އދ. މަޖިލިސް (ސެޕްޓެމްބަރ 6) : ޔަމަންގެ އާންމު ރައްޔިތުންނަށް ކުރިމަތިވެފައިވާ އިންސާނީ ހާލަތުގެ ޒިންމާ އުފުލަންޖެހޭނީ އެގައުމަށް ވައިގެ ހަމަލާތައް ދެމުން ގެންދާ އަރަބި ކޯލިޝަންގެ ގައުމުތައް ކަމަށް އދ. އިން ބުނެފި އެވެ.

އިންސާނީ ހައްގުތަކާ ބެހޭ އދ.ގެ ހައިކޮމިޝަނުން ބުނީ 2016 ޖޫން މަހުން ފެށިގެން 2017 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އަރަބި ކޯލިޝަނުން ޔަމަނަށް 4،500 އަށް ވުރެ ގިނަ ވައިގެ ޙަމަލާތައް ދިންކަމަށާއި މިހަމަލާތަކުގައި އާންމުންގެ 933 މީހުން މަރުވެ 1400 މީހުން ޒަޚަމްވެފައިވާ ކަމުގަ އެވެ. އަދި ޔަމަންގެ އިދިކޮޅު ހޫޘީންނާއި ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހްގެ ބާރުތައް ގުޅިގެން ދޭ ހަމަލާތަކުގައި މި މުއްދަތުގައި 280 މީހުން މަރުވެ 420 މީހުން ޒަޚަމްވެފައިވާ ކަމުގަ އެވެ.

އިންސާނީ ހައްގުތަކާ ބެހޭ އދ.ގެ ހައިކޮމިޝަނުން ނެރުނު ރިޕޯޓެއް ބުނާގޮތުން ޔަމަންގެ ހަނގުރާމައިގެ ސަބަބުން ނަވާރަ މިލިޔަން މީހުން ހާލުގައި ޖެހި އިންސާނީ އެހީއަށް ބޭނުންވެފައި އެބަތިއްބެވެ. މިއީ ޔަމަންގެ ރައްޔިތުންގެ ގާތްގަނޑަކަށް 70 ޕަސެންޓެވެ. މީގެ ތެރެއިން ދިހަ މިލިޔަން މީހުންނަކީ ހައިހޫނުކަން ތަހައްމަލް ކުރަން ޖެހޭ ހާލުގައި ތިބި ބައެކެވެ. ހަނގުރާމައިގެ ސަބަބުން ގެދޮރު ހަލާކުވެ ރެފިއުޖީންނަށް ވެފައިވާ ޔަމަން މީހުންގެ އަދަދުވެސް ތިން މިލިޔަނަށް އަރަ އެވެ.

އދ. ބުނާގޮތުން ޔަމަންގެ ރައްޔިތުންނަށް ކޮލެރާގެ ވަބާ އާ ކުރިމަތިލާންޖެހުނީ ވެސް ހަނގުރާމައިގެ ސަބަބުން ފެނާއި ނަރުދަމާގެ ނިޒާމު ހަލާކުވެ ސިއްޙީ ނިޒާމު ރޫޅިގެން ދިޔުމުގެ ސަބަބުންނެވެ. ޔަމަންގެ ފަސް ލައްކަ މީހުންނަށް ކޮލެރާ ޖެހުނުއިރު އޭގެތެރެއިން ހަތަރު ހާސް މީހުންވަނީ ކޮލެރާގައި މަރުވެފައެވެ. ޔަމަންގެ ހޮސްޕިޓަލްތަކާއި ސިއްޙީ ޚިދްމަތްތައް ދޭ ގިނަ ތަންތަންތަންވެސްވަނީ ހަނގުރާމައިގެ ހަމަލާތަކުގައި ހަލާކުވެފަ އެވެ. މިފަދަ ތަންތަން ހަލާކުވެފައި ވަނީ އަރަބި ކޯލިޝަނުންދޭ ވައިގެ ހަމަލާތަކުގަ އެވެ. ޔަމަނުން ކޮލެރާ ނައްތާނުލެވިގެން އުޅެނީ ފެނާއި ނަރުދަމާގެ ނިޒާމު ހަލާކުވެ ސިއްޙީ ނިޒާމު ރޫޅިފައި ވުމުގެ ސަބަބުންނެވެ.

އަރަބި ކޯލިޝަންގައި ހިމެނެނީ ސައޫދީ އަރަބިޔާއާއި ޔޫއޭއީ އާއި ގަތަރާއި ބަހްރައިން އާއި ސޫދާން އާއި މިސްރެވެ. މީގެތެރެއިން ގަތަރުވަނީ ސައޫދީ އާ ޖެހުނު މައްސަލައެއްގައި މިދިޔަ ޖޫންމަހު އަރަބި ކޯލިޝަނުން ވަކިވެފަ އެވެ. މިސްރާއި ސޫދާން އަރަބި ކޯލިޝަންގައި ހަރަކާތްތެރިވަނީ އެއްގަމު މަގުން ކުރާ ހަނގުރާމައިގަ އެވެ. ވައިގެ މަގުން އަރަބި ކޯލިޝަނުން ޔަމަނަށްދޭ ހަލަމާތަކުގައި ހަރަކާތްތެރިވަނީ ޔޫއޭއީ އާއި ސައޫދީ އެވެ.

އަރަބި ކޯލިޝަންގެ ފަހަތުގައި ވަނީ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކެވެ. އެކޯލިޝަންގެ ގައުމުތަކަށް ބޭނުންވާ ހަތިޔާރާއި ތަމްރީންނާއި ފަންނީ އެހީ ފޯރުކޮށްދެނީ އެމެރިކާއާއި ހުޅަނގުގެ އެހެން ބާރުތަކުންނެވެ. (ނޫސްއެޖެންސީތައް)