05 Sep 2017, 23:54
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން އިންތިޒާމްކޮށްގެން ބާއްވާ 25 ވަނަ އެމްބީއޭ ޗެމްޕިއަންޝިޕްގެ ފައިނަލަށް ކިންގްސް ބީސީ އާއި ޓީރެކްސް ދަތުރު ކޮށްފިއެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި މިއަދު ހަވީރު ކުޅެވުނު މުބާރާތުގެ ފުރަތަމަ ފައިނަލް މެޗުގައި ބައްދަލު ކުރީ ދަ ބައުސް އާއި ކިންގްސް ބީސީ އެވެ، މި މެޗު 88-72 އިން ކާމިޔާބު ކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކުރީ ކިންގްސް ބީސީ އެވެ.
އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކިންގްސް ބީސީ އަށް އެންމެ ގިނަ ޕޮއިންޓު ހޯދައިދިން އަހުމަދު ފާރިޝް އެވެ. އޭނާ ވަނީ އެ ޓީމަށް 23 ޕޮއިންޓް ހޯދައިދީފަ އެވެ. ބައުސް އަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ އެ ޓީމަށް 23 ޕޮއިންޓް ހޯދައިދިން އަމްޒަރު އަބްދުﷲ އެވެ.
މިރޭ ކުޅެވުނު މުބާރާތުގެ ދެ ވަނަ ސެމީ ފައިނަލު މެޗުގައި ބައްދަލު ކުރީ ރެޕްޓާސް ބިސީ އާއި ޓީރެކްސް އެވެ. މި މެޗު 53-84 ޕޮއިންޓުން ކާމިޔާބު ކުރީ ޓީރެކްސް އެވެ.
އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޓީރެކްސް އަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިން އިބްރާހިމް ރަޝްވާން އެވެ. އޭނާ ވަނީ އެ ޓީމަށް 18 ޕޮއިންޓް ހޯދައިދީފަ އެވެ. ރެޕްޓާސް އަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ އެ ޓީމަށް 20 ޕޮއިންޓް ހޯދައިދިން ރާއިދު އަހުމަދު ސަލީމް އެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލު މެޗު ކުޅޭނީ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު ރޭ 8:30 ގައެވެ.
މި މުބާރާތުގެ ފިރިހެން ޑިވިޝަން އަދި އަންހެން ޑިވިޝަން ވެސް ކުރިއަށް ގެންދިޔައީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ފިރިހެން ޑިވިޝަންގެ ގްރޫޕް އެކެއްގައި ހިމެނެނީ ކިންގްސް ބީސީއާއި ރެޕްޓާސް ބީސީ އާއި ސްޓިންގާސް ބީސީ އަދި ރެޑްވިންގްސް ބީސީ އެވެ. އެ ޑިވިޝަންގެ ގްރޫޕް ދޭއްގައި ހިމެނެނީ ޓީރެކްސް ބީސީއާއި އެލްކިޔު ސްޕޯޓްސްއާއި ކްލަބު އެޗްޑީސީ އަދި ދަ ބައުސް އެވެ.