26 Jul 2011, 14:43
އެމެރިކާގެ ފުރަތަމަ ރައީސް ޖޯރޖް ވޮޝިންގޓަން އޭނާގެ ރިޔާސީ ދެވަނަ ދައުރުގެ ފަހުކޮޅުގައި ހާއްސަ ހިތާބެއް ދެއްވި އެވެ. "ވަދާއީ ހިތާބު"ގެ ނަމުން މަޝްހޫރުވި މި ހިތާބު އެންމެ ފުރަތަމަ ޝާއިއުކުރެވުނީ "އެމެރިކަން ޑެއިލީ އެޑްވަޓައިޒަރު"ގެ 19 ސެޕްޓެމްބަރު 1796 ވަނަ ދުވަހުގެ އަދަދުގަ އެވެ. މި ހިތާބުގައި ވޮޝިންޓަން ވިދާޅުވެފައި ވަނީ ޕާޓީ ސިސްޓަމަކީ ގައުމެއް ބައިބައިވެގެންދިޔުމުގެ މަގުގައި އެޅޭ ފުރަތަމަ ފިޔަވަޅު ކަމަށެވެ. ޕާޓީތައް އޮންނަ ސިޔާސީ ނިޒާމެއްގައި ބާރު އޮންނަ ޕާޓީއެއްގެ ވެރީން އެމީހުންގެ ސިޔާސީ ވާދަވެރީންނާއި ދެކޮޅުވެރީންނަށް ރުޅިބޭލުމާއި ހަސަދަފިލުވުމާއި ބަދަލުހިފުންފަދަ މުޑުދާރު ކަންތައްތައް ހިންގާނޭ ކަމަށް ވޮޝިންގޓަން ވިދާޅުވެފައި ވެއެވެ. އޭގެ ސަބަބުން ސިޔާސީ ދާއިރާ މަކަރު ހީލަތާއި ނާޖާއިޒު ވާދަވެރިކަމުގެ ތެރޭގައި ތާށިވެ، ގައުމު ހަލާކުވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ. އެ ދުވަސްވަރަކީ އެމެރިކާގައި ފެޑެރަލިސްޓުން އެއްކޮޅަށް، ޑިމޮކްރެޓިކް-ރިޕަބްލިކަނުން އަނެއްކޮޅަށް ތިބެ، އިނގިރޭސި ވިލާތުގައި އެއިރުވެސް އޮތް ފަދަ ސިޔާސީ ޕާޓީތަކެއް އުފެދުމުގެ ކޮޅުމަތި ފެންނަމުން ދިޔަ ދުވަސްވަރެކެވެ. ވޮޝިންގޓަންގެ "ވަދާއީ ހިތާބު" ގެ މަގުސަދަކީ އެފަދަ ޕާޓީތަކެއް ހަދައިގެން، ސިޔާސީ ގޮތުން ގައުމު "ބައިބައިކުރުމުގެ" އުނި ވިސްނުމާ މެދު ރައްޔިތުންނަށް ނަސޭހަތްތެރިވެވަޑައިގަތުމެވެ. ޕާޓީ ސިސްޓަމްގެ ގެއްލުމާ މެދު ރައްޔިތުންނަށް އިންޒާރު ދެއްވުމެވެ.
