14:30


މުސްލިމުންނަކީ ނާތަހުޒީބީ އަދި ފަޤީރު ބައެއްގެ ގޮތުގައި ބައެއް މީހުން ދުށް ނަމަވެސް، ޙަޤީގަތުގައި އިސްލާމީ ޤައުމުތައް އަންނަނީ ތަރައްޤީ އާއި ތަމައްދުނުގައި ކުރި ހޯދަމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މެލޭޝިޔާގެ ކުއާލަލަމްޕޫރުގައި މިހާރު ހިނގަމުންދާ ހަ ވަނަ ވާރލްޑް އިސްލާމިކް އިކޮނޮމިކް ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ހެނދުނު ވާހަކަފުޅު ދައްކަވަމުންނެވެ.


ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިކަމުގެ ހެކިތައް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެންނަން އެބަހުރި ކަމަށާއި، ޔޫރަޕާއި އުތުރު އެމެރިކާގައިވާ ހުޅުވާލެވިފައިވާ އިޤްތިޞާދުގެ ފައިދާ އެޤައުމުތަކަށް ހިޖުރަކޮށްފައިވާ މުސްލިމުން ވަރަށް ރަނގަޅަށް ހޯދަމުންދާ ކަމުގައި ވިދާޅުވި އެވެ. ރާއްޖޭގެ އިޤްތިޞާދުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލައްވަމުން، ރާއްޖޭގެ އެކްސްޕޯޓް އެންމެ ބޮޑަށް ބިނާވެފައި އޮންނަނީ ކަނޑުމަހާއި ފަތުރުވެރިކަމުގެ މައްޗަށް ކަމުގައި ވިދާޅުވި އެވެ. އަދި ރާއްޖެއަކީ ކަނޑުމަހާއި ފަތުރުވެރިކަމުގެ އިތުރުންވެސް، އިޤްތިޞާދީ ބޮޑެތި ފުރުސަތުތަކެއް ހުރި ޤައުމެއްކަން ފާހަގަކުރެއްވި އެވެ.


މުދަލާއި ޚިދުމަތް އެންމެ ރަނގަޅުގޮތުގައި ފޯރުވައިދެވޭނެ ވަސީލަތަކީ ހުޅުވާލެވިފައިވާ އިޤްތިޞާދެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި، އެގޮތުން ސަރުކާރުން މިހާރުވަނީ އަމިއްލަ ވިޔަފާރިއަށާއި، ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން ހިންގާ ވިޔަފާރިއަށް ރާއްޖޭގެ އިޤްތިޞާދު ހުޅުއްވާލައްވާފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި، ދުނިޔޭގެ އެހެން ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުން ފަދައިން ދިވެހިންނަކީ އަބަދުވެސް ވަރަށް މަސައްކަތްތެރި ބައެއް ކަމަށާއި، މުސްލިމުންގެ މި ހިތްވަރާއި ފަންނުވެރިކަމަށް އިތުރަށް ބާރުއަޅައި އެކަން އިތުރަށް ތަރައްޤީ ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.


ވާލްޑް އިސްލާމިކް އިކޮނޮމިކް ފޯރަމަކީ ދުނިޔޭގައިވާ ކުރިއަރަމުން އަންނަ މުސްލިމް ޤައުމުތަކުގެ މެދުގައި އިޤްތިޞާދާއި ވިޔަފާރިއާ ބެހޭގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމަށް ބާއްވާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ދުނިޔޭގެ ޤައުމުތަކުގެ ބައެއް އިސްވެރިންނާއި ސަރުކާރާއި އަމިއްލަ ވިޔަފާރިވެރިންނާއި ބޮޑެތި ކުންފުނިތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަ އެވެ. ގާތްގަނޑަކަށް ދެހާހެއްހާ ބޭފުޅުން މި ފޯރަމުގައި ބައިވެރިވެވަޑައިގަންނަވާ ކަމަށް މަޢްލޫމާތު ލިބިފައިވެ އެވެ.