07 Sep 2017, 11:20
ރިޔާދު(ސެޕްޓެމްބަރު 7): އަންނަ އަހަރުގެ ކުރީކޮޅު ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު އެމެރިކާއަށް ވަޑައިގަންނަވާނެ ކަމަށް ވައިޓް ހައުސްއިން ބުނެފި އެވެ.
ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައިވާ ގޮތުން އިއްޔެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސަލްމާން ރަސްގެފާނާ ފޯނުން ވާހަކަ ދައްކަވާފައެވެ. އަދި ދެ ބޭފުޅުންގެ ވާހަކައިގައި ސަލްމާން ރަސްގެފާނު ވަނީ އަންނަ އަހަރު ވައިޓް ހައުސްއަށް ޒިޔާރަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ރައީސް ޓްރަމްޕާއި ސަލްމާން ރަސްގެފާނު ވަނީ އެމެރިކާ އާއި ސައުދީ އަރަބިއާގެ އިތުރުން ސަރަހައްދީ އަދި ބައިނަލްއަގުވާމީ ތަރައްގީއާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައި ކަމަށް ވައިޓް ހައުސްގެ ބަޔާނުގައިވެ އެވެ. އެގޮތުން ދެ ގައުމުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަ ކުރުމަށާއި މެދުއިރުމަތީގައި ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުން ވާހަކަ ދެއްކެވި އެވެ.
ރައީސް ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވި ފަހުން އެންމެ ފުރަތަމަ ހާރިޖީ ދަތުރުފުޅެއް ކުރެއްވީ ސައުދީ އަރަބިއާއަށެވެ. އެ ދަތުރުފުޅުގައި ޓްރަމްޕް ވަނީ މުސްލިމް 50 ގައުމެއްގެ ލީޑަރުން ހާޒިރުވި އަރަބި އިސްލާމިކް އެމެރިކަން ސަމިޓުގައި ބައިވެރިވެފައެވެ.
އެސަމިޓް ނިންމާލި އިރު ރިޔާދު ޑެކްލަރޭޝަންގެ ނަމުގައި ގުޅިފައިވާ ބަޔާނެއް ނެރެފައިވެ އެވެ. އަދި ޓެރަރިޒަމާ ކުރިމަތިލުމަށްޓަކައި އެމެރިކާއާއި އިސްލާމީ ދުނިޔެއާ ދެމެދު އެލަޔަންސެއް ހެދުމުގެ މުހިއްމުކަން އެބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. (ރޮއިޓާސް)