އަޅުގަނޑު ޖޯރޖް ވޮޝިންޓަނަށް ވަރަށް ބޮޑަށް އިހުތިރާމް ކުރަމެވެ. ނަމަވެސް އަޅުގަނޑަކީ އޭނާގެ "ސުންނަތަށް" ތަބާވާ މީހެއް ނޫނީމު އެވެ. ސިޔާސީ އަދި އިޖުތިމާއީ މައިދާނުގައި "ރޯލްމޮޑެލެއް" ކަމުގައި އަޅުގަނޑު ބަލަނީ ޖޯރޖް ވޮޝިންގޓަނެއް ނޫނެވެ. ހުރިހާ ގޮތަކުން ވެސް އޭނާއަށް ވުރެ މަތިވެރި އެތައް ނަމޫނާތަކެއް އިސްލާމީ ތާރީހުން އަޅުގަނޑަށް ފެނެ އެވެ. އާދަމް ޢަލައިހިއްސަލާމާ ހަމައިން ފެށިގެން މުޙައްމަދު ނަބީ ކަލޭގެފާނާ ހަމަޔަށް ފޮނުއްވުނު މަތިވެރި ނަބީރަސޫލުންނެވެ. މި އުއްމަތުގެ ހަތަރު ޚަލީފާއިންނެވެ. އޭގެ ފަހުގެ ދައުރުތަކުގައި ފެނިގެން ދިޔަ ހަގީގީ މުސްލިމް ލީޑަރުންނެވެ. މިސާލުތަކެއް ނަގާ ނަމަ، ޚަލީފާ ޢުމަރު ބުނު ޢަބްދުލްޢަޒީޒެވެ. ނޫރުއްދީން ޒަންގީ އެވެ. ޞަލާޙުއްދީނުލް އައްޔޫބީ އެވެ. މީގެ ތެރެއިން ބޭފުޅަކާ އެކު ފަތިފިރުކައިލެވޭ ފަދަ އެއްވެސް ލީޑަރަކު، ދުނިޔޭގެ އެހެން އެއްވެސް ހަޒާރަތަކުން ފެނިފައި ނުވާކަމަށް ބުނެ އަޅުގަނޑު ތަހައްދީކުރަމެވެ. އިންސާނެއްގެ ހައިސިއްޔަތުން ތިމާގެ އަހުލާގީ ޝަހުސިއްޔަތާއި "އިންޓެގްރިޓީ" ހިފެހެއްޓުމުގައި ވެސް، ވެރިއެއްގެ ހައިސިއްޔަތުން ގާނޫނުގެ ބާރު ނުވަތަ "ރޫލް އޮފް ލޯވ" ހިފެހެއްޓުމުގައި ވެސް، ރައްޔިތުންނާއި ގައުމު ދެކެ ލޯބިން ރައްޔިތުންނާއި ގައުމަށްޓަކައި ވެރިކަން ކުރުމުގައި ވެސް، އަދި އަދުލު އިންސާފު އޭގެ ފުރިހަމަ މާނައިގައި ގާއިމުކުރުމުގައި ވެސް މިފަދަ މަތިވެރި ނަމޫނާތަކެއް ތާރީހުގެ އެހެން ދިމާޔަކުން ނުދެއްކޭނެ ކަމަށް ބުނެ، އިސްލާމް ދީން ދެކެ ރުޅިއަންނަ "އިސްލާމް ހޭޓާރޒް" އަށް އަޅުގަނޑު ޗެލެންޖް ކުރަމެވެ.
ނަމަވެސް 21 ވަނަ ގަރުނުގެ ދުނިޔޭގައި "އިމާމަކީ" އަދި "އެދުރަކީ" ހުޅަނގު ކަމަށް އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ގަބޫލުކުރާ ކަމީ ހަގީގަތެކެވެ. ޕާޓީ ސިސްޓަމާ ބެހޭ ގޮތުން ހުޅަނގުގެ މަތިވެރި ލީޑަރެއްގެ ހިޔާލުފުޅަކީ ކޮބައިކަން ބަޔާންކުރުމުގައި އަޅުގަނޑުގެ މަގުސަދަކީ އެފަދަ މީހުންނަށް، އެމީހުންގެ "އެދުރުން"ގެ ފޮތުން ފިލާވަޅެއް ފާހަގަކޮށް ދެއްކުމެވެ. އެ ހަޒާރަތެއްގައި ޕާޓީ ސިސްޓަމް އުފެދުނު ހަޒާރަތުގެ ތާރީހު ދެކެފައިވާ އެންމެ ހެޔޮލަފާ، އެންމެ ހިކުމަތްތެރި ސިޔާސީ މުހައްނިކުންގެ ތެރެއިން ބޭފުޅެއްގެ ވިސްނުންފުޅަކީ ކޮބައިކަން ދެއްކުމެވެ.
