ވޯލްޑް ކަޕް ކޮލިފައިންގައި ބޮލީވިއާ އަތުން ކޮޕާ އެމެރިކާގެ ޗެމްޕިއަން ޗިލީ ބަލިވިއިރު، ބްރެޒިލް އަދި އާޖެންޓީނާއަށް ޕޮއިންޓެއް ލިބިއްޖެ އެވެ.

ދެކުނު އެމެރިކާ ބައްރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ރަށުން ބޭރުގައި ބޮލީވިއާ އަތުން ޗިލީ ބަލިވީ 1-0 ލަނޑުގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ފުރަތަމަ ހާފުގައި ޗިލީއަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރު ވެގެންދިޔަ އެވެ. އެގޮތުން ފުރަތަމަ ހާފުގައި ޗިލީގެ އާޓުރޯ ވިޑާލްއާއި އެލެކްސިސް ސަންޗޭޒް އަދި އެޑުއާޑޯ ވާގަސްއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެ އެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗުގައި ބޮލީވިއާ ލީޑު ހޯދީ 59 ވަނަ މިނެޓުގަ އެވެ. ޗިލީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެ ޓީމުގެ މާސެލޯ ޑިއާޒް ބޯޅާގައި އަތްލުމުން ބޮލީވިއާއަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދިނީ ހުއާން ކާލޯސް އާސޭ އެވެ. އޭނާ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ޗިލީ ގޯލުގެ ތިރީ ކަނަށެވެ.

ޗިލީއަށް ރަނގަޅު ހަމަލާއެއް އުފެއްދުމަށް މަސައްކަތްތަކެއް ކުރަމުން ދަނިކޮށް، ބޮލީވިއާއަށް ލީޑު ފުޅާކޮށްލުމަށް ފުރުސަތެއް ލިބިގެންދިޔަ އެވެ. ބޮލީވިއާގެ ޕެނަލްޓީ ކާމިޔާބުކޮށްދިން އާސޭ، މެޗުގެ 83 ވަނަ މިނެޓުގައި ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެ އެވެ. މެޗުގެ އެންމެ ފަހު މިނެޓުގައި ބޮލީވިއާގެ އެލެޖެންޑްރޯ ޗުމަސޭރޯއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ވެސް ދައްކާފައިވެ އެވެ.

ކޮލަމްބިއާ އިން ވަނީ ރޭ ބްރެޒިލްގެ މޮޅުވުމުގެ ރެކޯޑަށް ނިމުމެއް ގެނެސްފަ އެވެ. ކޮލަމްބިއާގައި ކުޅުނު އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. އެ މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބްރެޒިލްއަށް ވިލިއަން ލީޑު ހޯދައިދިން ނަމަވެސް، މެޗުގެ 56 ވަނަ މިނެޓުގައި ރަޑަމެލް ފަލްކާއޯ ވަނީ ކޮލަމްބިއާއަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

ރޭ އަމިއްލަ ދަނޑުގައި ލިއޮނެލް މެސީގެ ކެޕްޓަންކަމުގެ ދަށުން ކުޅެމުން ދިޔަ އާޖެންޓީނާ ސަލާމަތްވީ ވެނެޒުއޭލާ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. އެ މެޗުގެ 50 ވަނަ މިނެޓުގައި ޖޯން މުރިއްލޯ ވެނެޒުއޭލާއަށް ލީޑު ހޯދައިދިންއިރު، އެޓީމުގެ ރޮލްފް ފެލްޓްސްޗާ އަތުން ބައިކޮޅަށް ލަނޑު ވަދެފައި ވަނީ އެ ޓީމުން ލީޑު ހޯދިތާ ހަތަރު މިނެޓް ފަހުންނެވެ.

ބްރެޒިލް އެއްވަނާގައި އޮތީ ކުޅުނު 16 މެޗުން ލިބުނު 37 ޕޮއިންޓާއެކު އެވެ. ދެވަނާގައި އޮތް އުރުގުއާއީއަށް 27 ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނާގައި އޮތް ކޮލަމްބިއާއަށް ލިބިފައި ވަނީ 26 ޕޮއިންޓެވެ. ހަތަރުވަނާގައި އޮތް ޕެރޫއާއި ފަސްވަނާގައި އޮތް އާޖެންޓީނާއަށް ވެސް ލިބިފައި ވަނީ 24 ޕޮއިންޓެވެ. ކޮޕާ އެމެރިކާގެ ޗެމްޕިއަން ޗިލީ އޮތީ 23 ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ.