05 Sep 2017, 15:54
ލިޔުކީމިއާ ކެންސަރާ ދެކޮޅަށް އަލަށް ތައްޔާރުކުރި ޖީން ތެރެޕީ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން އިން ހުއްދަދީފި އެވެ.
ނަމެވެސް މިފަރުވާގެ އަގު ބޮޑުވުމުން މިހާރު ވަނީ ވަރަށް ބޮޑަށް ފާޑު ކިޔުންތައް އަމާޒުވާން ފަށައިފަ އެވެ. ނޮވާޓަސް އިން އެފަރުވާގެ އަގެއްގެ ގޮތުގައި ކަނޑައަޅައިފައި ވަނީ 475،000 އެމެރިކާ ޑޮލަރެވެ.
އަލަށް ތައްޔާރުކޮށްފައިވާ އެ ފަރުވާ އަކީ ލިޔުކީމިއާ ޖެހިފައިވާ ކުޑަކުދިންނަށް އުފައްދައިފައިވާ ފަރުވާއެކެވެ. އެ ފަރުވާގެ އަގު ކިތަންމެ ބޮޑުވިޔަސް ވޯލް ސްޓްރީޓުން ބުނީ އެފަރުވާގެ އުފައްދުމަށް ޓަކައި އިންވެސްޓަރުން ހޭދަ ކުރިވަރާ ބަލާއިރު އޭގެ އަގު މާ ހެޔޮކަމަށެވެ. އެހެންނަމެވެސް ބަލިމީހުން ބުނީ އޭގެ އަގު އެމީހުންނަށް އަތްފޯރާވަރަށް ވުރެ މާ ބޮޑުކަމަށެވެ.
ނޮވާޓަސް އިން ބުނި ގޮތުގައި އަލަށް ތައްޔާރު ކުރި މިޖީން ތެރެޕީއަކީ ލިޔުކީމިއާ ޖެހިފައިވާ ކުދިން ފަސޭހަވެ، އެކަމުން ރައްކާތެރިކޮށްދޭނެ ފަރުވާއެކެވެ. ބީ- ސެލް އެކިއުޓް ލިމްޕޯބްލާސްޓިކް ލިޔުކީމިއާ ކެންސަރު ޖެހިފައިވާ ވަރަށް ގިނަމީހުން ކީމޯ ތެރެޕީއާއީ ރާޑިއޭޝަނާއި އަދި އެހެނިހެން ފަރުވާތަކަށް އާންމުކޮށް ނުގުޑަ އެވެ. އަލަށް ތައްޔާރުކުރި މިފަރުޥާ އަކީ އެންމެ ފަހަރަކުދޭ ފަރުވާއެކެވެ.
ކިމްރިއާ ކިޔާ މިފަރުވާގައި ކެންސަރު ޖެހިފައިވާ ބަލި މީހުންގެ ލެއިން ވައިޓް ބްލަށް ސެލްސް ނެގުމަށް ފަހު އޭގެ ސަލްތައް ޖެނެޓިކަލީ މޮޑިފައިކުރެ އެވެ. ޖެނެތީކަލީ މޮޑިފައި ކޮށްފައިވާ އެސެލްތައް އަލުން ހަށިގަނޑަށް ލައްވާއިރު އޭގައި ކެންސަރު ޖެހފައިވާ ސެލްތައް ހަލާކުކޮށްލުމުގެ ގާބިލުކަން ލިބިފައިވެ އެވެ.
ނޮވާޓިސް އިން ބުނި ގޮތުގައި އެ ކުންފުނިން އެމެރިކާގައި އެ ޖީންތެރެޕީގެ ހިދުމަތްދޭ 20 ސެންޓަރު ކުރިއަށް އޮތް 30 ދުވަހުގެ ތެރޭ ގާއިމުކުރާނެ އެވެ. އަދި ބުނީ އެކްލިނިކްތަކުން އެހިދުމަތް ލިބިގަތުމަށް ހޭދަ ކުރަން ޖޭހޭނީ އެންމެ ދެ ގަޑިއިރު ކަމަށެވެ.