ޕާޓީ ސިސްޓަމަކީ އަޅުގަނޑަށް ކަމުދާ ނިޒާމެއް ނޫނެވެ. ނަމަވެސް އަޅުގަނޑު ކަހަލަ މީހުން ކިތަންމެ ނުރުހުނަސް، ބައެއްގެ ނުފޫޒުގައި ޕާޓީ ސިސްޓަމް ރާއްޖޭގައި ގާއިމު ކުރެވިއްޖެ އެވެ. ޕާޓީ ނިޒާމުގެ ތެރެއިން އަޅުގަނޑުމެން "ރައްޔިތުންގެ" މަޖިލީހޭ ކިޔައި އުޅޭ މުއައްސަސާއަށް މެންބަރުން އިންތިހާބު ކުރެވިއްޖެ އެވެ. އެ ނިޒާމުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރެވިއްޖެ އެވެ. ޕާޓީއަކަށް ވެރިކަމުގެ ބާރުތައް ދީގެން ވެރިކަން ކުރުމުގެ ފުރުސަތު ދެވިއްޖެ އެވެ. އިދިކޮޅު ޕާޓީތަކުގެ ގޮތުގައި ހަރަކާތްތެރިވުމުގެ ފުރުސަތު އެހެން ޕާޓީތަކަށް ދެވިއްޖެ އެވެ. ނަތީޖާއަކީ ކޮބައިތޯ އެވެ؟ ޕާޓީތަކުގެ ސަބަބުން ގައުމަށް ލިބުނީ މަންފާޔާއި ފައިދާތޯއެވެ؟ ނުވަތަ ގެއްލުމާއި ނުގުސާންތޯއެވެ؟ "ޕާޓީ" ވިސްނުން ހިނދުކޮޅަކަށް އެއްފަރާތް ކޮށްލައްވާފައި، ދިވެހި ދަރިއެއްގެ ހައިސިއްޔަތުން އެއް ފަހަރު ނަމަވެސް ފުންކޮށް ވިސްނާވަޑައިގަންނަވާށެވެ!
އަނެއްކާ ވެސް "އެދުރުންގެ" ފޮތުގެ ސަފުހާއެއް ހުޅުވާލާނަން، އިނގޭތޯ އެވެ!
އޮކްސްފޯރޑް ޔުނިވަރުސިޓީ ޕްރެސް ޔޫއެސްއޭއިން 2001 ވަނަ އަހަރު ފޮތެއް ޝާއިއުކުރި އެވެ. ރަސްލް ޖޭ. ޑެލްޓަނާއި މާރޓިން ޕީ. ވޮޓްންބަރގް އެޑިޓްކުރެއްވި އެ ފޮތުގެ ނަމަކީ "ޕާޓީސް ވިތައުޓް ޕާޓިޒަންސް: ޕޮލިޓިކަލް ޗޭންޖް އިން އެޑްވާންސްޑް އިންޑަސްޓްރިއަލް ޑިމޮކްރަސީޒް" މިއެވެ. އެ ފޮތުގައި ހާމަކުރެވިފައިވާ ގޮތުގައި، ތަރައްގީވެފައިވާ ގައުމުތަކުގައި ޕާޓީ ސިސްޓަމަށް ރައްޔިތުން ކުރާ އިތުބާރު ދަނީ ކުޑަވަމުން، ނެތެމުންނެވެ. އެގޮތުން ޕާރޓީތަކުގައި ރައްޔިތުން ބައިވެރިވާ މިންވަރާއި، ޕާރޓީތަކަށް ރައްޔިތުން ސީދާގޮތެއްގައި ތާއީދުކުރާ މިންވަރު 20 ވަނަ ގަރުނުގެ ފަހު 25 އަހަރުގެ ތެރޭގައި ވަނީ ދެގޮތެއް ނުވެ ދަށަށް ގޮސްފަ އެވެ. ދުއިސައްތަ އަހަރަށް ފަހު ޖޯޖް ވޮޝިންގޓަންގެ އިންޒާރުގެ ފުރިހަމަ މާނަ ހުޅަނގުގެ ގައުމުތަކުގެ ރައްޔިތުންނަށް ވިސްނެން ފެށީ ތޯއްޗެކެވެ. ނުވަތަ ތަޖުރިބާގެ މަރުހަލާއަށް ފަހު، ޕާޓީ ނިޒާމުގެ ހުރި ދޯދިޔާކަން އެބައިމީހުންނަށް ގަބޫލުކުރެވެން ފެށީ ވެސް ތޯއްޗެކެވެ.
