މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް ތުރުކީގެ އެހީ ދޭ އޭޖެންސީއަކުން 1000 ޓަނުގެ އެހީ ބެހުމުގެ ހުއްދަ މިޔަންމާ ސަރުކާރުން ދީފައިވާ ކަމަށް ތުރުކީގެ ރައީސްގެ ތަރުޖަމާން ވިދާޅުވެއްޖެއެވެ.

އެ ހުއްދަ މިޔަންމާ ސަރުކާރުން ދީފައިވަނީ، ރަހީން ސްޓޭޓުގައި ހިނގަމުންދާ އިންސާނިއްޔަތާ ހިލާފު އަނިޔާވެރި އަމަލުތަކާ ގުޅޭގޮތުން މިޔަންމާގެ ޑިމޮކްރަސީ ލީޑަރު އާންގް ސަން ސޫކީއަށް ތުރުކީގެ ރައީސް ރަޖަބް ޔައްޔިބު އުރުދުޣާން ގުޅުއްވާ ދެއްކެވި ވާހަކަފުޅަށްފަހުއެވެ.

"މިޔަންމާގެ ސަރުކާރުން ވަނީ ފުރަތަމަ ފޭސްގެ ދަށުން ހަމަނުޖެހުން ހިނގަމުންދާ ސަރަހައްދަށް ވަދެ 1000 ޓަނުގެ އެހީ ބެހުމުގެ ހުއްދަ ތުރުކީގެ ޓާކިޝް ކޯޕަރޭޝާން އެންޑް ކޯޑިނޭޝަން އޭޖެންސީ (ޓިކާ)ގެ އެހީތެރިންނަށް ދީފަ،" ތުރުކީގެ ރައީސްގެ ތަރުޖަމާން ކަލިން ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ.

މިއީ މިމަހުގެ 25 ވަނަ ދުވަހު ފުލުހުން ފެށިގެން ރޮހިންޔާގެ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ އަސްކަރިއްޔާއިން ހިންގަމުންދާ ލާއިންސާނީ އަނިޔާވެރި އަމަލުތަކުގައި ހަމަނުޖެހުން ހިނގާ ސަރަހައްދަކަށް ބޭރުގެ އެހީ ދޭ އޭޖެންސީއަކަށް ވަނުމުގެ ހުއްދަ މިޔަންމާ ސަރުކާރުން ދިން ފުރަތަމަ ފަހަރެވެ.

ނަމަވެސް ސަރަހައްދުގެ ސަލާމަތީ ސަބަބުތަކާހުރެ ރޮހިންޔާގެ މުސްލިމުންނަށް އެހީތައް ބަހާނީ ރަހީން ސްޓޭޓްގެ ސަރުކާރުގެ އެހީތެރިކަމާއެކު މިލިޓަރީ ހެލިކޮޕްޓަރު ތަކުންނެވެ. އެހީގެ ގޮތުގައި ބަހާ އެމެޖެންސީ ޕެކޭޖްތަކުގައި ހިމެނޭނީ ހަނޑުލާއި، ހިކި މަސް އަދި އަންނައުނެވެ.

ކަލިން ވިދާޅުވީ، މިޔަންމާގެ ސަރުކާރާގެ އެހީތެރިކަމާއެކު ކުރިއަށް އޮތްތަނުގައި ވެސް ތުރުކީގެ އެހީ ދޭ އޭޖެންސީތަކުން ރޮހިންޔާގެ މުސްލިމުންނަށް ކާނާއި އަންނައުނުގެ އިތުރުން ބޭސް ފޯރުކޮށްދޭނެ ކަމަށެވެ.

އޭގެ އިތުރުން މިޔަންމާ ސަރުކާރުގެ އަނިޔާވެރިކަމުން ސަލާމަތްވެ ބަންގުލަދޭޝްއަށް އެތެރެވެފައިވާ އެތައް ހާސް ރޮހިންޔާ މުސްލިމުންނެއް އުޅެމުންދާ ބަނގުލަދޭޝްގެ ސަރަހައްދަށް ތުރުކީގެ ފޮރިން މިނިސްޓަރާ ޓިކާ ހިމެނޭ ތުރުކީ ވަފުދެއް ޒިޔާރަތްކުރައްވަން ވަނީ ހަމަޖެހިފައެވެ.

ބަންގުލަދޭޝް އަދި މިޔަންމާ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއެކު އެއް ލައްކަ އާއިލާއަކަށް ތުރުކީން އެހީ ފޯރުކޮށްދިނުމަށް ވިސްނާފައިވާ ކަމަށް ކަލިން ވިދާޅުވިއެވެ.

އދ. އިން ބުނާ ގޮތުގައި، މިޔަންމާ ސަރުކާރުގެ އަނިޔާވެރިކަމުން ސަލާމަތްވެ ބަނގުލަދޭޝްއަށް 123،600 ރޮހިންޔާ ދަރިކޮޅުގެ މުސްލިމުން ވަނީ ބަނގުލަދޭޝް އަށް އެތެރެވެފައެވެ. އަދި ދިހަހާހަށްވުރެ ގިނަ މީހުން ވަނީ ހަމަނުޖެހުން ހިނގާ ސަރަހައްދުން ނުނިކުމެވި ތާށިވެފައެވެ.