ދިއްލީ(ސެޕްޓެމްބަރު 6): ހައްދުފަހަނައަޅާފައިވާ ހިންދޫންނަށް ފާޑު ކިޔަމުންދިޔަ އިންޑިއާގެ މަޝްހޫރު ނޫސްވެރިއެއް ކަމަށްވާ ގޯރީ ލަންކޭޝްގެ ގަޔަށް ބަޑިޖަހައި މަރާލައިފި އެވެ.

ފުލުހުން ބުނި ގޮތުގައި ރޭގެ ވަގުތެއްގައި ލަންކޭޝް މަރާލީ ބެންގަލޫރުގައި ހުންނަ އޭނާގެ ގޭގެ ދޮރުމަތީގައި ހުއްޓައެވެ. އަދި އޭނާގެ ގަޔަށް ބަޑި ޖެހީ ތިން މީހަކު ކަމަށާއި އެހަމަލާ ދިން ސަބަބު ލަފާ ކުރަން އަދި މާއަވަސް ކަމަށް ފުލުހުން ބުންޏެވެ.

ލަންކޭޝްއަކީ ހިންދޫ ނޭޝަނަލިސްޓު ޖަމާއަތްތަކަށް ފާޅުގައި ފާޑު ކިޔަމުން ދިޔަ ނޫހެއްގެ އެޑިޓަރެކެވެ. އަދި އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ބައެއް މެމްބަރުން ވައްކަން ކުރި ކަމަށް ބުނެ މިދިޔަ އަހަރު އޭނާ ލިޔުނު ރިޕޯޓަކާ ގުޅިގެން އޭނާއާ ދެކޮޅަށް އަބުރުގެ ދައުވާކޮށްފައިވެ އެވެ.

އޭގެ ސަބަބުން ލަންކޭޝް ވަނީ ހަ މަހަށް ޖަލަށްލުމަށް ފަހު ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ. އޭނާ މަރާލީ އެމައްސަލަ އިސްތިއުނާފުކޮށްފައި ވަނިކޮށެވެ.

މީގެ ކުރިން ލަންކޭޝް ވަނީ އޮންލައިންކޮށް އޭނާއަށް އިންޒާރު ލިބޭ ކަމަށާއި އޭގެ ސަބަބުން އިންޑިއާގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތް މިންވަރާ ބެހޭ ގޮތުން ކަންބޮޑުވާ ކަމަށް ބުނެފައެވެ.

ދި ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް އިން މިދިޔަ އަހަރު ނެރުނު ރިޕޯޓެއްގައިވާ ގޮތުން 1992ގެ ފަހުން އިންޑިއާގައި 27 ނޫސްވެރިން މަރާފައިވެއެވެ. (ގާޑިއަން)