ހަމަ މި މޭރުމުން އެކުލަވައިލެވިފައިވާ އެހެން ފޮތެއްގެ ނަން ވެސް ދަންނަވާލާނަމެވެ. 1999 ވަނަ އަހަރު، ހަމަ އޮކްސްފޯރޑް ޔުނިވަރުސިޓީ ޕްރެސް ޔޫއެސްއޭ އިން ޝާއިއުކުރި ފޮތެކެވެ. ފޮތުގެ ނަމަކީ "ކްރިޓިކަލް ސިޓިޒަންސް: ގްލޯބަލް ސަޕޯޓް ފޯ ޑިމޮކްރަޓިކް ގަވަރނަންސް" މި އެވެ. މި ފޮތަކީ ހާރވަރޑް ޔުނިވަރުސިޓީގެ ޖޮއޭން ޝޮރެންސްޓެއިން ސެންޓަރ، ކެނެޑީ ސްކޫލް އޮފް ގަވަރންމަންޓްގެ އެސޯޝިއޭޓް ޑިރެކްޓާ ޕީޕާ ނޮރިސް އެޑިޓްކުރައްވާފައިވާ ފޮތެކެވެ. މި ފޮތަކީ ވެސް ސިޔާސީ ނިޒާމެއްގެ ގޮތުގައި ޕާޓީ ސިސްޓަމް ފޭލިވެއްޖެ ކަމުގައި ވިދާޅުވެ އެތައް އިލްމުވެރިއަކު ދެއްވާފައިވާ ވަރުގަދަ ހެކިބަހެކެވެ.
އަނެއްކޮޅުން އަޅުގަނޑުމެން އަދިވެސް މިއުޅެނީ ހުޅަނގުގެ މީހުން ގެންގުޅޭތާ 300 ވަރަކަށް އަހަރުވެ، މަގުބޫލުކަން ގެއްލެމުންދާ ނިޒާމެއް ކޮޕީކުރެވޭތޯ އެވެ. މިހައިޖާނުގަނޑުގެ ތެރޭގައި ގައުމުގެ މަސްލަހަތު ގެއްލިގެން ހިނގައްޖެ އެވެ. ގައުމުގެ ވެރިކަމަކީ އަމިއްލަ އެދުމުން ފުރިފައި ތިބި ބަޔަކު ބަނޑުމުސާރައަށް ހިފައި ތަޅާފޮޅަމުން ގޮސް، އެއިގެ ތެރެއިން މޮޅުވާ ބަޔަކަށް ލިބޭ "އެވޯޑަކަށް" ވެގެން ހިނގައްޖެ އެވެ. ރާއްޖޭގެ ރަށްތަކުގެ ބޮޑެތި މަގުތަކަކީ ޕާޓީ ހަނގުރާމައިގެ މައިދާންތަކަކަށް ވެގެން ހިނގައްޖެ އެވެ. އެއްބަޔަކު އަނެއްބަޔަކަށް ޖެއްސުންކުރުމުގެ ގޮތުން ގޮވާ ހުތުރު އެއްޗިއްސާއި، ކުރާ ހަޑިމުޑުދާރު އަމަލުތަކާ ހުރެ މި މުޖުތަމައުގައި ޅަދަރީން ގެންގުޅުން ހެޔޮނުވާ ހިސާބަށް ހިނގައްޖެ އެވެ. ވެރިކަމާހުރެ އެއްބަޔަކު އަނެއްބަޔަކާ ދިމާކޮށްލައިގެން އުޅުމުގެ ތެރޭގައި ރިވެތި އަހުލާގާއި ސުލޫކީ ހަމަތައް މުޅީން ޗިސްޗިސްކޮށް، ގައުމުގެ ސިޔާސީ ދާއިރާ ދޮގުމަކަރާއި ހީލަތާއި ހިންތަވެރިކަމުގެ ކަޅު އަދި މުޑުދާރު ހާއްޔަކަށް ހަދާލައިފި އެވެ. ރައްޔިތުންގެ މަސްލަހަތު އެވެރީންގެ ދުޝްމަންކަމާއި ހަސަދަވެރިކަމާއި އަދާވާތްތެރިކަމުގެ އުޑީގައި ތާށިވެ ފިސްފިސްވެގެން ހިނގައްޖެ އެވެ. މި އަޑުތައް އިވި، މި މަންޒަރުތައް ފެނުމުން އަޅުގަނޑުގެ ހަނދާނަށް އަންނަނީ ޖޯޖް ވޮޝިންގޓަންގެ ނަސޭހަތެވެ. ހިތަށް އަރަނީ އެ "ދިރޭ އެއްޗެއްގެ" ބޯ ވިހަ ވެއްޖެ އެއްޗެއްގެ ހަށިގަނޑު ތަގައްޔަރު ނުވާނެ ގޮތަކީ ނެތް ގޮތެކޭ އެވެ. ގައުމަކަށް ވެސް ވާނީ މިހެންނެވެ. ގައުމުގެ "ބޯ" ވިހަވެއްޖެ ނަމަ، ގައުމުގެ ޖިސްމު ސަލާމަތަކުން ނޯންނާނެ އެވެ. ޖިސްމު ވެސް ދެން ވާނީ ވިހައެވެ. މިހެން ހިތަށް އެރުމުން ލަގޮނޑީގައި ވޭން އަޅައެވެ. ގައުމާއި ރައްޔިތުންގެ ޙާލަތަށް ޓަކައި މާޔޫސް ވެވެއެވެ. ދެރަ ވެވެއެވެ. ނަމަވެސް ހަގީގަތް ވާނީ ހަގީގަތަށް، އެހެން ނޫންތޯއެވެ؟
އަދިވެސް އެމެރިކާގެ ތާރީހުން މިސާލެއް ދަންނަވާލާނަމެވެ. "އެދުރުން"ގެ ސުންނަތަށް ތަބާވެވަޑައިގަންނަވާ ބޭފުޅުންނަށްޓަކައެވެ.
