މިޔަންމާގެ ރަހައިން ސްޓޭޓްއިން ބަންގްލަދޭޝް އަށް ހިޖުރަކުރަމުންދާ މުސްލިމުންނަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން ދިވެހި ރެޑް ކްރެސެންޓް ސޮސައިޓުން ފަންޑެއް ހުޅުވަން ނިންމައިފި އެވެ.

ފަންޑް ހުޅުވުމުގެ މަގްސަދަކީ މިޔަންމާގެ ރަހައިން ސްޓޭޓްގައި ހިނގަމުންދާ ހަމަނުޖެހުންތަކުން ސަލާމަތްވުމަށް ޓަކައި ރެފިއުޖީންގެ ގޮތުގައި ބަންގްލަދޭޝް އަށް ޖަމާވާ މީހުންނަށް އަވަސް ގޮތެއްގައި އިންސާނީ ހައްގުތައް ފޯރުކޮށްދިނުން ކަމަށް ރެޑް ކްރެސެންޓް އިން ބުންޏެވެ.

ރަހައިން ސްޓޭޓްގައި ވަނީ ހަމަނުޖެހުންތައް އިތުރުވެފަ އެވެ. އިންސާނީ ހައްގުތައް މުޅިން ނެތިފަ އެވެ. އިންސާނީ ހިމާޔަތް ވަނީ ނުރައްކާތެރި އަނދަވަޅަކަށް ވެއްޓިފަ އެވެ. މީގެ ސަބަބުން އެތައް ހާސް ބަޔަކު ވަނި އެ ސްޓޭޓް ދޫކޮށް ބަންގްލަދޭޝް އަށް ހިޖުރަކޮށްފަ އެވެ. އަދި ސަބަބުން ބަންގްލަދޭޝްގެ އެހީ އަށް ބޭނުންވެ ހާލުގައި ޖެހިފައިވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

އައިއެފްއާރްސީ އިން ވަނީ މި ހާލަތާ ބެހޭ ގޮތުން އެ ޖަމާއަތުގެ އެމަޖެންސީ އެހީ ފޯރުކޮށްދޭން ފަށައިފަ އެވެ.

މިޔަންމާގެ ރަހީން ސްޓޭޓްގައި އެގައުމުގެ އަސްކަރިއްޔާ އިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެން ވޭތުވެ ދިޔަ 10 ވަރަކަށް ދުވަހުގެ ތެރޭގައި މިޔަންމާ ދޫކޮށް ބަނގުލަދޭޝަށް ހިޖްރަކުރި ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ އަދަދު 90،0000 އަށް އަރަ އެވެ.

ފައިސާގެ އެހީ ދިނުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 20ގެ ނިޔަލަށެވެ. ފައިސާ ޖަމާކުރަން ހަމަޖެހިފައިވާ އެކައުންޓްގެ ތަފްސީލް ތިރީގައި އެ ވަނީ އެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް

އެކައުންޓް ނަން : މޯލްޑިވިއަން ރެޑް ކްރެސެންޓް

އެކައުންޓް ނަންބަރު: 100-55500036-01-9901

ބޭންކް އޮފް މޯލްޑިވްސް

އެކައުންޓް ނަން: މޯލްޑިވްސް ރެޑް ކްރެސެންޓް

އެކައުންޓް ނަންބަރު: 001-176022-7701