ލަންޑަން (ސެޕްޓެމްބަރު 5): ކެމްބޯޑިއާގެ އިދިކޮޅު ލީޑަރު ކެމް ސޯކާގެ މައްޗަށް ގައުމަށް ގައްދާރުވުމުގެ ދައުވާ އެގައުމުގެ ކޯޓަކުން ކޮށްފި އެވެ.

ކެމްބޯޑިއާ ނެޝަނަލް ރެސްކިއު ޕާޓީ (ސީއެންއާރުޕީ)ގެ ލީޑަރު ސޯކާގެ މައްޗަށް ވަނީ އެމެރިކާއާ ގުޅިގެން ކެމްބޯޑިއާގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމުގެ ތުހުމަތުކޮށް، އާދިއްތަ ދުވަހު ހައްޔަރުކޮށްފަ އެވެ.

ސޯކާ ހައްޔަރުކޮށްފައި ވަނީ އަންނަ އަހަރު އޮތް ރިޔާސީ އިންތިހާބާ ދިމާކޮށެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި ކެމްބޯޑިއާގައި 30 އަހަރު ވަންދެން ވެރިކަން ކުރަމުން އަންނަ ބޮޑުވަޒީރު ހުން ސެންއާ އެންމެ ގާތުން ވާދަކުރެވޭނެ ކެނޑިޑޭޓަކީ ސޯކާ އެވެ.

ސޯކާގެ މައްޗަށް ދައުވާ ކުރި ކޯޓުން ނެރުނު ބަޔާނެއްގައިވާ ގޮތުން އޭނާ ވަނީ "ކެމްބޯޑިއާގައި ހަމަނުޖެހުން އުފެދޭ ފަދަ ސިއްރު ރޭވުމެއްގައި ބޭރުގެ ބަޔަކާ ގުޅިގެން" ބައިވެރިވެފަ އެވެ. އޭނާގެ މައްޗަށް ގައުމަށް ގައްދާރުވުމުގެ ކުށް ސާބިތުވެއްޖެ ނަމަ 30 އަހަރުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެ އެވެ.

ބައެއް ރިޕޯޓުތަކުގައިވާ ގޮތުން ސޯކާއަށް ސިޔާސީ ކަންތައްތަކުގައި އެމެރިކާގެ އެހީ އާއި ތާއިދު ލިބޭ ކަމަށް އޭނާ ބުނާ ވީޑިއޯއެއް ވަނީ އާއްމުވެފަ އެވެ.

ކެމްބޯޑިއާ ސަރުކާރުން އިދިކޮޅު ފަރާތްތަކާއި ނޫސްވެރިންގެ އަޑު މަޑު ކުރަން މަސައްކަތް ކުރާ ކަމަށް ބުނެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ވަނީ ދާދި ފަހުން ތުހުމަތުކޮށްފަ އެވެ. (ބީބީސީ)