05 Sep 2017, 11:41
އދ.(ސެޕްޓެމްބަރު 5): އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ބޭނުންފުޅުވަނީ ހަނގުރާމައެއް ފަށަން ކަމަށް އެމެރިކާއިން އދ.ށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނިކީ ހޭލީ ވިދާޅުވެއްޖެ އެވެ.
އުތުރު ކޮރެއާއިން ހަ ވަނަ ފަހަރަށް ނިއުކްލިއާ ޓެސްޓެއް ކުރުމާ ގުޅިގެން އދގެ ސަލާމަތީ މަޖިލީހުން ބޭއްވި ކުއްލި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހޭލީ ވިދާޅުވީ އުތުރު ކޮރެއާއިން ހަނގުރާމައެއް ފަށަން ބޭނުންވި ނަމަވެސް އެމެރިކާއިން ހަނގުރާމައެއް ފަށަން ބޭނުން ނުވާ ކަމަށެވެ. ނަމަވެސް އެމެރިކާއަށް ވެސް ކެތްކުރެވޭނީ ވަކި ވަރަކަށް ކަމަށް ހޭލީ ވިދާޅުވި އެވެ.
އަދި ޑިޕްލޮމެޓިކް ގޮތަކަށް އުތުރު ކޮރެއާގެ މައްސަލަ ހައްލު ކުރަން ކުރެވެން އޮތް ކަމަކީ އެގައުމާ ދެކޮޅަށް ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް އެޅުން ކަމަށްވެސް ހޭލީ ވިދާޅުވި އެވެ.
އދން ވަނީ މިދިޔަ މަހުވެސް އުތުރު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެގައުމުން އެކްސްޕޯޓް ކުރާ މިންވަރާއި އެގައުމާ ގުޅިގެން އިންވެސްޓް ކުރާ މިންވަރު މަދު ކުރަން ސަލާމަތީ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
ހޭލީ ވަނީ އެފިޔަވަޅުތަކަކީ މިހާތަނަށް އެއްވެސް ގައުމަކާ ދެކޮޅަށް އަޅާފައި ނުވާ ވަރުގެ ހަރުކަށި ފިޔަވަޅުތަކެއް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ދެން އުތުރު ކޮރެއާއާ ދެކޮޅަށް އަޅާނީ ކޮން ފިޔަވަޅުތަކެއް ކަމެއް އޭނާ ވިދާޅެއްނުވެ އެވެ.
އެމެރިކާގެ އިތުރުން ޗައިނާއިން ވެސް ވަނީ ވާހަކަ ދައްކައިގެން، ސުލްހަވެރިކަމާއެކު އުތުރު ކޮރެއާގެ މައްސަލަ ހައްލު ކުރުމަށް ގޮވާލާފައެވެ. އަދި ކޮރެއަން ޕެނިންސުލާގައި ހަމަނުޖެހުމާއި ހަނގުރާމައެއް ފެށުމުގެ ފުރުސަތު ޗައިނާއިން ނުދޭނެ ކަމަށް ވެސް އެގައުމުން އދށް ކަނޑައަޅާފައި ހުންނަ ސަފީރު ވިދާޅުވި އެވެ.
އެއާ ހިލާފަށް ދެކުނު ކޮރެއާއިން ވަނީ އުތުރު ކޮރެއާއިން ހަމަލާއެއް ދީފިނަމަ އެގައުމުން ވެސް ވަގުތުން ހަމަލާއެއްދީ އުތުރު ނެތިކޮށްލާނެ ކަމުގެ އިންޒާރުދީފައެވެ.
އުތުރު ކޮރެއާއިން އިއްޔެ ބުނި ގޮތުގައި އެގައުމުން ވަނީ ކާމިޔާބު ކަމާ އެކު ހައިޑްރޮޖެން ބޮމެއް ޓެސްޓުކޮށްފައެވެ. އަދި އެޓެސްޓާއެކު އެގައުމުގެ ބިންގަނޑަށް އައި ލޮޅުމުން އެނގިގެންދަނީ އެއީ މީގެ ކުރިން އުތުރުން ޓެސްޓު ކުރި ހަތިޔާރަށް ވުރެ ވަރުގަދަ ހަތިޔާރެއް ކަން ކަމަށް ދެކުނުން ބުނެ އެވެ. (ބީބީސީ)