06 Sep 2017, 00:13
އޮމާން މެޗުން ނުކުތީ އުންމީދު ކުރި ނަތީޖާއެއް ނޫން ކަމަށާއި ނަމަވެސް ކުރިއަށް ހުރި މެޗުތަކުގައި ރަނގަޅު ނަތީޖާއެއް ހޯދުމަށް ގަދަ އަޅައި މަސައްކަތް ކުރާނެ ކަމަށް ގައުމީ ޓީމުގެ އުންމީދީ ފޯވާޑު އަލީ އަޝްފާގު (ދަގަނޑޭ) ބުނެފިއެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ އަދި އޮމާން މިރޭ ބައްދަލު ކުރި މެޗުން ރާއްޖެ ވަނީ 0-5ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެފަ އެވެ. ގައުމުން ބޭރުގައި ކުޅުނު މި މެޗަކީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ މި ފަހަރު ކުޅުނު މެޗު ތަކުގެ ތެރެއިން އެންމެ ބޮޑު ނަތީޖާއަކުން ބަލިވި މެޗެވެ.
މެޗަށް ފަހު ދަނގަޑޭ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މެޗުން ނުކުތީ އުންމީދު ކުރި ނަތީޖާއެއް ނޫން ކަމަށާއި އެހެން ނަމަވެސް ދެން ހުރި މެޗުތަކުން ރަނގަޅު ނަތީޖާއެއް ނެރުމަށް ގަދައަޅައި މަސައްކަތް ކުރާނެ ކަމަށެވެ.
"މިއީ އަޅުގަނޑުމެން އުންމީދު ކުރި ނަތީޖާއެއް ނޫން. އެހެން ނަމަވެސް ކުރިއަށް ހުރި މެޗުތަކުން ރަނގަޅު ނަތީޖާއެއް ހޯދުމަށް ގަދައަޅައި މަސައްކަތް ކުރާނަން، ވަރަށް ބޮޑަށް ޝުކުރިއްޔާ ތި ދެއްވާ ތަރުހީބަށް،" ދަގަނޑޭ ލިޔެފައި ވެއެވެ.
މިރޭގެ މެޗުގައި ރާއްޖޭގެ ޓީމުގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔައިރު މެޗުން ރަނގަޅު ނަތީޖާއެއް ހޯދޭތޯ މަސައްކަތް ކުރާ ރޭޓް ވެސް ފެނިގެން ދިޔައީ ދަށްކޮށެވެ. ގިނަ ލަނޑުތަކެއް ޑިފެންސާއި ކީޕަރު މުހައްމަދު ފައިސަލްގެ "މިސްޓޭކް" އިން ވަތް އިރު މެދު ތެރެވެސް ފެނުނީ ދެރަކޮށެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ދެން ކުޅޭ މެޗުގައި އަންނަ މަހުގެ 10 ވަނަ ދުވަހުގެރޭ މާލޭގައި ނުކުންނާނީ އޮމާނާ ދެކޮޅަށެވެ.