ރައީސްކަމުގައި އެއް ދައުރު ފުރިހަމަ ކުރެއްވުމަށްފަހު، ސިޔާސީ ދާއިރާއިން ދުރަށް ޖެހިވަޑައިގަންނަވަން ޖޯރޖް ވޮޝިންގޓަން ހިޔާލުފުޅު ކުރެއްވިއެވެ. ނަމަވެސް އެހިޔާލުފުޅު ބަދަލުކުރައްވައި، ދެވަނަ ދައުރަކަށް ވެރިކަމުގެ ލަގަނުގައި ހިއްޕަވަން އޭނާ ފަހުން އެއްބަސްވެވަޑައިގަތެވެ. އެމެރިކާގެ އިސް ލީޑަރުންގެ އެދިވަޑައިގަތުމުގެ މަތީންނެވެ. ސިޔާސީ ގޮތުން ވޮޝިންގޓަންގެ އުސޫލުތަކާ މެދު މުޅީން ހިތްޕުޅުހަމަޖެހިވަޑައިނުގެން ތިއްބެވި ބޭފުޅުންވެސް އެކަމަށް އެދިވަޑައިގަތެވެ. ތޯމަސް ޖެފަރސަން ފަދަ ބޭފުޅުންނެވެ. ވޮޝިންގޓަންގެ ވަޒީރުންގެ މަޖިލީހުގައި ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމު ފުރުއްވައި، ފަހުން އިސްތިއުފާ ދެއްވި ޖެފަރސަންގެ އެންމެ ބޮޑު ސިޔާސީ އަދާވާތްތެރިޔަކީ، އެ މަޖިލީހުގައި ޓްރެޜަރީ ޑިޕާޓްމަންޓުގެ ވެރިއެއްގެ ގޮތުގައި ހުންނެވި އެލެގްޒެންޑަރ ހެމިލްޓަނެވެ. ދެ ބޭފުޅުންގެ ދެމެދުގައި އެންމެ ފުރަތަމަ ދުވަހުއްސުރެ އޮތީ އަރައިރުންވުމާއި، ދިމާކުރުމާއި، ދުޝްމަންކަމުގެ ނިހާއީ ހާލަތެކެވެ. ހެމިލްޓަންގެ ލަފާފުޅުތަކަށް ވޮޝިންގޓަން މާބޮޑަށް ރިއާޔަތްކުރައްވާ ކަމަށް ވިދާޅުވެ ޖެފަރސަން ވަނީ ތަކުރާރުކޮށް ވޮޝިންގޓަނަށް ފާޑުވިދާޅުވެފައެވެ. އިސްތިއުފާ ދެއްވީ ވެސް އެހެން ވެގެންނެވެ. ނަމަވެސް ނުވަރޭފެނުތެރޭގައި އޮތް އެމެރިކާގެ އިސްތިގުލާލާއި މަސްލަހަތަށްޓަކައި ވޮޝިންގޓަން ވެރިކަމަށް ގެންނަން ޖެހޭ ކަމަށް ގަބޫލުކުރެއްވުމުން، ހުދު ހެމިލްޓަނާ އެކު މަސައްކަތް ކުރައްވަން ވެސް ޖެފަރސަން ފަސްޖެހިވަޑައެއްނުގެންނެވިއެވެ. ހަމައެކަނި ޖެފަރސަނެއް ނޫނެވެ. އެމެރިކާގެ ހުރިހާ ލީޑަރުންމެ، ސިޔާސީ ޕާޓީއޭ ކިޔޭ ވަބާ ހަނދުމަފުޅު ނެއްތަވައިލައްވައި، އެކަތިގަނޑަކަށް ވެވަޑައިގެން، ވޮޝިންގޓަންގެ ފަހަތްޕުޅުގައި ހުއްޓިވަޑައިގެންނެވިއެވެ. އެންމެ ކުޑަމިނުން، ރިޔާސަތުގެ މަގާމަށްޓަކައި ވޮޝިންގޓަނާ ވާދަކުރައްވާނެ ބޭފުޅަކުވެސް އެމެރިކާގައި އޭރު ތިއްބެވި ވަރުގަދަ ލީޑަރުންގެ ތެރެއިން ނިކުމެވަޑައެއްނުގެންނެވިއެވެ.
