އަންނަ އަހަރު ރަޝިއާގައި ބާއްވާ ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެކަން ޗިލީ މިޑްފީލްޑަރު އާޓޫރޯ ވިޑާލް އިއުލާންކޮށްފިއެވެ.

އުމުރުން 30 އަހަރުގެ ވިޑާލްގެ އިންޓަނޭޝަނަލް ރިޓަޔާމަންޓް އިއުލާންކުރީ ވޯލްޑް ކަޕް ކޮލިފައިންގައި އެންމެ ފަހުން ޗިލީ ކުޅުނު ދެ މެޗުން ވެސް ބަލިވެފައި ވަނިކޮށެވެ.

ދެކުނު އެމެރިކާ ބައްރުގެ ކޮލިފައިން ބުރުގައި މިދިޔަ ހަފްތާ ޕެރަގުއޭއާ ދެކޮޅަށް ކުޅުނު މެޗުން 3-0 ލަނޑުގެ ނަތީޖާއަކުން ޗިލީ ބަލިވިއިރު، މިދިޔަ އަންގާރަ ދުވަހު ބޮލީވިއާއާ ދެކޮޅަށް ކުޅުނު މެޗުން ޗިލީ ބަލިވީ 1-0 ލަނޑުގެ ނަތީޖާއަކުންނެވެ. އެ ނަތީޖާތަކާ ގުޅިގެން ޗިލީ ހަ ވަނާގައި އޮތްއިރު، އެ ޓީމަށް ވަނީ ޕްލޭ އޯފްގެ ޖާގައެއް ހޯދުމަށް ވެސް ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ.

"ދެ މެޗުން ބަލިވުމާ ގުޅިގެން މައާފަށް އެދެން. އަހަރެމެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރިން، އެކަމަކު އަހަރެމެންނަށް މޮޅެއް ނުހޯދުނު. އަހަރެމެން އަދިވެސް ހިތްވަރާއެކު މަސައްކަތް ކުރާނަން. ދެ މެޗަށްފަހު އަހަރެންނަށް އޮތީ ހަމައެކަނި ވޯލްޑް ކަޕް. ފާއިތުވެދިޔަ އަހަރުތަކުގައި އަހަރެންނަށް ދިން ލޯތްބަށްޓަކައި ޝުކުރު އަދާކުރަން،" އިންސްޓަގްރާމް މެދުވެރިކޮށް ވިޑާލް ދިން މެސެޖުގައި ބުނެފައިވެއެވެ.

ފާއިތުވެދިޔަ އަހަރުތަކުގައި ޗިލީން ހޯދާފައިވާ ކާމިޔާބީތަކުގެ ފަހަތުގައި އެންމެ އިސް ދައުރެއް އަދާކުރަމުންދިޔަ އެއް ކުޅުންތެރިޔަކީ ޖަރުމަންގެ ބަޔާން މިއުނިކަށް ކުޅެމުންދާ ވިޑާލްއެވެ. ހާއްސަކޮށް ފާއިތުވެދިޔަ ދެ އަހަރުގެ ކޮޕާ އެމެރިކާގެ ޗެމްޕިއަންކަން ޗިލީ ހޯދިއިރު ވިޑާލްގެ ދައުރު ފާހަގަކޮށްލެވެއެވެ.