07 Sep 2017, 21:19
ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސް އެޅިކަމަށް ތުހުމަތުކޮށް ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނަރަލް އަހުމަދު ސަމީރުގެ ބަޔާން ނަގައިފިއެވެ.
މިއަދު ހަވީރު 5:00 ޖެހިއިރު ފުލުސް އޮފީހާށް ސަމީރު ހާޒިރުކޮށްފައިވާއިރު އޭނާ ވިދާޅުވީ ފުލުހުން ތަހުގީގު ކުރަމުން ދަނީ މިދިޔަ މަހު 16 ވަނަ ދުވަހުގެ ރޭ ކުނޫޒް ކުރިމަތިން އޭނާ ހައްޔަރު ކުރި މައްސަލަ ކަމަށެވެ.
"ފުލުހުންގެ އެދުމުގެ މަތިން ފުލުސް އޮފީހަށް ހާޒިރުވެ ބަޔާން ދީފައިވާނީ. އެބޭފުޅުން ތުހުމަތު ކުރައްވަނީ އަޅުގަނޑު ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި ކަމަށް. ނަމަވެސް އަޅުގަނޑު ދެންނެވިން ޓީވީން ލައިވްކޮށް އިންޓަވިއު ދެއްވަނިކޮށް ކަމަށް ހައްޔަރުކުރީ. އަދި ހުރިހާ ކަމެއް ވެސް ރިކޯޑް ކުރެވިފަވާނެ ކަމަށް،" ސަމީރު ވިދާޅުވިއެވެ.
މިދިޔަ މަހު 16 ވަނަ ދުވަހުގެ ރޭ ކުނޫޒް ކައިރިން ސަމީރު ހައްޔަރު ކުރި ނަމަވެސް ކޯޓުން ވަނީ އޭނާގެ މައްޗަށް ޝަރުތުތަކެއް ކުރުމަށްފަހު ދޫކޮށްލަފައެވެ. ނަމަވެސް ފުލުހުން ވަނީ އެ މައްސަލާގެ ތަހުގީގަށް މީގެ ކުރިން ވެސް ސަމީރު ފުލުހަށް އޮފީހަށް ހާޒިރުކޮށް ބަޔާން ނަގާފައެވެ.
އެރޭ ސަމީރު ހައްޔަރުކޮށްފައި ވަނީ ކުނޫޒު ކުރިމަތީގައި ހުރެ ރާއްޖެ ޓީވީއަށް އިންޓަވިއުއެއް ދެއްވަމުން ގެންދަވަނިކޮށް އެ ސަރަހައްދު ދޫކޮށް ދިއުމަށް ފުލުހުން އެންގުމުން ވެސް އެ ސަރަހައްދުން ދުރަށް ނުގޮސް އިންޓަވައި ކުރިއަށް ގެންދަވަނިކޮށެވެ.
ކޯޓުން ސަމީރު ދޫކޮށްލާފައި ވަނީ ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމަށާއި ފޯނު ނަންބަރު ދިނުމަށާއި ޖިނާއީ ކުށެއްގައި ބައިވެރިނުވުމަށް ޝަރުތުކޮށްފަ އެެވެ.
ސަމީރުގެ މައްޗަށް ފުލުހުން ވަނީ ހަތަރު ތުހުމަތެއް ކޮށްފަ އެވެ. އެ ތުހުމަތުތަކުގެ ތެރޭގައި ފުލުހުހެއްގެ ގައިގާ އަތްލުމާއި ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ހުރަސްއެޅުމާއި އާންމު މަސްލަހަތު ނަގާލަން އުޅުނު ކަމުގެ ތުުހުމަތާއި ތަނަކުން ފިލައިގެން ދިއުން ހިމެނެއެވެ.