ލ. ބަރެސްދޫގައި ނުވިކި ހުރި އިތުރު ބިންތައް ކުއްޔަށް ދޭން އަންނަ ހަފުތާގައި ހުޅުވާލާނެ ކަމަށް މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.

މިއަދު އެމްއައިޓީޑީސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ބަރެސްދޫ މަޝްރޫއާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ޝާހިދު ވިދާޅުވީ އެމްއައިޓީޑީސީ އިން ލ. ބަރެސްދޫގެ މަޝްރޫއު ކުރިޔަށް ގެންދަން ނިންމާފައިވަނި އެމްއެމްޕީއާރުސީ އިން ކުރިޔަށް ގެންދިޔަ ގޮތާ ތަފާތުކޮށްކަމަށެވެ.

ލ.ބަރެސްދޫގެ މަޝްރޫއު ނިމުމުން އޮންނާނެ ގޮތުގެ ނަމޫނާއެއް.

އެމްއެމްޕީއާރުސީ އިން ކުރިން ކުރިއަށް ގެންދިޔަ މަޝްރޫއުގެ ދަށުން 16 ބިމެއް ބަރެސްދޫއިން ވަނީ ވިއްކާފައެވެ. ނަމަވެސް އެމްއައިޓީޑީސީ ބަރެސްދޫ ތަރައްގީކުރަން ގެންގުޅޭ ކޮންސެޕްޓަކީ ބިންތައް ނުވިއްކައި ބަދަލުގައި އެ ބިންތަކުގައި އިމާރާތް ކޮށް އެ އިމާރާތްތައް ކުއްޔަށް ދީގެން އޮޕަރޭޓް ކުރުން ކަމުގަ ޝާހިދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އިންޓެންޝަނަކީ ބެއާ އައިލެންޑް އެކަނި އެވޯޑް ކުރުމެއްނޫން. ފިނިޝްޑް ބިލްޑިން އެއް ރެންޓް އައުޓް ކުރުން،" ޝާހިދު ވިދާޅުވިއެވެ.

ލ. ބަރެސްދޫގެ މަޝްރޫއު ނިމުމުން އޮންނާނެ ގޮތުގެ ނަމޫނާއެއް

އެމްއައިޓީޑީސީ އިން ބިންތައް ކުއްޔަށް ދީގެން ކުރިޔަށް ގެންދަން ނިންމާފައި ވީނަމަވެސް އެމްއެމްޕީއާރުސީ އިން ބަރެސްދޫއިން ވިއްކާފައިވާ ބިންތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

" އޭރުގަ ވިއްކާފައި ހުރި ބިންތަކަށް އެއްވެސް ބަދަލެއް އަޅުގަނޑުމެން ނުގެންނަން. އެ ބޭފުޅުންގެ ތެރެއިން މި ޕްރޮޖެކްޓާއެކު ކުރިޔަށްދާން ބޭނުންވާ ފަރާތްތަކަށް އަދިވެސް އެ ފުރުސަތު އެބަ އޮތް. ދެން ބާކީ ހުރި ބިންތަކަށް އަޅުގަނޑުމެން ޑިޒައިން ޗޭންޖަސްތަކާއި ބަދަލުތައް މި ގެންނަނީ.." ޝާހިދު ވިދާޅުވިއެވެ.

ލ.ބަރެސްދޫގެ މަޝްރޫއު ނިމުމުން އޮންނާނެ ގޮތުގެ ނަމޫނާއެއް.

އަންނަ ބުދަ ދުވަހު، ހޮޓެލް ޖެންގައި ބަރެސްދޫގައި ނުވިކި ހުރި ބިންތައް ކުއްޔަށް ދިނުމާއި އެކަމަށް ހުށަހެޅުމާއި ބެހޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް އޮންނާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު އޮތް "ވަން އައިލެންޑް ވަން ރިސޯޓް' ކޮންސެޕްޓާ ތަފާތުކޮށް "އިންޓަގްރޭޓް ޓޫރިޒަމް" ކޮންސެޕްޓަށް ހަދާ މި ރިސޯޓް 18 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.