މިޔަންމާގެ ޑިމޮކްރަސީ ލީޑަރު އާންގް ސަން ސޫކީއަށް ލިބިފައިވާ "ނޮބެލް ސުލްހައިގެ އިނާމު" އަތުލުމަށް ގޮވާލައި އެތަކެއް ހާސް މީހުން ޕެޓިޝަނެއްގައި ސޮއިކުރަމުން އެބަދެ އެވެ.

މިޔަންމާގައި ދިރިއުޅޭ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދޭތެރޭ އެގައުމުގައި ހިންގަމުންދާ ރަހުމުކުޑަ އަނިޔާވެރި، ލާއިންސާނީ ޖަރީމާތައް ހުއްޓުވުމަށް އަޑު އުފުލާފައި ނުވާތީ، ސޫކީއަށް ލިބިފައިވާ "ނޮބެލް ސުލްހައިގެ އިނާމު" އަތުލުމަށް ގޮވާލައި "ދަ ނޯވޭޖިއަން ނޮބެލް ޕީސް ޕްރައިޒް ކޮމިޓީ 2016"އަށް ހުށަހެޅުމަށް ތައްޔާރުކުރަމުންދާޕެޓިޝަންގައި މިހާތަނަށް 307,000 އަށްވުރެ ގިނަ މީހުން ސޮއިކޮށްފައިވެ އެވެ.

ނޯވޭގައި ހުންނަ ނޮބެލް ޕީސް ޕްރައިޒް ކޮމިޓީއަށް މި ޕެޓިޝަން ހުށަހެޅުމަށް ތިން މިލިއަން ސޮއި ބޭނުންވާނެ އެވެ.

މިޔަންމާގެ ރަހީން ސްޓޭޓްގައި އެގައުމުގެ އަސްކަރިއްޔާ އިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެން، ވޭތުވެ ދިޔަ 10 ވަރަކަށް ދުވަހުގެ ތެރޭގައި މިޔަންމާ ދޫކޮށް، ބަނގުލަދޭޝަށް ހިޖްރަކުރި ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ އަދަދު 90،0000 އަށް އަރަ އެވެ.

މިޔަންމާ އަސްކަރިއްޔާގެ އަނިޔާވެރިކަމުން ސަލާމަތްވާން ވެގެން ބަނގުލަދޭޝްއަށް އެތެރެވި ރޮހިންޔާ މުސްލިމުންތަކެއް ކަރުނަ އަޅާ ރޮނީ ---

މިޔަންމާގައި މުސްލިމުންނާ ދެކޮޅަށް ކުރިއަށް ގެންދާ ހަރުކަށިކަން ފެށިފައި ވަނީ މީގެ އެތަކެއް އަހަރު ކުރީންނެވެ. އެހެން ނަމަވެސް މިހާރު ކުރިއަށްދާ އަނިޔާވެރިކަން ފެށުނީ، މިދިޔަ އަހަރުގެ އޮކްޓޫބަރުގައި ރޮހިންޔާ ދަރިކޮޅަށް ނިސްބަތްވާ ކުޑަ ގްރޫޕަކުން ''ބޯޑާ ޕޯސްޓް''ތަކެއްގައި ހުޅުޖެހުމާ ގުޅިގެން ކަމަށްވެ އެވެ. އަދި ބަދަލު ހިފުމުގެ ގޮތުން މިޔަންމާގެ އަސްކަރިއްޔާ އިން މިހާރު ކުރިއަށް ގެންދާ ކަންތައްތަކަކީ، އިންސާނީ ދަރިފަސްކޮޅެއް ނައްތާލުމަށް ކުރިއަށް ގެންދާ ހަރަކާތްތަކެއްގެ ގޮތުގައި އދ.އިން ވެސް ވަނީ ސިފަކޮށްފަ އެވެ.

ސިޔާސީ ކުށްވެރިއެއްގެ ގޮތުގައި ޖަލުގައި އެތަކެއް ދުވަސްތަކެއް ހޭދަކުރެއްވުމަށް ފަހު، ސަލާމަތްވެ، މިހާރު މިޔަންމާގެ ވެރިކަންކުރާ ނޭޝަނަލް ޑިމޮކްރަޓިކް ލީގުގެ ރައީސާގެ މަގާމުގައި ހުންނެވި ސުލްހައިގެ އިނާމުގެ ވެރިޔާ، ދަރިފަސްކޮޅެއް ނެތިގެންދާއިރު ވެސް އެކަމާ ބަހެއް ވިދާޅުނުވެ މަޑުން ހުންނަވާތީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

މިޔަންމާގެ ނޭޝަނަލް ލީގު ފޯ ޑިމޮކްރަސީ (އެންއެލްޑީ)ގެ ލީޑަރު އަން ސަން ސޫ ކީ -- ފޮޓޯ: އޭޕީ

ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް މިޔަންމާގައި ހިންގަމުންދާ ފިނޑި އަދި ލާއިންސާނީ އަނިޔާވެރިކަން އޯގަސްޓް 25 އިން ފެށިގެން ހައްދު ފަހަނައަޅާފައިވާ އިރު، އެކަމާ ދެކޮޅަށް ސޫކީ އަޑުފުލާފައި ނުވާތީ، ޕާކިސްތާނުގެ "ސްކޫލްގާލް އެކްވިސްޓް" އަދި އެންމެ ހަގު އުމުރުގައި ނޯބަލް ސުލްހައިގެ އިނާމު ހާސިލްކޮށްފައިވާ މަލާލާ ޔޫސަފްޒައީ ވެސް ސޫކީއަށް ފާޑު ކިޔައިފަ އެވެ.

ރޮހިންޔާ މުސްލިމުންނާ ދޭތެރޭ މިޔަންމާގައި ހިންގަމުންދާ ރަހުމުކުޑަ އަނިޔާވެ، ލާއިންސާނީ އަމަލުތައް ވަރަށް ބޮޑަށް ކުށްވެރިކުރަމުން މަލާލާ ބުނީ، މިޔަންމާގައި އެގައުމުގެ އަމިއްލަ ރައްޔިތުންނާ މެދު އަމަލުކުރަމުންދާގޮތް ފެނި، އޭނާގެ "ހިތް ކުދިކުދިވެއްޖެ" ކަމަށެވެ.

"ވޭތުވެ ދިޔަ އެތަކެއް އަހަރުތަކުގެ ތެރޭގައި އަހަރެން މިދަނީ، މި އަނިޔާވެރި ދަށު ދަރަޖައިގެ އަމަލުތައް ކުށްވެރިކޮށް ތަކުރާރުކޮށް އަޑުއުފުލަމުން. އަހަރެން އިންތިޒާރުކުރަމުން މިދަނީ ނޮބެލް ސުލްހައިގެ އިނާމު ހާސިލްކޮށްފައިވާ އާންގް ސަން ސޫކީ ވެސް މިފަދައިން އަމަލުކުރާނޭ އިރަކަށް،" ތާލިބާނުންގެ ނުރައްކާތެރި ހަމަލާއަކުން ވަރަށް ބޮޑަށް ޒަޚަމްވި، ނަމަވެސް މިހާރު އެއްކޮށް ރަނގަޅުވެފައިވާ މަލާލާ ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވެ އެވެ.

މެލޭޝިއާގެ ޚާރިޖީ ވަޒީރު އަނީފާ އަމަން ވެސް ވަނީ، ސޫކީ ހަމަހިމޭނުން ހުންނަވާތީ އެކަން ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފަ އެވެ.

"ސޫކީގެ އަމަލުތައް ހުރިގޮތުން ވަރަށް ބޮޑަށް މާޔޫސްވެއްޖެ،" އޭއެފްޕީއަށް އަނީފާ ވިދާޅުވި އެވެ.

"ކުރިން އޭނާގެ ފަރާތުން ފެނިގެން ދިޔައީ އިންސާނީ ހައްގުތައް ހިމާޔަތްކުރަން ތެދުވި މަންޒަރު. އެކަމަކު މިހާރު އޭނާ އެފަދަ އެއްވެސް ކަމެއް ކުރާތަނެއް ނުފެނޭ."

ތުރުކީގެ ރައީސް ރަޖަބް ޔައްޔިބު އުރުދުޣާންވެސް ވަނީ، މިޔަންމާގައި އެގައުމުގެ ބައިމަދު ރޮހިންޔާ ދަރިކޮޅާ ދެކޮޅަށް ހިންގާ ޖަރީމާތައް ކުށްވެރިކުރައްވައިފަ އެވެ. އުދުރުޣަން ވިދާޅުވީ، އެއީ ރޮހިންޔާ ދަރިކޮޅު ނައްތާލުމަށް ހިންގާ ގަތުލުއާންމެއް ކަމަށެވެ.

ހާލުގައި ޖެހިފައިވާ ރޯހިންޔާ ދަރިކޮޅުގެ މުސްލިމުންތަކެއް ޖަމާއަތުގައި ކުރި ނަމާދަކަށް ފަހު ދުއާ ކުރަނީ-- ފޮޓޯ/ އޭޕީ

މީގެ އިތުރުން ވެސް ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތައް ކަމަށްވާ، މެލޭޝިއާ އިންޑޮނޭޝިއާ، އަދި ޕާކިސްތާން އީރާން ފަދަ ގައުމުތަކުން ވެސް ދަނީ މިޔަންމާގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި ރަޝިޔާ، ޖަރުމަން ފަދަ ވިލާތުގެ ބޮޑެތި ގައުމުތަކުގައި ދަނީ، މިޔަންމާގެ އަސްކަރީ ސަރުކާރާ ދެކޮޅަށް އަޑުއުފުލައި އިހްތިޖާޖުތައް ކުރަމުންނެވެ.

ޮާޕާކިސްތާނުގެ ޚާރިޖީ ވުޒާރާ އިން ވަނީ، ރޮހިންޔާ ދަރިކޮޅު ނައްތާލުމަށް މިޔަންމާގައި ކުރިއަށްދާ ލާއިންސާނީ ޖަރީމާ ވަގުތުން ހުއްޓުވައި އެކަން ތަހުގީގުކުރުމަށް ގޮވާލައިފަ އެވެ.

އީރާންގެ ޚާރިޖީވަޒީރު ޖަވާދު ޒާރިފް ވިދާޅުވީ، އިންސާނީ ދަރިފަސްކޮޅެއް ނައްތާލަމުން ދާއިރު، ދުނިޔޭގެ ގައުމުތަކުން އެކަމާ އަޅާނުލައި ހަމަހިމޭނުން ތިބެގެން ނުވާނޭ ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން ޔަމަނުގައި ހަރަކާތްތެރިވާ އަލް ގައިދާގެ ހަނގުރާމަ ވެރީންނާއި، އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ޠާލިބާން ހަނގުރާމަވެރީން ވަނީ މިޔަންމާއާ ދެކޮޅަށް ހަމަލާދިނުމަށް ގޮވާލައިފަ އެވެ.