06 Sep 2017, 11:03
އަންނަ އަހަރު ރަޝިއާގައި ބާއްވާ ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް އެ ޓީމުގެ ކޯޗު ޖަމްޕިއެރޯ ވެންޓޫރާ ބުނެފިއެވެ.
ރަށުން ބޭރުގައި މިދިޔަ ހޮނިހިރު ދުވަހު ސްޕެއިން އަތުން 3-0 ލަނޑުން އިޓަލީ ބަލިވެ، ކޮލިފައިވުމަށް އިޓަލީއަށް ވަނީ އިތުރު ހުރަސްތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެ މެޗުން ބަލިވި ނަމަވެސް، އަމިއްލަ ފަސްގަނޑުގައި ރޭ ކުޅުނު މެޗުގައި އިޒްރޭލް އަތުން އިޓަލީ ވަނީ 1-0 ލަނޑުގެ ނަތީޖާއަކުން މޮޅުވެފައެވެ. 'ގްރޫޕް ޖީ'އިން އޮޓޮމެޓިކް ޖާގައެއް ލިބުމުގެ ފުރުސަތު ބޮޑީ އެއްވަނައިގައި އޮތް ސްޕެއިނަށެވެ.
ގްރޫޕުގެ އެއްވަނައިގައި އޮތް ސްޕެއިންއާއި އިޓަލީއާ ދެމެދު މިހާރު ތިން ޕޮއިންޓްގެ ފަރަގެއް އޮތްއިރު، އަލްބޭނިއާ އަށްވުރެ ކުރީގައި އިޓަލީ އޮތީ ހަ ޕޮއިންޓްގެ ފަރަގަކާއެކުއެވެ. މިވަގުތު ޕޮއިންޓް ތާވަލުގެ ކޮންމެ މަގާމެއްގައި ހަތަރު ފަހަރުގެ ދުނިޔޭގެ ޗެމްޕިއަން އިޓަލީ އޮތް ކަމުގައި ވިޔަސް، ވޯލްޑް ކަޕްގައި ވާދަކުރާ 32 ޓީމުގެ ތެރޭގައި އިޓަލީ ހިމެނޭނެ ކަމަށް އެ ޓީމުގެ ކޯޗު ވެންޓޫރާ ގަބޫލުކުރެއެވެ.
"ގްރޫޕް އެކުލެވިގެން ދިޔައިރު ވެސް އަހަރެމެންނަށް އެނގޭ ގްރޫޕްގެ އެންމެ ކުރީގައި އޮންނަ ޓީމަށް ވޯލްޑް ކަޕުން ފުރުސަތެއް ލިބޭނެކަން. ސްޕެއިންއާ ދެކޮޅަށް ކުޅުނު މެޗުގައި އަހަރެމެންނަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކުނު. އެއީ ސްޕެއިނަށް ހައްގު މޮޅެއް. އަހަރެމެންނަށް ޕްލޭ އޯފްގައި ވާދަކޮށް ޖާގައެއް ލިބޭނެ. ވޯލްޑް ކަޕަށް ކޮލިފައިވާނެ ކަމުގެ ޔަގީންކަން އެބައޮތް،" އޭނާ ބުންޏެވެ.
ވެންޓޫރާ ބުނީ، އިޓާލިއަން ފުޓްބޯލް ފެޑެރޭޝަންގެ ރައީސް ކާލޯ ޓަވެޗިއޯ ދެކޭ ގޮތަށް ވޯލްޑް ކަޕަށް ކޮލިފައިނުވުން ވަރަށް ގޯސް ކަމަކަށް ވެގެންދާނެ ކަމަށާއި އެކަމަކު އެކަމާމެދު މިވަގުތު ވިސްނަމުން ނުދާ ކަމަށެވެ. އަދި އިޓަލީން މިވަގުތު ވިސްނަން ޖެހޭނީ ކުރިއަށް ހުރި މެޗުތަކުން މޮޅުވެ ޕްލޭ އޯފްގެ ޖާގައެއް ހޯދުން ކަމަށް ވެސް އޭނާ ބުންޏެވެ.