ދިއްލީ (ސެޕްޓެމްބަރު 5): އިންޑިއާގެ އުއްތަރަޕްރަދޭޝްގެ ހޮސްޕިޓަލެއްގައި އެއް މަސް ތެރޭ 49 ކުޑަކުދިން މަރުވުމާ ގުޅިގެން އެގައުމުގެ ފުލުހުން އެހާދިސާ ތަހުގީގު ކުރަން ފަށައިފި އެވެ.

އިންޑިއާ ފުލުހުން އެހާދިސާ ތަހުގީގު ކުރަން ފެށީ ރާމް މަނޯހަރު ލޯހިއާ ހޮސްޕިޓަލުން މަރުވި 49 ކުދިންގެ ތެރެއިން 30 ކުދިން މަރުވީ ހޮސްޕިޓަލުގެ މުވައްޒަފުންގެ އިހުމާލުން ކަމަށް ސަރުކާރުން ބުނުމުންނެވެ.

ޕްރެސް ޓްރަސްޓް އޮފް އިންޑިއާގައިވާ ގޮތުން އެ30 ކުދިން މަރުވި ކަމަށް ލަފާ ކުރެވެނީ އައިސީޔޫގައި އޮއްވާ އޮކްސިޖެން ނުލިބުމުގެ ސަބަބުންނެވެ. އަދި ބާކީ 19 ކުދިން މަރުވީ އުފަންވުމުގެ ތެރޭގައި ކަމަށާއި އެކުދިންގެ ވާހަކަ ރިޕޯޓުގައި ހިމަނާފައި ނުވާ ކަމަށް ޕްރެސް ޓްރަސްޓް އޮފް އިންޑިއާއިން ބުންޏެވެ.

މިދިޔަ މަހު އުއްތަރަ ޕްރަދޭޝްގެ އިތުރު ހޮސްޕިޓަލަކުން 160 ކުޑަކުދިން މަރުވެފައިވެ އެވެ. އޭގެ ތެރެއިން ބައެއް ކުދިން މަރުވީ އޮކްސިޖެން ނުލިބުމުގެ ސަބަބުން ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރި ނަމަވެސް އެސްޓޭޓުގެ ސަރުކާރުން ވަނީ އެތުހުމަތުތައް ދޮގުކޮށްފަ އެވެ.