05 Sep 2017, 12:53
ބްރެޒިލް ފުޓްބޯޅަ ލެޖެންޑް ރޮނާލްޑޯ ނަޒާރިއޯ އަކީ ހުރިހާ ގޮތަކުން ވެސް އެންމެ ފުރިހަމަ ކުޅުންތެރިޔާގެ ގޮތުގައި ސިފަކޮށް، އޭނާއަށް ޔުވެންޓަސްގެ ތަޖުރިބާކާރު ގޯލްކީޕަރު އަދި ކެޕްޓަން ޖިއާންލުއިޖީ ބުފޮން ތައުރީފްކޮށްފި އެވެ.
ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާއި ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީގެ ކުރިން ދުނިޔޭގެ ފުޓްބޯޅާގައި އެންމެ ބާރަށް އިވެމުން ދިޔަ އަޑަކީ ބްރެޒިލް ރޮނާލްޑޯގެ ހުނަރުތަކުގެ ވާހަކައިގެ އަޑުތަކެވެ. އޭރު ބްރެޒިލް ލެޖެންޑް ރޮނާލްޑޯ ފާހަގަކޮށްލެވުނީ ކޮއްޓުމުގެ ހުނަރުން ފުރިފައިވާ ގޯލާ ރައްޓެހި ސްޓްރައިކަރެއްގެ ގޮތުގަ އެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ(ކ)އާއި ލިއޮނެލް މެސީ(ވ)އާއެކު ބުފޮން(މ): ބުފޮން ވަނީ ބްރެޒިލް ލެޖެންޑް ރޮނާލްޑޯއަށް ތައުރީފްކޮށް ވާހަކަ ދައްކާފައި --- ފޮޓޯ/ ގެޓީ
އުމުރުން 40 އަހަރުގެ ބްރެޒިލް ރޮނާލްޑޯގެ ހުނަރުތަކާ ބެހޭ ގޮތުން މިއަދު ވާހަކަދައްކާ މަދު މީހުންގެ ތެރެއިން އެއް ކުޅުންތެރިޔަކީ އުމުރުން 39 އަހަރުގެ ގޯލްކީޕަރު ބުފޮން އެވެ. ރޮނާލްޑޯއާ ދެކޮޅަށް ކުޅެފައިވާ ކުޅުންތެރިންގެ ތެރެއިން ކުޅުން ހުއްޓާލާފައި ނުވާ މަދު ކުޅުންތެރިންގެ ތެރޭގައި ބުފޮން ފާހަގަކޮށްލެވެ އެވެ.
"އަހަރެންނަށް ހުރިހާ ވައްތަރެއްގެ އުނދަގުލެއް ޖެއްސި އެއް ކުޅުންތެރިޔަކީ ރޮނާލްޑޯ، މި ދައްކަނީ ބްރެޒިލް ރޮނާލްޑޯގެ ވާހަކަ. އޭނާއަކީ ހުރިހާ ގޮތަކުން ވެސް ފުރިހަމަ ކުޅުންތެރިއެއް. އޭނާއަކީ ވަރުގަދަ، ހަލުވި އަދި އަވަސް ކުޅުންތެރިއެއް. ހީވަނީ އޭނާއަކީ ތަހުލީލުކުރާ ތަނަކުން އުފެއްދި ކުޅުންތެރިއެއް ހެން،" ބްރެޒިލް ލެޖެންޑާ ގުޅޭގޮތުން ބުފޮން ބުންޏެވެ.
ރޮނާލްޑޯގެ ފުޓްބޯޅަ ކެރިޔަރުގައި އޭނާ ވަނީ ޕީއެސްޖީއާއި ބާސެލޯނާއާއި އިންޓަ މިލާން އަދި ރެއާލް މެޑްރިޑާއެކު ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އޭގެ އިތުރުން އޭނާ ވަނީ ބްރެޒިލްއަށް 1994 އަދި 2002ގެ ވޯލްޑް ކަޕް ކާމިޔާބު ކޮށްދިނުމަށް އިސް ދައުރެއް އަދާކޮށްފަ އެވެ. ރޮނާލްޑޯ ވަނީ ފީފާ ވޯލްޑް ޕްލޭޔަރ އެވޯޑު ތިން ފަހަރު ހޯދައި، ދެ ފަހަރު ބެލޮންޑިއޯ ހޯދައިފަ އެވެ.