26 Jul 2011, 14:57
ބަޔަކު ކިތައްމެ ވަރެއް ކުރިޔަސް ދެން ރާއްޖެއަށް ރަސްކަން ނުގެނެވޭނެ ކަމަށް، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ، ކަރަންކާ އިބްރާހިމް ރަޝީދު (ނޫނު އައިނު އައިނު) ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދައުލަތަށާއި، އަގުހުރި ޚިދްމަތްތަކެއް ކޮށްދެއްވި އަށް ބޭފުޅަކަށް، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަން އެރުވުމަށް މިއަދު ބޭއްވި ރަސްމީ ދަރުބާރުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރަޝީދަށް ނޫނުއައިނުއައިނު އަރުވީ ވެސް މިއަދު އެވެ.
ބެރު ދުންމާރި ތާޅަފިއްޔާއެކު ހަތްކޮޅު ހިމެނޭ ގޮތަށް، ދިވެހި ރަސް ކަމުގެ ޝާހީ ސިފަތަކާއި ހައިބަތު ދައްކުވައިދީފައި އޮތް ދަރުބާރުގައި ރަޝީދު ވިދާޅުވީ ރަސްމިއްޔާތުން އެމަނިކުފާނަށް ފެނިވަޑައިގެންނެވީ ޝާހީ ކަންތައްތަކުގެ ވާހަކަ ދަންވައިލަން ޖެހިވަޑައިގަންނަވާތީ ވަރަށް ބޮޑަށް މާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"... މިތަނުން ފެނުނު ޝާހީ ކަންކަމާ ބެހޭ ގޮތުން، އަޅުގަނޑު އަދަބުވެރިކަމާއެކު މާފަށް އެދެން މިތަނުން މިފެނުނު ޝާހީ ކަންކަކަމާ ބެހޭ ގޮތުން އަޅުގަނޑު ދަންނަވާނީ ދެން ކިތަންމެ ޒަމާނެއް ވިޔަސް ރާއްޖޭގެ ޖުމްހޫރިއްޔަތެއް ދެނެއް ރަސްކަމަކަށް ބަދަލެއް ނުވާނޭ،" ރަސްކަމުގެ ޒަމާނުގެ ކޮލިލުމުގައި ބޭނުން ކުރި ބައެއް އާދަތައް ވެސް ހިމަނާފައިވާ ދަރުބާރުގައި ރަޝީދު ވިދާޅުވި އެވެ. "އެއީ ޔަގީން ކަމެއް މިކަން އިއުލާން ކުރެވިފައި މިއޮތީ މަރުހޫމް އަހުމަދު ޒަކީ ވަޒީރުންގެ މަޖިލީހުގައި ވިދާޅުވީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ އިއުލާން ކުރަން އެންމެ ރަނގަޅު ދުވަހަކީ ނޮވެމްބަރު 11 ކަމަށް އެވިދާޅުވި ވިދާޅުމަށް ނޮވެމްނަރު 11 ވިލޭރޭ 12 ޖެހިއިރު އެކަން އިއުލާން ކުރީ. އެހެންވީމާ މި ބަދަލެއް ނުވާނެ. ދެނެއް ކިތަންމެ ބަޔަކު މަސައްކަތް ކުރިޔަސް އެއީ ވާނެ ކަމެއް ނޫން"
ރަޝީދުގެ ވާހަކަފުޅުގައި ރާއްޖޭގެ މިނިވަން ކަމަށް ރައީސް އިބްރާހިމް ނާސިރު ކުރެއްވި މަސައްޕުޅަށް ޝުކުރު ދެންނެވި އެވެ. ނާސިރަށް ނިސްބަތް ކުރައްވާ ވިދާޅުވީ މީހަކަށް ރަނގަޅު ކަމެއް ވާނީ އެމީހަކު ކޮށްފައި ހުރި ނުރަނގަޅު ކަންކަމަށް ވުރެ ރަނގަޅު ކަންކަން ގިނަވުމުން ކަމަށާއި އެކަން ދީނީ އިލްމުވެރިން ވެސް ގަބޫލުފުޅު ކުރައްވާނެ ކަމަށެވެ.
ނޫނުއައިނުއައިނު އާއި ދައުލަތުގެ އިއްޒަތް ލިބިވަޑައިގެންވި ބޭފުޅުންގެ ފަރާތުން ރަޝީދު ވިދާޅުވީ އެބޭފުޅުން ކުރި މަސައްކަތް ހޯދައި ބަލައި އަގުވަޒަން ކުރެއްވި ކަމަށްޓަކައި ސަރުކާރަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
"އަޅުގަނޑަށް އިތްޒަތް ދެއްވި ކަމަށްޓަކައި ޝކުރު ދަންނަވަން އަދި ވަރަށް މާފަށް އެދެން ވާހަކަ ދައްކަން ނޭނގޭ މީހަކަން ހަވާލު ކުރީތީ . އަޅުގަނޑު ދެއްކި ވާހަކައި ހިތްޕުޅު ހަމަނުޖެހޭ ކަމެއް ވާނަމަ މާފަށް އެދެން،" ރަޝީދު ވިދާޅުވި އެވެ.