފައިސާ ހަމަޖެހުމުން ކަމަށް ވެސް ގަރާރުގައިވެ އެވެ.
އެމްޑީޕީން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން ----ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ޗެއާޕާޝަން ހަސަން ލަތީފު ވިދާޅުވީ ކޮންގްރެސް ބޭއްވުމަޓަކައި ކޮމެޓީއެއް އެކުލަވާލައި ސެކެޓްރިއޭޓުން ވަރަށް ގިނަ މަސަތްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ކޮންގްރެސްގައި ހާހަކަށްވުރެން ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު ޚަރަދުވާނެ ކަމަށް ލަފާކުރެވެނީ 2.8 މިލިއަން ރުފިޔާ ކަމަށެވެ.
"ޚަރަދުގެ ގޮތުގައި ދަތުރުފަތުރުކުރުމާއި ތިބުމާ ކެއުމާ އޭގެ އިތުރުން ކުއްޔަށް ހިނގާނެ ޚަރަދާއި ޕްރިންޓިންނާއި މީޑިއާގެ ޚަރަދުތައް ފާހަގަކޮށްފައި ވާނެ،" ހަސަން ލަތީފު ވިދާޅުވިއެވެ.
އެމްޑީޕީގެ ކޮންގްރެސް މުއްދަތެއް ނެތް ގޮތަށް ފަސް ކުރަން ހުށަހެޅި ގަރާރު ފާސްކުރީ ޖަލްސާގައި ބައިވެރިވި 29 މެމްބަރުންގެ ތެރެއިން 28 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.