ޔޫރަޕިއަން ކްލަބް އެސޯސިއޭޝަން (އީސީއޭ)އިން ހޮވާ އަހަރުގެ އެންމެ މޮޅު ޔޫރަޕްގެ ކްލަބަކަށް، ސްޕެއިންގެ ފުޓްބޯޅައިގެ ގަދަފަދަ ބާރު، ރެއާލް މެޑްރިޑް ހޮވިއްޖެއެވެ.

އީސީއޭއިން ވަނީ ޒައިނުއްދީން ޒިދާންގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ރެއާލަކީ ނިމިދިޔަ 2016/17 ކެމްޕޭންގައި ހުރިހާ ގޮތަކުންވެސް އެންމެ މޮޅު ކްލަބުގެ ގޮތުގައި ނިންމައިފައެވެ.

އީސީއޭގެ އަށް ވަނަ އެވޯޑް ހަފްލާގައި އަހަރުގެ އެންމެ މޮޅު ކްލަބުގެ އެވޯޑާ ހަވާލުވީ، ރެއާލްގެ ތިންވަނަ ނައިބުރައީސް ޕެޑްރޯ ލޮޕޭޒް ޖިމެނޭޒް -- ފޮޓޯ: ރެއާލް މެޑްރިޑް

މިދިޔަ ސީޒަންގެ ލަ ލީގާ ޗެމްޕިއަނުން ވަނީ، މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، 1992 ވަނަ އަހަރު ޔޫރަޕިއަން ކަޕްގެ ނަން، ޔޫއެފާ ޗެމްޕިއަންސް ލީގަށް ރީބްރޭންޑްކުރި ފަހުން އެ މުބާރާތް ދިފާއުކުރި ފުރަތަމަ ކްލަބުގެ ޝަރަފްވެސް ހޯދައިފައެވެ.

އީސީއޭގެ އަށް ވަނަ އެވޯޑް ހަފްލާގައި އަހަރުގެ އެންމެ މޮޅު ކްލަބުގެ އެވޯޑާ ހަވާލުވީ، ރެއާލްގެ ތިންވަނަ ނައިބުރައީސް ޕެޑްރޯ ލޮޕޭޒް ޖިމެނޭޒެވެ.

އީސީއޭއިން ހޮވާ އަހަރުގެ މޮޅު ކްލަބަކަށް ރެއާލް ހޮވިފައިވާއިރު، އެޓީމުގެ ޕޯޗްގީޒް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ، ޔޫއެފާއިން ހޮވި 2016/17 ސީޒަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފައެވެ.