05 Sep 2017, 10:13
ރިޔާޒް (ސެޕްޓެމްބަރު 5) : ސައޫދީ ޚަބަރު ފަތުރާ ވަސީލަތްތަކުން އީރާނާ އަދި ޝިޔައީންނާ ދެކޮޅަށްދޭ ޙަމަލާތައް ވަގުތުން ހުއްޓާލުމަށް އެގައުމުގެ ރަސްކަމުގެ ދީވާނުން އަންގައިފި އެވެ.
ރިޕޯޓްތައް ބުނާގޮތުން މިކަން ސައޫދީ މީޑިއާއަށް އެންގެވީ ސައޫދީ ރަސްކަމުގެ ދީވާނުގެ މުސްތަޝާރެވެ. ސައޫދީން މިގޮތަށް އަންގާފައި މިވަނީ ޑިޕްލޮމެޓިކް ގުޅުންތައް އަލުން އިޢާދަކުރުމަށް ދެގައުމުން ވެސް ތައްޔާރު ވުމުގެ ގޮތުން ކަމަށްވެ އެވެ. އީރާނާއި ސައޫދީގެ ގުޅުންތައް ރަނގަނޅުވުމުގެ ފުރްސަތު ފަހިވެގެން ގޮސްފައި މިވަނީ އީރާނުގެ ހައްޖުވެރިން މިއަހަރު ހައްޖަށް ދިޔުމާ ބެހޭ ގޮތުން ދެ ގައުމުގެ ދެމެދުގައި ސޮއިކޮށްފައިވާ އެއްބަސްވުމާ އެއްގޮތަށް އީރާނުން އަމަލުކުރުމާ ގުޅިގެން ހިތްހަމަޖެހުނުކަން ސައޫދީ ސަރުކާރުން ހާމަކޮށްފައި ވަނިކޮށެވެ. މިއާއެކު އީރާނުގެ ހައްޖުވެރިންގެ ކަންކަމާ ބެހޭ ގޮތުން ސައޫދީއަށް ވަޑައިގެންނެވި އީރާނުގެ ހައްޖު މިޝަންގެ މަސްއޫލުވެރިންނަށް ސައޫދީ މަސްއޫލުވެރިންގެ ފަރާތުން ލިބުނު މެހްމާން ދާރީއާއި ހެޔޮކަމާ އަދި ހޫނު ތަރްޙީބާ ގުޅިގެންނާ އަދި އީރާނުގެ ހައްޖުވެރިންނަށް ބޭނުންވާ ކަންކަން ފަހިކޮށްދިނުމުގައި ސައޫދީ ސަރުކާރުން ބެހެއްޓި ގާތްކަމާއި ވެދިން އެހީތަކަށް އީރާން ސަރުކާރުން ވެސް ސައޫދީ އަށް ޝުކުރު އަދާކޮށްފައި ވަނިކޮށެވެ.
އީރާނުގެ ޚާރިޖީ ވުޒާރާއިން ހޯމަ ދުވަހު ބުނެފައި ވަނީ އީރާނަށް ޒިޔާރަތްކުރައްވާ ސައޫދީ ޑިޕްލޮމޭޓުންގެ ވަފްދަށް ބޭނުންވާ ވިސާގެ ކަންތައް އީރާނުން ހަމަޖައްސައި ދީފައިވާނެ ކަމަށާއި އަދި ސައޫދީއަށް ވަޑައިގަންނަވާ އީރާނުގެ ވަފްދުގެ ބޭފުޅުންގެ ވިސާގެ ކަންތައް ސައޫދީން ވެސް ހަމަޖައްސައި ދީފައިވާ ކަމުގަ އެވެ.
އީރާނުން ވަނީ ސައޫދީ އަރަބިޔާގެ ޑިޕްލޮމެޓިކް ވަފްދުތައް އަންނަ ހަފްތާގައި އެގައުމަށް ޒިޔާރަތް ކުރާނެ ކަމަށް ބުނެފަ އެވެ. އެ ވަފްދުގެ ބޭނުމަކީ އީރާނުގައި ހުރި ސައޫދީ އެންބަސީގެ އިމާރާތާއި އެނޫން ޑިޕްލޮމެޓިކް މިޝަންތަކުގެ (ކޮންސިއުލޭޓްތަކުގެ) އިމާރާތްތައް ބަލައި އެތަންތަން މަރާމާތުކުރުން ފަދަ ކަންކަން ކުރިޔަށް ގެންދިޔުމަށް މަގުފަހި ކުރުމެވެ. ސައޫދީ ގައިހުރި އީރާނުގެ އެންބަސީގެ އިމާރާތާއި އެނޫން ޑިޕްލޮމެޓިކް މިޝަންތަކުގެ (ކޮންސިއުލޭޓްތަކުގެ) އިމާރާތްތައް ބަލައި އެތަންތަން މަރާމާތުކުރުން ފަދަ ކަންކަން ކުރިޔަށް ގެންދިޔުމަށް މަގުފަހި ކުރުމުގެ ގޮތުން މިމަހުގެ ފަހުކޮޅު އީރާނުގެ ޑިޕްލޮމޭޓުންގެ ވަފްދެއް ސައޫދީ އަށް ވެސް ޒިޔާރަތް ކުރައްވާގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އީރާނާއި ސައޫދީ އަރަބިޔާގެ ގުޅުންތައް ގޯސްވެފައި ވަނީ ސަރަހައްދަށް ބާރާއި ނުފޫޒު ފޯރުވުމަށް ދެގައުމު ގެންގުޅޭ ވާދަވެރި ސިޔާސަތުގެ ސަބަބުންނެވެ. މިގޮތަށް ސަރަހައްދުގެ ގައުމުތަކަށް ބާރާއި ނުފޫޒު ފޯރުވަން މިދެގައުމުންކުރެ ކޮންމެ ގައުމަކުން ވެސް ކުރެވުނުހާ މަސައްކަތެއް ކުރަމުން ގެންދެ އެވެ.
