ކޮލަމްބޯ(ސެޕްޓެމްބަރު 7): ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ އަރިސް ދެ މީހެއްގެ މައްޗަށް ކޮރަޕްޝަނުގެ މައްސަލައެއް ސާބިތުވެ، ތިން އަހަރުގެ ޖަލު ހުކުމެއް ކޮށްފި އެވެ.

ރާޖަޕަކްސަގެ ކުރީގެ ސެކްރެޓަރީ ލަލިތް ވީރަތުންގާ އާއި ލަންކާގެ ޓެލެކޮމިއުނޭޝަންސް ރެގިއުލޭޓަރީ ކޮމިޝަން (ޓީއާރުސީ)ގެ ކުރީގެ ޑިރެކްޓަރު އަނޫޝާ ޕަލްޕިތާގެ މައްޗަށް ސާބިތުވެފައި ވަނީ 2015 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިން ތެރޭގައި ޓީއާރުސީގެ 600 މިލިއަން ރުޕީސް ނަހަމަ ގޮތުގައި ބޭނުން ކުރި މައްސަލައިގައެވެ.

އޭގެ ސަބަބުން ކޮލަމްބޯ ހައިކޯޓުން ވަނީ ވީރަތުންގާ އާއި ޕަލްޕިތާގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް ކުރުމުގެ އިތުރުން ދެ މިލިއަން ރުޕީސް އިން ޖޫރިމަނާކޮށްފައެވެ. އަދި ޓީއާރުސީއަށް ބަދަލެއްގެ ގޮތުންް 50 މިލިއަން ރުޕީސް ދިނުމަށްވެސް އަމުރުކޮށްފައެވެ.

ވީރަތުންގާ އާއި ޕަލްޕިތާއަށް އެފައިސާ ނުދެއްކިއްޖެ ނަމަ އެ ދެ މީހުން ޖަލުގައި އިތުރު ދެ އަހަރު ހޭދަ ކުރަން ޖެހޭނެ އެވެ. (ސްރީލަންކާ ގާޑިއަން)