މިދިޔަ މަހުގެ 19 ވަނަ ދުވަހު ކ. ހިންމަފުށީގައި ހުންނަ ލައިފް ފެން ފެކްޓަރީގައި މަސަތްކަތްކުރި ބިދޭސީއެއް މަރުވެފައި އޮއްވާ ފެނުނު މައްސަލައާ ގުޅިގެން އެ ތަނުގެ މެނޭޖަރު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އުމުރުން 44 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އިތުރު ތަފްސީލެއް އޮފިޝަލް ދެއްވާފައެއް ނުވެއެވެ.

ނަމަވެސް އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެތަނުގެ މެނޭޖަރުކަން އިތުބާރު ހުރި ފަރާތަކުން ވަނީ 'ސަން' އަށް ކަށަވަރުކޮށްދީފައެވެ.

ބިދޭސީ މީހާގެ މަރުގެ މައްސަލާގައި މީގެ ކުރިން ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ ދިވެހި ފިރިހެނެކެވެ. ކޯޓުން ވަނީ ތަހުގީގު ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ހުކުމް ކޮށްފައެވެ.

ހިންމަފުށިން ވާހަކަ ދެއްކި މީހަކު މީގެ ކުރިން ބުނެފައިވަނީ ބަންގްލަދޭޝް މީހާ ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. އަދި އޭނާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް ގަބޫލު ކުރެވޭ ކަަމަށް ޑޮކްޓަރު ބުނެފައިވާ ކަމަށެވެ.

މަރުވި ސަބަބު ދެނެގަނެވިފައި ނުވި ނަމަވެސް، އުމުރުން 38 އަހަރުގެ އެ ބަންގްލަދޭޝް މީހާ ފުލުހުން ވަނީ އޭނާގެ އާއިލާއާ ހަވާލުކޮށްފައެވެ.