06 Sep 2017, 09:24
ބޮލީވުޑްގައި އެންމެ ކާމިޔާބު އެއް ފަންނާނަކީ ސަލްމާންހާން ކަމާ މެދު ޝައްކެއްނެތެވެ. ކާމިޔާބު މޮޅު ފިލުމުތަކެއް ކުޅެފައިވާ ސަލްމާނަކީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ފަންނާނެއްވެސް މެއެވެ.
ރޭމޯ ޑިސޫޒާ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ "ރޭސް3" ގައި ސަލްމާނު އަދާ ކުރާ ރޯލަކީ ނުބައިބައި މީހެއްގެ ރޯލެވެ. އެއް ގޮތަކުން ބުނާނަމަ ވިލަން އެއްގެ ރޯލެވެ. މިއީ މިހާތަނަށް އޭނާ ކުޅުނު ހުރިހާ ރޯލުތަކާ މުޅިން ތަފާތު ރޯލެކެވެ.
"ވިލަން އެއްްގެ ރޯލު ކުޅުމަކީ އެހާ ފަސޭހަ ކަމެއް ނޫން. ފިލުމު ލިބުނީމަ ދޫކޮށްލަން ނުކެރުނީ. އާ ކެރެކްޓާ އަކުން ވެސް ފެންނަން ބޭނުންވީ،" ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.
ސަލްމާން ފުރަތަމަ ނެގަޓިވް ރޯލެއް ކުޅުމަށް ދެބަސްވިކަމަށާއި ނަމަވެސް ފިލުމުގެ ތަފްސީލު ލިބުމުން ފިލުމު ކުޅެން އޭނާ ނިންމީ ކަމަށް އެ ޓީމުން ބުންޏެވެ.
ސަލްމާންގެ ކުރިން މި ފިލްމު، ރިތިކް ރޯޝަނަށް ވެސް ހުށަހެޅި އެވެ. ނަމަވެސް އެހާ ނެގެޓިވް ރޯލަކުން އޭނާ ފެންނަން ބޭނުންނުވާތީ އޭނާ އެ ފުރުސަތު ދޫކޮށްލީއެވެ.
ފިލުމުގައި ތިން އަންހެން ލީޑް އެކްޓްރެސް ފެނިގެންދާނެއެވެ. ސަލްމާނުގެ އިތުރުން ފިލުމުގައި ހަރަކާތްތެރިވާނީ ކުޅަދާނަ ބަތަލާ ޖެކްލީން ފާނަންޑޭޒް އަދި ޑެއިޒީ ޝާހެވެ.
"ރޭސް 3" ޕްރޮޑިއުސް ކުރަން ހަމަޖެހިފަިވަނީ ރަމޭޝް ޓޯރާނީ އެވެ. ޔަގީނުންވެސް މި ފިލުމަކީ ތަފާތު މޮޅު ފިލުމަކަށް ވެގެންދާނެއެވެ. ސަލްމާނުގެ މުޅިން ތަފާތު ކެރެކްޓާ ބަލާލަން އެންމެންވެސް ބޭނުންވާނެއެވެ.