މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ]އެމްއެންޑީއެފް[ގެ ބައެއް ބޭކަލުނަށް މިއަދު މަގާމުގެ ކުރިއެރުން ދެއްވައިފި އެވެ.
އެމްއެންޑީއެފުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިއަދު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި ގިނަ ރޭންކްތަކަކުން ސިފައިންނަށް މަގާމުގެ ކުރިއެރުން ދެއްވާފައިވާ އިރު ގިނަ ދުވަސްތަކެއް ވަންދެން ހުސްކޮށް އޮތް ކާނަލް ކަމުގެ ރޭންކަށް މިއަދު ތިންބޭކަލަކު ހަމަޖެއްސެވި ކަމަށެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސާ އަބްދުﷲ އަލީ މިއަދު ވިދާޅުވީ ކާނަލް ކަމަށް މިއަދު ޕްރޮމޯޓް ކުރެއްވީ މުހައްމަދު ޒިޔާދާއި ވައިސް ވަހީދާއި މުހައްމަދު ޝަރީފު ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި މަގާމުގެ ކުރިއެރުން ދެއްވި ބޭފުޅުންނަށް ރޭންކް ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބުރާހީމް ކަލޭފާނު ކަމަށް އެމްޑީއެފުން ބުންޏެވެ. އަދި ސިފައިންގޭގައި އަލަށް އުފެއްދި ދެ ރޭންކް ކަމަށްވާ "ވޮރަންޓް އޮފިސަރު ކޯ" އާއި " އެންލިސްޓެޑް ކޯ"ގެ މަގާމަށް ޕްރޮމޯޓްވެ ވަޑައިގެންނެވި ބޭފުޅުންނަށް މަގާމުގެ ރޭންކް ހަވާލުކޮށްދެއްވީ އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މިއަދު މަގާމުގެ ކުރިއެރުން ދެއްވި ބޭފުޅުންގެ ތެރެއިން ކާނަލް ކަމަށް ޕްރޮމޯޓް ކުރެއްވި ތިން ބޭފުޅުން ފިޔަވައި އެ ނޫން ބޭފުޅުންގެ ނަމެއް އަދި އަދަދެއް އެމްއެންޑީއެފަކުން ނުބުންޏެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް ފަރުހަތު ޝަހީރު ވާހަކަފުޅު ދެއްކެވި ކަމަށާއި، އޭނާގެ ވާހަކަފުޅުގައި ސިފައިންގެ މިސްރާބު ހުރި ގޮތުން ކޮންމެ ކުރިއެރުމަކީ އިތުރު މަސްއޫލިއްޔަތަކާއި އިތުރު ޑިމާންޑްތައް އެމީހާގެ ފަރާތުން ބޭނުންވާނެ ކަމެއް ކަމަށް ވިދާޅުވި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.