އއ. މަޑިވަރުގައި ރިސޯޓު ތަރައްގީކޮށް ހިންގަން ދުބާއީގެ އިމާރު ހޮސްޕިޓަލިޓީ ގުރޫޕަށް ދީފި އެވެ.

ސަރުކާރުން މަޑިވަރު ދީފައިވަނީ ފިނޮޅު އިންވެސްޓްމެންޓްގެ ވެރިޔާ އާދަމް އަބްދުލަޣަފޫރަށެވެ. ރިސޯޓު ތަރައްގީ ކުރުމަށް ފިނޮޅު އިންވެސްޓްމެންޓުން ފުރުސަތު ދީފައި ވަނީ ދުބާއީގެ ކުންފުންޏެއް ކަމަށްވާ އިމާރު ގުރޫޕަށެވެ.

ދުމާއީގައި މިހާރު ވެސް އެ ގުރޫޕުން ހަދާފައިވާ 11 ހޮޓެލްއެއް އޮޕަރޭޓްކުރަމުންދެ އެވެ.

އިމާރު ގުރޫޕުން ދުބާއީގެ ނޫހަކަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވަނީ މަޑިވަރު ރިސޯޓް އެންޑް ސްޕާ ތަރައްގީކޮށް 2020 ގައި ހުޅުވުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.

އެ ރިސޯޓު ނިމެއިރު އެތަނުގައި ބީޗް ވިލާ އަދި ވޯޓާ ވިލާ ހިމެނޭ ގޮތަށް 80 ވިލާ އެޅުމަށް ހަމަޖެހިފައިވާ ކަމަށްވެސް އިމާރު ގުރޫޕުން ވަނީ ބުނެފަ އެވެ. އަދި އެންމެ ޒަމާނީ ލަގްޒަރީ ފެންވަރުގެ ހިދުމަތް ދިނުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އިމާރު ގުރޫޕުން ވަނީ ބުނެފަ އެވެ.

އިމާރު ގުރޫޕުން މިހާރު ވެސް ދުނިޔޭގެ އެކި ހިސާބު ތަކުގައި 29 ހޮޓެލް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ގުރޫޕުން ބުންޏެވެ. ރާއްޖޭގެ އިތުރުން ބަހްރެއިން ސައުދި އަރަބިއާ، އިޖިޕްޓް އަދި ތުރުކީގައި ވެސް ޕްރޮޖެކްޓްތަކެއް ހިންގަމުން ދާ ކަމަށް ވަނީ ބުނެފަ އެވެ.