ކ. ހިންމަފުށީގައި ހުންނަ ފެން ހަދާ،ލައިފް ފެންފެކްޓްރީގައި މަސައްކަތް ކުރި ބިދޭސީއެއް މަރުވެފައި އޮއްވައި މިދިޔަ ހޮނިހިރު ދުވަހު ފެނުނު މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކު ޔުނީފޯމް ނާޅައި ހުރި ފުލުހަކު ހައްޔަރުކޮށްފައިވާތީ އެމީހާ ދޫކޮށްލަން ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފިއެވެ.

ހިންމަފުށީ ކޯޓުން ދޫކޮށްލި މީހާ އަކީ އެ ފެކްޓްރީގެ މެނޭޖަރެއްގެ މަގާމުގައި ހުރި 44 އަހަރުގެ މީހެކެވެ.

ޔުނީފޯމް ނާޅައި އެމީހާ ހައްޔަރުކުރުމުން ދޫކޮށްލީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ މައްދާއަކާ ހަވާލާދީއެވެ. ނަމަވެސް އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.

އެ މައްސަލާގައި އެންމެ ފުރަތަމަ ހައްޔަރުކުރި މީހާ އަދިވެސް ހުރީ ފުލުހުންގެ ބަންދުގައެވެ. އެއީ އުމުރުން 33 އަހަރުގެ ދިވެއްސެކެވެ. މިދިޔަ އޮގަސްޓް މަހުގެ 22 ވަނަ ދުވަހުން ފެށިގެން އޭނާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ހިންމަފުށީ ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ މައްސަލާގައި ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށާއި އަދި އެމީހާގެ ބަންދަށް ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށެވެ.

ހިންމަފުށީގައި 38 އަހަރުގެ ބަންގްލަދޭޝް މީހަކު މަރުވެފައި އޮއްވައި ފެނިގެން އެމައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 19 ވަނަ ދުވަހުއެވެ.

ހިންމަފުށިން ވާހަކަ ދެއްކި މީހަކު ބުނީ ބަންގްލަދޭޝް މީހާ ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. އަދި އޭނާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް ގަބޫލު ކުރެވޭ ކަަމަށް ޑޮކްޓަރު ބުންފައިވާ ކަމަށް އެމީހާ ބުންޏެވެ.

އެ ބިދޭސީ މީހާއަކީ ލައިފް ފެން ކުންފުނީގައި މަސައްކަތް ކުރާ އެހެން ބިދޭސީންނާ އެއްކޮށް ދިރިއުޅޭ މީހެއްކަން އެނގިފައިވެ އެވެ.