ވަކިން ސިނގިރޭޓް ވިއްކުން މަނާ ކުރާ ގޮތަށް 'ދުންފަތުގެ ބާވަތްތައް ޕެކޭޖު ކުރުމާއި ލޭބަލްކުރުމާ ބެހޭ ގަވާއިދު' ގެ ނަމުގައި ގަވާއިދެއް އެކުލަވާލައި އެ ގަވާއިދު ގެޒެޓް ކުރުމަށްޓަކާ ރައީސް އޮފީހަށް ފޮނުވައިފިއެވެ.

އެ ގަވާއިދަށް އަމަލު ކުރަން ފަށާނީ ގެޒެޓް ކުރުމާއެކުގަ އެވެ. އެ ގަވާއިދު ހިނގާނީ ވިޔަފާރިވެރިންގެ މައްޗަށާއި ދުންފަތުގެ ބާވަތްތައް އުފައްދައި، އޭގެ ވިޔަފާރި ކުރާ ފަރާތްތަކުގެ މައްޗަށެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ބޯޑުގެ މެމްބަރު އަދި ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)ގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މުހައްމަދު "ސަން"އަށް މިރޭ ވިދާޅުވީ އެ ގަވާއިދު އެކުލަވާލާފައި ވަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އަމަލުކުރަމުންދާ ގޮތަށް ބަލައި ކަމާ ގުޅޭ ގިނަ މުއްސަސާއެއްގެ ބައިވެރިވުންތަކާ އެކު ކަމަށެވެ.

ހަސަން ވިދާޅުވީ ވަކިން ސިނގިރޭޓް ނުވިއްކޭ ގޮތަށް ގަވާއިދު އެކުލަވާލީ މައިގަނޑު ދެ ކަމެއްގެ މައްޗަށް ބަލައިގެން ކަމަށާއި އޭގެތެރޭގައި ސިއްހަތައް ގެއްލުންހުރި ތަކެތި ވިއްކުމުގައި އިންޒާރުގެ މެސެޖެއް ހިމެނުން ލާޒިމު ކޮށްފައި އޮތް ނަމަވެސް ވަކިން ސިނގިރޭޓް ވިއްކުމުގައި އެ މެސެޖު ދެވިފައި ނުވާ ކަމަށެވެ. އަދި ކުޑަކުދިން އަލަށް ދުންފަތުގެ އިސްތުއުމާލު ކުރަން ފަށާނީ ވަކިން ސިނގިރޭޓް ގަނެއްގެން ކަމަށް ވުމުން އެ ކުދިންގެ ރައްކާތެރިކަމަށް އެޅި ފިޔަވަޅެއް ކަމަށެވެ.

"ގާނޫނުގެ މަގުސަދުގައި ވެސް އެބަ އޮވޭ އަންނަން އޮތް ޖީލުތައް ދުންފަތުގެ ވަބާއިން ސަލާމަތް ކުރުން. އެގޮތުން ބަލާއިރު ހާއްސަކޮށް މި ބާވަތުގެ ވިޔަފާރި ކުރާ ފަރާތްތަކުގެ އަމާޒަކަށް ވާނީ އާ ކަސްޓަމަރުން ހޯދުން،" އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ވިއްކާ ސިނގިރޭޓް ފޮށި ތަކުގައި ހުންނަނީ ހަމަ އެކަނި ކުޑަ ލިޔުން ކޮޅެއްކަން ފާހަގަކޮށް ހަސަން ވިދާޅުވީ އަލަށް އެކުލަވާލި ގަވާއިދުގައި ދުންފަތް އެކުލެވޭ ބާވާތްތައް ވިއްކުމުގައި މިހާރަށް ވުރުން ބޮޑަށް ގްރެފިކް ހެލްތު ވޯނިން ގިނަ ކުރަން ލާޒިމް ކުރާނެ ކަމަށެވެ.

"ރާއްޖެ މީ މުޅި ދުނިޔެއަށް ބެލިކަމުގައިވީ ނަމަވެސް އިންޒާރުގެ މަންޒަރު ޖަހައިގެންނާއި ވަކި އަދަދަކަށް ދުންފަތް ވިއްކުން މަނާނުކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއް،" ހަސަން ވިދާޅުވިއެވެ.

ފިހާރަތަކުގެ އިތުރުން އެ ގަވާއިދުގައިވާ ގޮތުން ހޮޓާ ރެސްޓޯރެންޓް އަދި ކެފޭ ތަކުގައި ވެސް ވަކިން ސިނގިރޭޓް ވިއްކުން މަނާވާނެއެވެ.

ސިނގިރޭޓް ސްޓިކަކުން ނަގާ ޑިއުޓީ ދެރުފިޔާއަށް ބޮޑު ކުރުމަށް ނިންމައި މީގެ ކުރިން ވަނީ ގަވާއިދެއް ހަދާފައެވެ. އެގޮތުން ގަނޑުކޮށް ދުންފަތަށް ނަގާ ޑިއުޓީ 25 ޕަސެންޓަށް ބޮޑުކުރަން ވެސް ވަނީ ނިންމާފައެވެ.