މިފަދަ ރިވެތި މިސާލުތަކެއް ދެއްކެވި، އެމެރިކާގެ ބާނީން، ނުވަތަ "ފައުންޑިންގ ފާދާރޒް"ގެ ތެރެއިން ސިޔާސީ ޕާޓީގެ ނިޒާމާ ދެކޮޅަށް ވާހަކަދެއްކެވީ ހަމައެކަނި ޖޯރޖް ވޮޝިންގޓަނެއް ނޫނެވެ. އޭގެ ތެރެއިން އެންމެ ވިސްނުންތޫނު، އެންމެ ހިކުމަތްތެރި ލީޑަރުން ކުރެ ޖޭމްސް މެޑިސަނާއި އެލެގްޒެންޑަރ ހެމިލްޓަން ވެސް ޕާޓީ ސިސްޓަމާ ދެކޮޅަށް އިލްމީ އަދި ފިކުރީ މައިދާނުގައި އެތައް މަސައްކަތެއް ކުރެއްވި އެވެ. މި ދެބޭފުޅުން "ފެޑެރަލިސްޓް ޕޭޕަރޒް"ގެ ނުވަ ވަނަ އަދި 10 ވަނަ އަދަދުގައި ސިޔާސީ ޕާރޓީތަކުގެ ގެއްލުމާ ބެހޭ ގޮތުން ލިޔުއްވާފައިވެ އެވެ. ތަންކޮޅެއް ފަހުން އެމެރިކާގައި ސިޔާސީ ޕާޓީތައް އުފެދުމުން، މަޖުބޫރީ ހާލަތެއްގައި އެ ދެބޭފުޅުން ޕާޓީއެއްގެ ތެރޭގައި ޝާމިލުވެވަޑައިގަތް ކަމުގައި ވިޔަސް ވެހެވެ.
ނިންމާލުމުގެ ކުރީން އަދިވެސް އެއްފަހަރު ދަންނަވާލަމެވެ. އެމެރިކާގެ މި މިސާލުތައް ނެގީ ހުޅަނގުގެ "އެދުރުންގެ" ދަރިވަރުންނަށް ޓަކަ އެވެ. އިސްލާމީ ތާރީހުގެ ސަފުހާތަކުން ރައްޔިތުންނާއި ގައުމު ދެކެ ލޯބިވާ ވެރީންގެ މިފަދަ ނަމޫނާތަކެއް ދައްކަން ފަށައިފި ނަމަ، އަޅުގަނޑަށް ގަލަން ބޭއްވުމުގެ ފުރުސަތު ލިބޭނީ ހާސް ސަފުހާ ކަޅިކޮށްލުމަށް ފަހުގަ އެވެ. "އިސްލާމް ހޭޓަރޒް" އަށް އެ ހަގީގަތް ހަޖަމުނުކުރެވިގެން އިންތިހާ ދަރަޖައިގެ ހުތުރު ބަހުރުވައިން އެއްޗެހި ގޮވައި، އިލްމީ ގޮތުން ލަދުވެތި، ތިމާމެން ވެއްޓިފައިވާ ދަށު ދަރަޖަ ސާބިތުކޮށްދޭ "އެޑް ހޮމިނެމް" ހަމަލާތަކާއެކު ޖަދަލުކުރި ކަމުގައި ވިޔަސްވެ ހެވެ. އެނަމޫނާތަކަށް ބަލަން ބޭނުން ނުވާ ބަޔަކު އަޅުގަނޑުމެންގެ ތެރޭގައި ބާރުގެ މަގާމުތަކުގައި ތިބެ، "ޢުމަރުގެފާނަކާ އަހަރެމެންނަކާ ކީކީހޭ" މިފަދަ އިބާރާތްތައް ބުނެއިއްވަމުން ދިޔަ ނަމަވެސް ވެހެވެ.