ރައްޔިތުންގެ ސިއްހީ ކަންކަމަށް، ކޮންމެ ރައްޔިތަކަށް އަހަރަކު 810 ޑޮލަރު (12490 ދިވެހި ރުފިޔާ) ސަރުކާރުން ހަރަދުކުރާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މިއަދު ފެށި ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ސަރަހައްދީ ބައްދަލުވުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ، ސިއްހީ ކަންކަމަށް ދިވެހި ސަރުކާރުން ކުރާ ހަރަދު ބޮޑުތަން އިތުރުވެފައިވާ ކަމަށެވެ.

އެގޮތުން، ސިއްހީ ދާއިރާއަށް ސަރުކާރުން ހަރަދުކުރާ މިންވަރު 130 ޕަސެންޓް އިތުރުވެފައިވާއިރު، ސިއްހީ ކަންކަމަށް ކޮންމެ ގޭބިސީއެއްގެ އަމިއްލަ ޖީބުން ހަރަދުކުރާ މިންވަރު 49 ޕަސެންޓުން 29 ޕަސެންޓަށް ދަށް ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

"ކޮންމެ ރައްޔިތަކަށް އަހަރަކު 810 ޑޮލަރު ސަރުކާރުން މިހާރު ހަރަދުކުރޭ. އެއީ މެދު މިނެއްގެ އާމްދަނީއެއް ލިބޭ އެހެން ގައުމުތަކާ އަޅާބަލާއިރު ދެ ގުނަ އިތުރު އަދަދެއް،" ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އެ ވިދާޅުވި ގޮތަށް ކޮންމެ ރައްޔިތަކަށް އަހަރަކު 810 ޑޮލަރު ހަރަދުކުރާނަމަ، 4.2 ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ރައްޔިތެއްގެ ސިއްހީ ކަންކަމަށް ހަރަދުކުރާނެ އެވެ.

ބައްދަލުވުމުގެ ހަވާސާ އިން ބޭރުން ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަފުޅުދައްކަވަމުން ސައުތު އީސްޓް އޭޝިއާއަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅުއްވާފައި ހުންނަވާ ރީޖަނަލް ޑިރެކްޓަރު ޑރ. ޕޫނަމް ކެތްރަޕަލް ސިންގު ވެސް ވިދާޅުވީ، ދައުލަތުގެ ބަޖެޓުގެ 26 ޕަސެންޓް ސިއްހީ ދާއިރާއަށް ހަރަދު ކުރާކަމީ ޑަބްލިއުއެޗްއޯއިން އެކަމަކާ އުފާ ކުރާ ކަމެއް ކަމަށެވެ.

އަދި ރާއްޖެއަކީ އިރުމަތީ އޭޝިއާ ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު ސިއްހީ ދާއިރާއަށް އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވާ ގައުމުކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، ސިއްހީ ދާއިރާއަށް ބޮޑު ބަޖެޓެއް ކަނޑައަޅާފައި އޮތް ނަމަވެސް ރާއްޖެ އުފެދިފައި އޮންނަ ގޮތުން ޖިއޮގްރަފީ ގޮތުން ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

"ރާއްޖެއާ ބެހޭ ގޮތުން ވާހަކަދެއްކުމުގެ ކުރިން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކަށް ބަލަންޖެހޭ. ކޮންމެ ރަށެއްގައި ފާމަސީއެއް ހެދުމަކީ ރަނގަޅު ފެށުމެއް ކަމެއް. ދެން އޮތް ސުވާލަކީ ކިހާ އަވަކަށްތޯ ރައްޔިތުން ބޭނުންވާ ބޭސް އެމީހުންނަށް ލިބޭނީ،" ރާއްޖޭގެ ސިއްހީ ނިޒާމާމެދު ޑަބްލިއުއެޗްއޯއިން ހިތްހަމަޖެހޭ ކަމަށް ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ޕޫނަމް ވިދާޅުވިއެވެ.

މިއަދު ރާއްޖޭގައި ޑަބްލިއުއެޗްއޯ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ސަރަހައްދީ ބައްދަލުވުމަކީ އިރުމަތީ އޭޝިއާގައި ފާހަގަކުރެވޭ ސިއްހީ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ޑަބްލިއުއެޗްއޯއިން ބާއްވާ އެންމެ މަތީ ފަންތީގެ ފޯރަމްއެކެވެ.

އަހަރަކު އެއްފަހަރު ބާއްވާ ބައްދަލުވުމުގައި އާއްމު ސިއްހަތުގެ އެތައް މުހިއްމު މައްސަލަތަކަށް އިޝާރާތްކޮށް މަޝްވަރާ ކުރެވި ގޮތް ނިންމޭނެއެވެ.

އެގޮތުން ރާއްޖޭން ރިޔާސަތު ބަލަހައްޓާ މިއަހަރުގެ ބައްދަލުވުމުގައި އެންމެ ހާއްސަ ގޮތެއްގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވަމުން އަންނަ ނުރައްކާތަކަށް މެމްބަރު ގައުމުތަކުގެ ސިއްހީ ނިޒާމް ތައްޔާރުވުމާ ގުޅޭގޮތުންނެވެ.

މަޝްވަރާތަކަށްފަހު ސަރަހައްދުގެ ސިއްހަތާބެހޭ ވަޒީރުންގެ ގަރާރެއް ފާސްކޮށް އެކަމުގައި ކުރިއަށް އޮތްތަނުގައި މަސައްކަތްކުރުމަށް ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ތައްޔާރުކުރެވޭ ސަރަހައްދުގެ ފްރޭމްވޯކެއް ފާސްކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެ މައުޟޫގެ އިތުރުން 2030 ވަނަ އަހަރު އައުމުގެ ކުރިން އިރުމަތީ އޭޝިއާގެ ގައުމުތަކުން ޓީބީ އަދި ވައިރަލް ހެޕަޓައިޓިސް ނައްޓާލުމާއި ބަލިފަތުރާ ސޫފާސޫފި ނުވަތަ "ވެކްޓަރ ކޮންޓްރޯލް" ކުރުމާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން މަޝްވަރާ ކުރެވޭނެ އެވެ.

އަދި "އެންޓި މައިކްރޯބިއަލް ރެސިސްޓެންސް" އަދި ފަސޭހައިން ސިއްހީ ފަރުވާއަށް ބޭނުންވާ ބޭސް ލިބޭނެ ނިޒާމެއް ގާއިމްކުރުމަށް މަޝަވަރާކޮށް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ޑަބްލިއުއެޗްއޯގެ ސަރަހައްދީ ބަޖެޓް ކަނޑައެޅުމަށް ވެސް މަޝްވަރާ ކުރެވޭނެ އެވެ.

މިއަހަރުގެ ބައްދަލުވުމުގައި ސަރަހައްދުގެ 11 ގައުމުން ސިއްހަތާބެހޭ ވަޒީރުންނާއި ސިއްހަތާ ބެހޭ ވުޒާރާގެ އިސްފަރާތްތަކުގެ އިތުރުން ޑަބްލިއުއެޗްއޯ ސަރަހައްދީ އޮފީހުގެ އިސް ބޭފުޅުންނާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރު ޖެނެރަލް ޑރ. ޓެޑްރޯސް ގެބްރިޔެސަސް ބައިވެރިވެވަޑައިގަންނަވަ އެވެ.