ނިމިގެންދިޔަ ޓްރާންސްފާ މުއްދަތުގެ ތެރޭގައި އެންމެ ބޮޑު ފައިދާއެއް ލިބުނު ކްލަބަކަށް ފްރާންސްގެ މޮނާކޯ ވެގެންދިޔައިރު، އެންމެ ބޮޑު ގެއްލުމެއް ލިބުނު ކްލަބަކަށް ވާދަވެރި ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) ވެއްޖެއެވެ.

ސީއައިއީއެސް ފުޓްބޯލް އޮބްސަވޭޓަރީން ނެރުނު ރިޕޯޓުގައިވާ ގޮތުގައި، ޔޫރަޕްގެ ބޮޑު ފަސް ލީގުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއް ލިބުނު މޮނާކޯއިން ކުޅުންތެރިން ވިއްކައިގެން 394 މިލިއަން ޔޫރޯ ހޯދާފައިވެއެވެ. އޭގެ ތެރެއިން ކުޅުންތެރިން ހޯދުމަށް މޮނާކޯއިން ހަރުދުކޮށްފައިވަނީ 105 މިލިއަން ޔޫރޯއެވެ.

ޕީއެސްޖީއަށް ގެއްލުން ވެގެންދިޔައީ ދުނިޔޭގެ ރެކޯޑު އަގެއްގައި (222 މިލިއަން ޔޫރޯ) ނޭމާ ހޯދައި، މޮނާކޯގެ ކީލިއާން އެމްބާޕޭއަށް ކުރި ހަރަދާ ގުޅިގެންނެވެ. އެ ކްލަބަށް ވަނީ 343 މިލިއަން ޔޫރޯގެ ގެއްލުމެއް ވެފައެވެ.

ފްރާންސް ލީގު ޗެމްޕިއަން މޮނާކޯއަށް އެންމެ ބޮޑު ފައިދާއެއް ލިބުނީ ކީލިއާން އެމްބާޕޭއާއި ބެންޖަމިން މެންޑީއާއި ޓިއެމޯ ބަކަޔޯކޯ އަދި ބެނާޑޯ ސިލްވާ ވިއްކާލައިގެންނެވެ.

ދެވަނައަށް އެންމެ ބޮޑު ފައިދާއެއް ލިބުނީ ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމަންޑަށެވެ. އެ ޓީމުން ވަނީ ޓްރާންސްފާގައި 110 މިލިއަން ޔޫރޯގެ ފައިދާއެއް ހޯދައިފައެވެ. ޑޯޓްމަންޑަށް އެންމެ ބޮޑު ފައިދާއެއް ލިބުނީ ބާސެލޯނާއަށް 147 މިލިއަން ޔޫރޯއަށް އޫސްމާން ޑެމްބޭލޭ ވިއްކާލައިގެންނެވެ.

އެންމެ ބޮޑު ފައިދާއެއް ލިބުނު ތިންވަނަ ކްލަބަކީ ފްރާންސްގެ ލިޔޯންއެވެ. އެ ޓީމުން ވަނީ 72 މިލިއަން ޔޫރޯގެ ފައިދާއެއް ހޯދައިފައެވެ. ލިޔޯނަށް އެންމެ ބޮޑު ފައިދާއެއް ވެގެންދިޔައީ އާސެނަލަށް އެލެކްސެންޑްރޭ ލަކަޒެޓް ވިއްކާލައި، ބަޔާން މިއުނިކަށް ކޮރެންޓިން ޓޮލިސޯ ވިއްކާލައިގެންނެވެ. ކުޅުންތެރިން ވިއްކައިގެން ލިޔޯނުން ވަނީ 129 މިލިއަން ޔޫރޯގެ ފައިދާއެއް ހޯދައިފައެވެ.

ޔޫރަޕް އަދި ސްޕެއިންގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ވެސް ވަނީ ފައިދާއެއް ހޯދައިފައެވެ. ޓްރާންސްފާގައި ރެއާލުން ވަނީ 47 މިލިއަން ޔޫރޯގެ ފައިދާއެއް ހޯދައިފައެވެ. އޭގެ ތެރެއިން ރެއާލަށް އެންމެ ބޮޑު ފައިދާއެއް ލިބުނީ ޗެލްސީއަށް އަލްވާރޯ މޮރާޓާ ވިއްކާލައިގެންނެވެ.

ރެކޯޑު އަގަކަށް ލަކަޒެޓް ގެނައި ނަމަވެސް، އާސެނަލުން ވެސް ވަނީ ފައިދާއެއް ހޯދައިފައެވެ. އާސެނަލުން ވަނީ ކުޅުންތެރިން ވިއްކައިގެން 86 މިލިއަން ޔޫރޯގެ ފައިދާއެއް ހޯދައިފައެވެ. އެ ކްލަބަށް ފައިދާ ވެގެންދިޔައީ ޓްރާންސްފާގެ އެންމެ ފަހު ދުވަހު ލިވަޕޫލަށް އެލެކްސް އޮކްސްލޭޑް ޗެމްބާލެއިން ވިއްކާލައިގެންނެވެ.

އިނގިރޭސި ތިން ކްލަބަކަށް ވަނީ ޓްރާންސްފާގައި ގެއްލުން ވެފައެވެ. މެންޗެސްޓާ ޔުނައިޓެޑަށް 186 މިލިއަން ޔޫރޯގެ ގެއްލުމެއް ލިބުނުއިރު، މެންޗެސްޓާ ސިޓީއަށް ވަނީ 173 މިލިއަން ޔޫރޯގެ ގެއްލުމެއް ވެފައެވެ. އަދި ޗެލްސީއަށް ވަނީ 106 މިލިއަން ޔޫރޯގެ ގެއްލުމެއް ވެފައެވެ. އެންމެ ބޮޑު ގެއްލުމެއް ލިބުނު ކްލަބުތަކުގެ ލިސްޓުގައި އިޓަލީގެ އޭސީ މިލާން އޮތީ އިނގިރޭސި ތިން ކްލަބުގެ ކުރީގައެވެ. އެ ކްލަބަށް ވަނީ 189 މިލިއަން ޔޫރޯގެ ގެއްލުމެއް ވެފައެވެ.

ޖުމްލަކޮށް ބަލާއިރު ފައިދާއެއް ވެފައިވާ ހަމައެކަނި ލީގަކީ ސްޕެނިޝް ލަލީގާއެވެ. ލަލީގާއިން ނުވަ މިލިއަން ޔޫރޯގެ ފައިދާއެއް ހޯދިއިރު، ފްރާންސް ލީގަށް ވަނީ 55 މިލިއަން ޔޫރޯގެ ގެއްލުމެއް ލިބިފައެވެ. ޖަރުމަން ބުންޑަސްލީގާއަށް 81 މިލިއަން ޔޫރޯގެ ގެއްލުމެއް ލިބުނުއިރު، އިޓާލިއަން ސެރީއާއަށް ވަނީ 139 މިލިއަން ޔޫރޯގެ ގެއްލުމެއް ވެފައެވެ.

ޔޫރަޕްގެ ބޮޑު ފަސް ލީގުގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ވެގެންދިޔައީ އިނގިރޭސި ޕްރިމިއާ ލީގަށެވެ. ޓްރާންސްފާ މުއްދަތުގެ ތެރޭގައި ޕްރިމިއާ ލީގު ކްލަބުތަކުން ވަނީ 835 މިލިއަން ޔޫރޯ ހަރަދުކޮށްފައެވެ.