26 Jul 2011, 14:52
އެމްއެންޑީއެފުން އަލަށް ތަޢާރަފްކުރި "ކޯ އޮފް އިންޖީނިއާޒް"، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު އިފްތިތާހު ކޮށްދެއްވައިފި އެވެ.
އެމްއެންޑީއެފުން ބުނީ އިންޖިނިއަރިން ކޯ އުފެދުމުގެ ކުރިން ސިފައިން ހަރަކާތްތެރިވެފައި ވަނީ އެމްއެންޑީއެފްގެ އިންޖިނިއަރިން ޔުނިޓްތައް އިސްވެތިބެ، ސިފައިންގެ ތެރެއިން ހޮވާލާ ޓީމުތަކެއް ބޭނުންކޮށްގެން ކަމަށެވެ. މިއަދު “ކޯ އޮފް އިންޖިނިއާޒް” އުފެދުމާ އެކު ސިފައިންގެ ތެރޭގައި އިންޖިނިއަރިން މަސައްކަތްކުރާ ޔުނިޓްތައް އެއް ކޮމާންޑެއްގެ ދަށަށް ވަނީ ގެނެސްފަ އެވެ. އެގޮތުން އިންޖިނިއަރުންގެ މަސައްކަތްތައް ރާވައި ހިންގާ އަދި އިސްކަންދޭ ތަރުތީބު ކަނޑައަޅާ ފަރާތަކީ އެއް ކޮމާންޑަރަކަށް ވެގެންދާނެ އެވެ.
މިއަދު އިފްތިތާހުކުރި “ކޯ އޮފް އިންޖިނިއާޒް” ވުޖޫދަށް ގެނައުމުގެ މަގްސަދުތަކުގެ ތެރޭގައި ސިފައިންގެއަށް ބޭނުންވާ އިންޖިނިއަރިންގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ހަލުއިކަމާ އެކު ފޯރުކޮށްދިނުމާއި ދަޢުލަތުން އެމްއެންޑީއެފްގައި އެދޭ އިންޖިނިއަރިންގެ މަސައްކަތްތައް ޒަމާނުގެ ވަސީލަތްތަކުގެ އެހީގައި މިހާރަށް ވުރެ ޚަރަދު ކުޑަކޮށް ކުރުމާއި އަދި ސިފައިންގެ ތަސައްވުރު ރަނގަޅު ކުރުމުގެ ގޮތުން އިންޖިނިއަރިންގެ ރޮނގުން ޚިދުމަތް ފޯރުކޮށްދިނުން ހިމެނޭ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އިންޖިނިއާޒް ކޯ އިފްތިތާހުކުރުމަށް ބަންޑާރަކޮށީގެ ޝަހީދުންގެ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވީ، ދިވެހި ސިފައިންނަކީ އެ އިރެއްގައި އެވަގުތަކަށް ބޭނުންވާ ކޮންމެ ކަމެއް ވަރަށް އަވަހަށް، ވަރަށް ފުރިހަމައަށް އަދި ވަރަށް ކެރުންތެރިކަމާއެކީގައި ބާރަށް ގެންގޮސް ނިންމާލެވޭ ބަޔަކަށް ވާންޖެހޭ ކަމަށެވެ. އަދި އެކަމަށްޓަކައި ސިފައިންގެ ކިބައިގައި އިންޖިނިއަރިންގެ ހުނަރު ވަރަށް ރަނގަޅަށް ހުންނަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ސަރުކާރުގެ ފަރާތުންނާއި ރައްޔިތުންގެ ފަރާތުން ވެސް ދިވެހި ސިފައިންގެ ކިބައިން އިތުރު މަސައްކަތްތަކެއް ކުރުމަށް އަބަދުވެސް އެދޭ ކަމަށާއި، އެ މަސައްކަތްތައް ކޮށްދިނުމުގައި ދިވެހި ސިފައިންނަށް އެހީތެރިވެވޭނެ މިންވަރަކުން އެހީތެރިވެދިނުމަކީ ކޮންމެ ސިފައިންގެ މީހެއްގެ ވެސް ވަރަށް ބޮޑު އުފަލަކަށް ވާނެ ކަމަށް އެމަނިކުފާނު ޔަޤީންކުރައްވާ ކަމަށެވެ. ހަމައެއާ އެކު، ކަމެއްދަމެއް ދިމާވީމާ ސިފައިން ނިކުމެ، ނުކުރެވޭ އެއްވެސް ކަމެއް އޮވެގެން ނުވާނެ ކަމަށާއި ކޮންމެ ކަމެއް ކުރުމަށް ވެސް ތަމްރީނާއި ތައްޔާރީތައް ސިފައިންގެ ތެރޭގައި ހުންނަން ޖެހޭނީ ފުރިހަމަވެފައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގެ ރަށްރަށުގައި، މިހާރު ކުރަންޖެހިފައިވާ މަސައްކަތްތައް ކުރިއާއި ވަރަށް ބޮޑަށް ތަފާތުކަން ފާހަގަކުރައްވާ، ރައީސް ވިދާޅުވީ، އެމަސައްކަތްތަކުގެ ތެރޭގައި މިހާރު ހިމެނެނީ ޑިޒައިންކުރުމާއި ފެނާއި ނަރުދަމާގެ މަސައްކަތާއި މަގުހެދުމާއި އެއްގަމު ތޮށިލުމާއި ބަނދަރު ހެދުންފަދަ މަސައްކަތްތައް ކަމަށެވެ. މިގޮތުން މިބާވަތުގެ ބޮޑެތި އިންޖިނިއަރިން މަސައްކަތްތަކަކީ ވަރަށް ގިނަ ޢިލްމާއި ހުނަރު ބޭނުންވާ މަސައްކަތްތަކެއްކަމަށާއި ސިފައިންގެ ތެރޭ އެ ހުނަރާއި އިލްމު އެބަހުރި ކަމަށް ރައީސް ވިދާޅުވި އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި، ޑައިރެކްޓްރޭޓް އޮފް ލޮޖިސްޓިކް އެންޑް އިންޖިނިއަރިންގެ، ޑައިރެކްޓަރު އިންޖިނިއަރިންގ، ލެފްޓިނެންޓް ކާނަލް މުޙައްމަދު ނަޝީދު އާއި މިލިޓަރީ އިންޖިނިއަރިންގ ސާރވިސްގެ އޮފިސަރ ކޮމާންޑިން މޭޖާ ޢަލީ ވަޙީދު ވާހަކަފުޅު ދެއްކެވި އެވެ. އަދި އިންޖިނިއަރިންގެ ދާއިރާ އިން ސިފައިން ކޮށްފައިވާ މަސައްކަތްތައް ދައްކުވައިދޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ހުށަހަޅައިދިނުން އޮތެވެ.