އިޓަލީ އަދި ޔުވެންޓަސްގެ ގޯލްކީޕަރު ޖިއާންލުއިޖީ ބުފޮންގެ ފުޓްބޯޅަ ކެރިއަރުގައި އޭނާއަށް އެންމެ ''އުނދަގޫ ބޮޑުކުރި'' ކުޅުންތެރިއަކީ ބްރެޒިލްގެ ކުރީގެ ސުޕަރސްޓާ ރޮނާލްޑޯ ލުއިސް ނަޒާރިއޯ ޑި ލީމާ ކަމަށް ބުފޮން ބުނެފިއެވެ.

އުމުރުން 40 އަހަރުގެ ބްރެޒިލް ލެޖެންޑަށް ވަރަށް ބޮޑަށް ތައުރީފްކުރަމުން ބުފޮން ބުނީ، އޭނާގެ މުޅި ފުޓްބޯޅަ ކެރިއަރުގައިވެސް ކުރިމަތިލާން ޖެހުނު އެންމެ އުނދަގޫ ބޮޑު ފޯވާޑަކީ ރޮނާލްޑޯ ކަމަށެވެ.

"އަހަންނަނަށް ހުރިހާ ގޮތަކުންވެސް އެންމެ އުނދަގޫ ބޮޑުކުރި ސްޓްރައިކަރަކީ ރޮނާލްޑޯ، ބްރެޒިލްގެ ރޮނާލްޑޯ،" މާސާއަށް ދިން އިންޓަވިއުއެއްގައި ބުފޮން ބުންޏެވެ.

"އެއީ ހަމަ ހުރިހާގޮތަކުންވެސް ވަރަށް ފުރިހަމަ ކުޅުންތެރިއެއް. ދުވެލިބާރު، ވަރުގަދަ، ހުނަރުތައް އަވަހަށް ނަގައިގަންނަ ކުޅުންތެރިއެއް."

އުމުރުން 39 އަހަރުގެ ތަޖުރިބާކާރު ގޯލްކީޕަރު ބުނީ، ރޮނާލްޑޯއަކީ އޭނާގެ ކުޅުމުގެ ހުނަރުތައް ބަލަންތިބޭމީހުން 'ސޮނިވެއްޓޭ' ވަރުގެ މޮޅު ކުޅުންތެރިއެއް ކަމަށެވެ.

"ބައެއްފަހަރު ހީވޭ އެއީ ލެބޯޓަރީގައި އުފައްދާފައިވާ ކުޅުންތެރިއެކޭވެސް." ބާސެލޯނާ، އިންޓަރމިލާން، ރެއާލް މެޑްރިޑް އަދި އޭސީ މިލާން ފަދަ ވިލާތުގެ ވަރުގަދަ ކްލަބުތަކަށް ކުޅެފައިވާ ރޮނާލްޑޯއާ ގުޅޭގޮތުން ބުފޮން ބުންޏެވެ.

އުމުރުން 17 އަހަރުގައި 1994 ވަނަ އަހަރު ބްރެޒިލްގެ ގައުމީ ޓީމަށް ކުޅެންފެށި ރޮނާލްޑޯ ވަނީ ކުޅުން ހުއްޓާލުމުގެ ކުރީން، ގައުމީ ޓީމަށް 98 މެޗު ކުޅެ، 62 ލަނޑު ކާމިޔާބުކޮށްދީފައެވެ.

ބްރެޒިލް ޓީމުން 1994 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި އިރު އެޓީމުގައި ހިމެނުނު އެންމެ ހަގު ކުޅުންތެރިޔާގެ ގޮތުގައި ފެނުނު ރޮނާލްޑޯ އަކީ، ބްރެޒިލްގެ ލެޖެންޑް ޕެލޭއާ ޖެހިގެން ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ.