08 Sep 2017, 11:37
ޝަރުތަކާ ނުލައި ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާ ކުރުމަށް ޕާޓީތަކަށް ފޮނުވާފައިވާ ދައުވަތުގައި އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން ބައިވެރި ވުމާއި މެދު ގޮތެއް ނިންމާނީ ގުޅިފައިވާ އިދިކޮޅު ޕާޓީތަކާ މަޝްވަރާކުރުމަށްފަހުގައި ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން އެ ގޮތަށް ނިންމީ ރޭ ސޯލްޓް ކެފޭ ހިންގާ އިމާރާތުގެ ކޮންފަރެންސް ހޯލުގައި ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއްގަ އެވެ.
އެ ބައްދަލުވުމުގައި ބައިވެރިވެ ވާހަކަފުޅު ދެއްކެވި ހުރިހާ މެންބަރުން ވެސް ވަނީ ސަރުކާރާއި އެކު މަޝްވަރާކުރުމަށް އެއް މޭޒެއްގެ ދޮށުގައި އިށީންނުމާ ދެކޮޅަށް ވާހަކަފުޅު ދައްކަވާފައެވެ. އަދި ބައެއް މެންބަރުން ވަނީ މަޝްވަރާތަކުގައި ބައިވެރިވުމަށް ރައީސް އޮފީހުން ފޮނުއްވި ސިޓީގެ ސައްހަ ކަމާއި މެދު ވެސް ސުވާލު އުފްއްދަވާފައެވެ. އެ ގޮތުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ ރައީސް އޮފީހުން ކަމަށް ބުނެ ފޮނުވާފައިވާ ސިޓީގައި ތައްގަނޑު ޖަހާފައިނުވާ ކަމަށާއި އެހެންކަމުން އެ ސިޓީ ފުލުސް އޮފީހަށް ހުށަހަޅައިގެން ސައްހަ ކަމާ މެދު ގޮތެއް ނިންމަން ވެސް ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން ވާނީ އިސްލާހުކުރަން ހުރި ކަންތައްތައް ލިޔުމުން ހުށަހަޅާފައި. ޕޮލިހިށް ހުރިހާ މައްސަލަތަކެއް ވެސް ހުށަހެޅީ ލިޔުމުން،" އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ސިފާޒް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޝަރުތަކާ ނުލައި ސަރުކާރުން މަޝްވަރާއަށް ގޮވާލާފައިވާއިރު ފުރަތަމަ ކަމަކަށް ސަރުކާރުގެ އިހްލާސްތްރިކަން ދައްކަން ޖެހޭ ކަމަށެވެ. އެ ގޮތުން ޖަލު ހުކުމް ތަންފީޒްކުރައްވަމުން ގެންދަވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ލީޑަރުން މިނިވަންކޮށް ދައުވާ އުފުލާފައިވާ މެންބަރުންގެ ދައުވާތައް އަނބުރާ ގެންދިއުމަށް ފަހު މަޝްވަރާ ކުރަން ތައްޔާރަށް އޮތް ކަމަށް ވެސް ޝިފާޒް ވަނީ ވިދާޅުވެފައެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ހިމެނިވެޑައިގަންނަވާ ގޮތަށް ސަރުކާރުން ވަނީ މިދިޔަ މަހު 30 ވަނަ ދުވަހު އިދިކޮޅު ހުރިހާ ޕާޓީތަކަކަށް މަޝްވަރާއަށް ސިޓީ ފޮނުވާފައެވެ. ސަރުކާރުގެ ފަރާތުން ސިޔާސީ ޕާޓީތަކުގެ މަސްވަރާއަށް ކަނޑައަޅުއްވާފައިވާ ޗީފް ނެގޯޝިއޭޓަރު އަދި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ ހަތް ދުވަސް ތެރޭގައި އިސްލާހު ކުރަން ހުރި ކަންކަން ސިޓީއަކުން ހުށަހެޅުމަށް އެދިވަޑައިގަނެފައެވެ. ނަމަވެސް ހަތް ދުވަސް ހަމަވެގެން ދިޔައިރު އެއްވެސް ސިޔާސީ ޕާޓީއަކުން އެކަމަށް އިޖާބަދީފައެއް ނުވެއެވެ.