ކުރިއަށް އޮތް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވުމަށް، ވެނެޒުއޭލާއާ ދެކޮޅަށް އާޖެންޓީނާ ކުޅޭ މުހިއްމު މެޗަށް ނުކުންނައިރު އެޓީމުގެ ކޯޗު ޖޯޖް ސަމްޕައޮލީއާއި ސުޕަރސްޓާ ލިއޮނަލް މެސީއާ ދެމެދު މައްސަލަތަކެއް ޖެހިފައިވާކަމަށް ދެކެވޭ ވާހަކަތައް ސަމްޕައޮލީ ދޮގުކޮށްފިއެވެ.

އާޖެންޓީނާއަށް ހެދޭ ކުޑަކުޑަ ގޯހަކުންވެސް ކުރިއަށް އޮތް ވޯލްޑްކަޕުން އެޓީމަށް ޖާގަ ނުލިބުމުގެ ފުރުސަތު ބޮޑުކަން މެސީއަށް ގަބޫލުކުރެވޭއިރު، ޓީމުގެ އާ ކޯޗާ މެސީއާ ދެމެދު ކޮންމެވެސް ވަރެއްގެ ހިތްހަމަ ނުޖެހުންތަކެއް އުފެދިފައިވާކަމަށް މީޑިއާގައި ވަނީ އަޑުފެތުރިފައެވެ.

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ އުރުގުއޭއާ ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗު 0-0 އިން ދެޓީމު އެއްވަރުވެގެން ނިމިފައި ވާއިރު، ދެކުނު އެމެރިކާގެ ކޮލިފައިން ގްރޫޕްގެ ފަސްވަނައިގައި އޮތް އާޖެންޓީނާއަށް ގަދަ ހަތަރެއްގައި ހިމެނިގެން އޮޓޮމެޓިކް ކޮލިފައިން ޖާގައެއް ހޯދަން އޮތީ ހަނި ފުރުސަތެކެވެ.

ކޮލިފައިންގައި އާޖެންޓީނާއަށް ބާކީ އެންމެ ތިން މެޗު ކުޅެން އޮތްއިރު މާދަމާ ރޭ ފަތިހު 4:30ގައި ވެނެޒުއޭލާއާ ދެކޮޅަށް އެޓީމު ކުޅެން އޮތް މެޗަކީ މޮޅުވުން ވަރަށް މުހިއްމު މެޗެކެވެ.

މެޗުގެ ކުރީން ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި، އުރުގުއޭ މެޗަށް ފަހު މެސީއާ ސަމްޕައޮލީއާ ދެމެދު ހަމަނުޖެހުން ހިނގިކަމަށް އަޑުފެތުރިފައިވާތީ އެކަމާ ގުޅޭގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން "ހިނިގަނޑެއް ޖަހާލާފައި" އާޖެންޓީނާ ކޯޗު ބުނީ، އެގޮތަށް ތުންތުންމަތީން ދެކެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫންކަމަށެވެ.

"ސުވާލު ތިކުރަނީ ތުންތުންމަތިން ދެކެވޭ ވާހަކަތަކާ ގުޅިގެން. އެފަދަ ހަގީގަތެއް ނެތް ވާހަކަތައް އަހަރެން ގަބޫލެއް ނުކުރަން. ސުވާލުކުރާނީ ތެދެއްކަން ސާބިތު ކުރެވޭ ކަންކަމާ ގުޅޭގޮތުން،" އާޖެންޓީނާގެ ކޯޗު ބުންޏެވެ.

"އެފަދަ ބައިވަރު، ދޮގު ވާހަކަތައް ހުންނަ ފަދައިން އަހަންނަށް ބުނެވިދާނެ އެއީ ދޮގެކޭ. ތިކުރާ ސުވާލަކީ ތުންތުންމަތީން އަޑުއިވޭ ވާހަކަތައް. އޭގެ ސަބަބުން މި ޓީމަށް ގެއްލުން ލިބޭފަދަ ވާހަކަތައް."

ސަމްޕައޮލީ ބުނީ، މިއީ "ދޮގު ވާހަކައެއް އެތަކެއް ހާސްފަހަރު ދެއްކުމުން ތެދުކަމަށް ގަބޫލުކުރެވޭ ޒަމާން،" ކަމަށެވެ.

އެފަދަ ދަށުދަރަޖައިގެ ވާހަކަތައް ދައްކަނީ އާޖެންޓީނާ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ނޭދޭ ފަރާތްތަކުން ކަމަށްވެސް އޭނާ ސަމްޕައޮލީ ބުންޏެވެ.

"އާޖެންޓީނާ ވޯލްޑް ކަޕަށް ގެންދިއުމަށް ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ މި ޓީމާއެކު ހުރުމަކީ، އަހަރެމެންގެ ނަސީބު."

އާޖެންޓީނާގެ ކޯޗު ބުނީ، ޓީމަށް ގެއްލުން ދިނުމަށްޓަކައި މީހުން ހަދަހަދައިގެން ދައްކާ ވާހަކަތައް އަޑުއަހަން ބޭނުން ނުވާ ކަމަށެވެ.