26 Jul 2011, 15:14
ކާރިސާތަކުން ތައްޔާރުވުމާއި މޫސުމަށް އަންނަ ބަދަލުތަކަށް މުޖުތަމައު އަހުލުވެރިކުރުމުގެ ގޮތުން، މުޖުތަމައުގެ ނާޒުކް ކަމާއި ގާބިލްކަން ދެނެގަތުމުގެ ތަމްރީން ޕްރޮގްރާމެއް ދިވެހި ރެޑްކްރެސެންޓުން ހިންގައިފި އެވެ.
ދިވެހި ރެޑްކްރެސެންޓުން ބުނީ މި މަހުގެ 17 އިން 24 އަށް ޅ. ހިންނަވަރުގައި ބޭއްވި ތަމްރީން ޕްރޮގްރާމްގައި ހއ. ހޯރަފުށިން ދެ މީހަކާއި އއ. ތޮއްޑޫން ދެ މީހުން، ގދ. ގައްދޫން ދެ މީހުން، ސ. ފޭދޫން ދެ މީހުން އަދި ޅ. ހިންނަވަރުން ހަ މީހުންނާއި މާލޭން ހަ މީހުން ބައިވެރިވެ، ތަމްރީން ފުރިހަމަ ކުރިކަމަށެވެ.
އަދި އެ ޕްރޮގްރާމަކީ ތަމްރީންދޭ މީހުން ތަމްރީން ކުރެވޭ ފެންވަރުގެ ޕްރޮގްރާމެއް ކަމަށް ވެސް އެ ޖަމާއަތުން ބުންޏެވެ.
ދިވެހި ރެޑްކްރެސެންޓުން ބުނީ އެ ތަމްރީން ޕްރޮގްރާމްގެ ބޭނުމަކީ އެ ޖަމާއަތުން މި އަހަރުގެ ސެޕްޓެމްބަރު މަހާއި އޮކްޓޫބަރު މަހު ކުރަން ހަމަޖެހިފައިވާ މުޖުތަމައުގެ ނާޒުކު ކަމާއި ގާބިލްކަން ބެލުމުގެ ދިރާސާގައި ހަރަކާތްތެރިވުމަށް މީހުން ތައްޔާރުކުރުން ކަމަށެވެ. އެގޮތުން ތަމްރީންގައި މީހުން ބައިވެރިވެފައި ވަނީ ދިރާސާކުރުމަށް ހަމަޖެހިފައިވާ ރަށްރަށުގެ މީހުން ކަމަށް ވެސް އެޖަމާއަތުން ބުންޏެވެ.
ހިންނަވަރުގެ ޖަމިއްޔާ ޖަމާއަތްތަކާއި އާއްމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ބޭއްވި ތަމްރީން ޕްރޮގްރާމަކީ ދިވެހި ރެޑްކްރެސެންޓުން މިދިޔަ އޭޕްރިލް މަހުގެ 17 ވަނަ ދުވަހު ފެށި "ކޮމިއުނިޓީ ބޭސްޑް ޑިޒާސްޓާ ރިސްކް ރިޑަކްޝަން އެންޑް ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން" ޕްރޮޖެކްޓްގެ ދަށުން ހިންގި ޕްރޮގްރާމެއް ކަމަށް ދިވެހި ރެޑްކްރެސެންޓުން މިއަދު ބުންޏެވެ.