ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނަރަލް އަހުމަދު ސަމީރު އަނެއްކާ ވެސް ފުލުސް އޮފީހަށް ހާޒިރުވާން އަންގައި ޗިޓް ހަވާލުކޮށްފި އެވެ.

މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ ރޭ މ. ކުނޫޒް ކައިރިން ސަމީރު ހައްޔަރުކުރި ނަމަވެސް ކޯޓުން ވަނީ އޭނާގެ މައްޗަށް ޝަރުތުތަކެއް ކުރުމަށްފަހު ދޫކޮށްލަފައެވެ. ނަމަވެސް ފުލުހުން ވަނީ އެ މައްސަލާގެ ތަހުގީގަށް މީގެ ކުރިން ވެސް ސަމީރު ފުލުހަށް އޮފީހަށް ހާޒިރުކޮށް ބަޔާން ނަގާފައެވެ.

ސަމީރު ވިދާޅުވީ މާދަމާ ހަވީރު 5:00 ޖަހާއިރަށް ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވާ ކަމަށާއި އެއީ ކުނޫޒް ކައިރިން އޭނާ ހައްޔަރުކުރި މައްސަލާގައި ބަޔާން ނެގުމަށް ކަމަށެވެ.

އެރޭ ސަމީރު ހައްޔަރުކޮށްފައި ވަނީ ކުނޫޒްު ކުރިމަތީގައި ހުރެ ރާއްޖެ ޓީވީއަށް އިންޓަވިއުއެއް ދެއްވަމުން ގެންދަވަނިކޮށް އެ ސަރަހައްދު ދޫކޮށް ދިއުމަށް ފުލުހުން އެންގުމުން ވެސް އެ ސަރަހައްދުން ދުރަށް ނުގޮސް ފުލުހުންނަށް ނުކިޔަމަންތެރިކަން ދެއްކުމުންނެވެ.

ކޯޓުން ސަމީރު ދޫކޮށްލާފައި ވަނީ ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމަށާއި ފޯނު ނަންބަރު ދިނުމަށާއި ޖިނާއީ ކުށެއްގައި ބައިވެރިނުވުމަށް ޝަރުތުކޮށްފަ އެެވެ.

ސަމީރުގެ މައްޗަށް ފުލުހުން ވަނީ ހަތަރު ތުހުމަތެއް ކޮށްފަ އެވެ. އެ ތުހުމަތުތަކުގެ ތެރޭގައި ފުލުހުހެއްގެ ގައިގާ އަތްލުމާއި ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ހުރަސްއެޅުމާއި އާންމު މަސްލަހަތު ނަގާލަން އުޅުނު ކަމުގެ ތުުހުމަތާއި ތަނަކުން ފިލައިގެން ދިއުން ހިމެނެއެވެ.