މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެ ގައުމުގެ ސަރުކާރުން ހިނގަމުންދާ ލާއިންސާނީ އަމަލުތަށް އިތުރުވެފައިވާތީ ރާއްޖޭގެ ހުރިހާ މިސްކިތެއްގައި މިއަދުން ފެށިގެން ގުނޫތު ކިޔެވުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ، އެ މިނިސްޓްރީން ވަކި ގޮތެއް އަންގަންދެން އަޑުހަރުކޮށް ކިޔަވާ ކޮންމެ ނަމާދެއްގެ ފަހު ރަކްއަތުގެ އިއުތިދާލުގައި މިނިސްޓްރީން އަންގާ ގުނޫތު ނާޒިލާ ކިޔެވުމަށް އަންގާ ކަމަށެވެ.

ސާކިއުލާގައިވާ ގޮތުން މިސްކިތްތަކުގައި ކިޔަވަންޖެހޭނީ އެ މިނިސްޓްރީގެވެބްސައިޓްގައިވާ ގުނޫތު ނާޒިލާ އެވެ.

މިޔަންމާގެ ރަހީން ސްޓޭޓްގައި އެގައުމުގެ އަސްކަރިއްޔާ އިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެން، ވޭތުވެ ދިޔަ 10 ވަރަކަށް ދުވަހުގެ ތެރޭގައި މިޔަންމާ ދޫކޮށް، ބަނގުލަދޭޝަށް ހިޖްރަކުރި ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ އަދަދު 90،0000 އަށް އަރަ އެވެ.