ރާއްޖޭގައި ބާއްވާ ގެސްޓްހައުސް މޯލްޑިވްސް ދެ ވަނަ ކޮންފަރެންސް ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ބާއްވަން ނިންމައިފިއެވެ.

ގެސްޓްހައުސް މޯލްޑިވްސް ބާއްވަމުން އަންނަ ގެޓް އަވޭސް އިން ބުނީ މި މަހުގެ 23 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ގެސްޓްހައުސް މޯލްޑިވްސް ކޮންފަރެންސް އޮންނާނީ ޕެރަޑައިސް އައިލެންޑް ރިސޯޓް މޯލްޑިވްސްގެ ކޮންފަރެންސް ރޫމްގައި ކަމަށެ.

މޯލްޑިވްސް ގެޓްއަވޭސް އިން ބުނީ، އަންނަ މަހު ބާއްވަން ހަމަޖެހިފައިވާ ގެސްޓްހައުސް ކޮންފަރެސްގައި ޖުމްލަ 200 ގެސްޓްހައުސްއެއްގެ ވެރިންނާ އި މެނޭޖަރުން އަދި ގެސްޓްހައުސް ތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން ބައިވެރިވާނެ ކަމަށެވެ.

މި ކޮންފަރެންސްގައި އެންމެ މަގްބޫލް އޮންލައިން ޓްރެވަލް އެޖެންޓްސް ކަމުގައިވާ އެކްސްޕީޑިއާ އާއި ބުކިން ޑޮޓް ކޮމް ބައިވެރިވާނެނެކަމަށް ގެޓްއަވޭސް އިން މައުލޫމާތުދެއެވެ. މީގެ އިތުރުން ރާއްޖޭގެ ބަޖެޓް ޓްރެވަލް އިންޑަސްޓްރީގައި މަސައްކަތް 50 އެޖެންޓުންވެސް މި ކޮންފަރެންސްގައި ބައިވެރި ވާކަމަށް ގެޓްއަވޭސް އިން ބުންޏެވެ.

މޯލްޑިވްސް ގެޓްއަވޭސްއިން ބުނީ، ގެސްޓްހައުސް ކޮންފަރެންސްގައި ބައިވެރިވާ ފަރާތްތަކަށް ގެސްޓްހައުސް މޯލްޑިވްސް މެގަޒިންގެ 2018 ވަނަ އަހަރުގެ އަދަދުގައި ހިލޭ ލިސްޓުކުރުމުގެ ފުރުސަތު ލިބޭނޭ ކަމަށެވެ.

ގެސްޓްހައުސް މޯލްޑިވްސް މެގަޒިނަކީ ރާއްޖޭގެ ގެސްޓްހައުސްތަކާ ބެހޭ ގޮތުން ނެރެވޭ ހަމައެކަނި ޕްރިންޓް މެގަޒިނެވެ. އެ މަޖައްލާގެ 5،000 އަށް ވުރެ ގިނަ ކޮޕީ، ކޮންމެ އަހަރަކު ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަހައި، ރާއްޖޭގެ ގެސްޓްހައުސްތައް މާކެޓު ކުރެއެވެ.

ގެސްޓް ހައުސް މޯލްޑިވްސްގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ސަންއޮންލައިން އާއެކު ގެޓްއަވޭސް އިން ވަނީ ސޮައި ކޮށްފައެވެ.