06 Sep 2017, 11:43
ލީޗްޓެންސްޓެއިން ކޮޅަށް ސްޕެއިނުން އަށް ލަނޑު ޖަހައި، ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ފުރުސަތު ބޮޑު ކޮށްފިއެވެ.
ރަށުން ބޭރުގައި ރޭ ކުޅުނު މެޗުގައި ލީޗްޓެންސްޓެއިން އަތުން ސްޕެއިން މޮޅުވީ 8-0 ލަނޑުގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ކޮންމެ ހާފެއްގައި ވެސް ސްޕެއިންގެ ފަރާތުން ހަތަރު ލަނޑު ފެނިގެންދިޔައެވެ.
ގިނަ ވަގުތު ބޯޅަ ހިފަހައްޓައި މޮޅު ކުޅުމެއް ދައްކަމުންދިޔަ ސްޕެއިންގެ ފުރަތަމަ ލަނޑު، ޑޭވިޑް ސިލްވާގެ ހުރަހަކުން ކާމިޔާބުކޮށްދިނީ ކެޕްޓަން ސާޖިއޯ ރާމޯސްއެވެ. އެ ލަނޑު ފެނިގެންދިޔައީ މެޗުގެ ތިންވަނަ މިނެޓުގައެވެ. މެޗުގެ 15 ވަނަ މިނެޓުގައި އަންދްރޭސް އިނިއެސްޓާ ނަގައިދިން ހުރަހަކުން ސްޕެއިންގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަލްވާރޯ މޮރާޓާއެވެ.
ސްޕެއިނުން ދެވަނަ ލަނޑު ޖެހިތާ މިނެޓެއް ފަހުން އެ ޓީމުން ވަނީ ތިންވަނަ ލަނޑެއް ކާމިޔާބު ކޮށްފައެވެ. މޮރާޓާ ދިން ބޯޅައަކުން ސްޕެއިނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އިސްކޯއެވެ. ސްޕެއިންގެ ހަތަރުވަނަ ލަނޑު ފެނިގެންދިޔައީ ފުރަތަމަ ހާފު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށެވެ. އެ ލަނޑު ސްޕެއިނަށް ކާމިޔާބުކޮށްދިނީ ސިލްވާއެވެ.
މެޗުގެ 51 ވަނަ މިނެޓުގައި ޕެޑްރޯގެ ހުރަހަކުން، ބަދަލު ކުޅުންތެރިއެއެއްގެ ގޮތުގައި ކުޅެން ނުކުތް އިއާގޯ އަސްޕާސް، ސްޕެއިންގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިންއިރު އޭގެ ތިން މިނެޓް ފަހުން އަސްޕާސް ދިން ބޯޅައަކުން ސްޕެއިންގެ ހަ ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ދެވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން މޮރާޓާއެވެ.
މެޗުގެ 63 ވަނަ މިނެޓުގައި ސްޕެއިންގެ ހަތްވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފަސްވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން އަސްޕާސްއެވެ. މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ފެނުނު ސްޕެއިންގެ އަށް ވަނަ ލަނޑަކީ ލީޗްޓެންސްޓެއިންގެ މެކްސިމިލިއަން ގޯޕެލް އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.
ކޮލިފައިންގެ 'ގްރޫޕް ޖީ'ގައި ރޭ އަމިއްލަ ގައުމުގައި ކުޅެމުންދިޔަ އިޓަލީ ވަނީ 1-0 ލަނޑުގެ ނަތީޖާއަކުން އިޒްރޭލް އަތުން މޮޅުވެފައެވެ. އެ މެޗުގައި އިޓަލީން ކާމިޔާބުކުރި ހަމައެކަނި ލަނޑު، މެޗުގެ 53 ވަނަ މިނެޓުގައި ޖަހައިދިނީ ސިރޯ އިމޯބީލްއެވެ.
އެ ގްރޫޕްގެ އެއްވަނައިގައި އޮތް ސްޕެއިނާއި ދެވަނާގައި އޮތް އިޓަލީއާ ދެމެދު ތިން ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ސްޕެއިނަށް އަށް މެޗުން 22 ޕޮއިންޓް ލިބިފައިވާއިރު، އިޓަލީއަށް ލިބިފައިވަނީ 19 ޕޮއިންޓެވެ. ތިންވަނާގައި އޮތް އަލްބޭނިއާއަށް 13 ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނާގައި އޮތް އިޒްރޭލަށް ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. ފަސްވަނާގައި އޮތް މެސެޑޯނިއާއަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ލީޗްޓެންސްޓެއިންއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.