އީރާނުން އިރާގާއި ސޫރިޔާގައި ބާރާއި ނުފޫޒު ގަދަކޮށްފައިވާ އިރު ސައޫދީ ގެންދަނީ ޔަމަނަށް އަސްކަރީ ގޮތުން ވަދެގަނެ ސައޫދީ އަމިއްލަ މަސްލަހަތުތައް ހިމާޔަތް ކުރުމަށް ޓަކައި ހަނގުރާމަ ކުރަމުންނެވެ. ސޫރިޔާއަށް ބަލާއިރު ސޫރިޔާގެ އިދިކޮޅު ފަރާތްތަކަށް ސައޫދީން އެހީތެރިކަން ފޯރުކޮށްދީ ސޫރިޔާ ސަރުކާރު ވައްޓާލަން މަސައްކަތްކުރާ އިރު އީރާން ގެންދަނީ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރު ހިމާޔަތް ކުރުމަށް މަސައްކަތް ކުރަމުންނެވެ.
ސައޫދީން މިދިޔަ އަހަރުގެ ކުރީކޮޅު ކުއްލި ގޮތަކަށް އީރާނާ ގުޅުންތައް ކަނޑާލީ އީރާނުގައިވާ ސައޫދީ އެންބަސީ އަށް އީރާނުގެ ބަޔަކު ހަމަލާދީ އެތަން އަންދާލުމުންނެވެ. އީރާނުގެ ބަޔަކު އެކަންކުރީ ސައޫދީގެ ޝިޔައީ މަޛްހަބުގެ ދީނީ އިލްމުވެރިއެއްކަމަށްވާ ޝައިޚް ނިމްރުއްނިމްރަށް ސައޫދީ ސަރުކާރުން މަރުގެ އަދަބު ދިނުމުން އެކަމާ ނުރުހުން ފާޅުކުރުމުގެ ގޮތުން އީރާނުގެ ބަޔަކު ސައޫދީ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރައެއްގެ ތެރޭގަ އެވެ.
ފާއިތުވި ދޮޅު އަހަރުތެރޭގައި ސައޫދީއާއި އީރާނުގެ ގުޅުންތައް ވަރަށް ބޮޑަށް ގޯސްވެ ޔަމަނާއި ސޫރިޔާ ފަދަ ގައުމުތަކުން ދެގައުމުގެ އަރާރުންތަކާއި ވާދަވެރިކަން ވަރަށް ބޮޑަށް ފެނިފައިވާ އިރު ސައޫދީ އާއި ގަތަރާ ދެމެދުގައި ވެސް ބޮޑު ހަތުރުވެރިކަމެއް އުފެދި އެ ދެ ގައުމު ވެސް ވަނީ ގުޅުންތައް ކަނޑާލާފަ އެވެ. އަދި ގަލްފުގެ އިތުރު ދެގައުމާ ގުޅިގެން ސައޫދީ ވަނީ ގަތަރާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް ވެސް އަޅައިފަ އެވެ. މިއާ އެކު އީރާނާއި ގަތަރުގެ ގުޅުންތައް ވަރަށް ބޮޑަށް ރަނގަނޅުވެ ދެގައުމުގެ ދެމެދުގައި ވިޔަފާރީގެ މުއާމަލާތައް ވެސް ވަނީ އެތައް ގުނައެއް އިތުރުވެފަ އެވެ.
ގަތަރުން ދާދިފަހުން ވަނީ މިދިޔަ އަހަރު ސައޫދީ އާއި އީރާނާ ގުޅުންތައް ކަނޑާލި މައްސަލާގައި ސައޫދީއަށް ހަމްދަރްދީ ފާޅުކުރުމުގެ ގޮތުން ބޭރުކޮށްލި އީރާނުގެ ސަފީރު ވެސް އަލުން އަނބުރައި ގަތަރަށް އައުމުގެ ހުއްދަ ދިނުމަށް ފަހު އީރާނާ އެކު އިގްތިސާދީ ބަދަހި ގުޅުންތަކެއް ގާއިމްކޮށްފަ އެވެ. އަދި ގަތަރުން ވަނީ ސައޫދީ އާ ހަމްދަރްދީ ފާޅުކުރުމުގެ ގޮތުން ގައުމަށް ގެނައި އީރާނުގައި ހުންނަވާ ގަތަރުގެ ސަފީރު ވެސް އަލުން އަނބުރައި އީރާނަށް ފޮނުވައިފަ އެވެ.
އީރާނާއި ސައޫދީގެ ގުޅުންތައް ގޯސްވެފައިވާ މިދަނޑިވަޅުގައި މިމަހުގެ ކުރީކޮޅު ތުރުކީގެ އިސްތަންބޫލްގައި ބޭއްވި އިސްލާމީ ގައުމުތަކުގެ ޖަމިއްޔާ އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ އަރިމަތީގައި ސައޫދީ ޚާރިޖީ ވަޒީރު އާދިލްއަލްޖުބައިރު ވަނީ އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް އާ ބައްދަލުކުރައްވައި ސަލާމް ގަލާން ކުރައްވައި ހާލުއަހްވާލު އޮޅުން ފިލުއްވައި ވަރަށް އުޚުއްވަތްތެރި މާހައުލެއްގައި ވާހަކަ ދައްކަވައިފަ އެވެ. އަދި ދާދިފަހުން ސައޫދީއަށް ޒިޔާރަތް ކުރެއްވި އިރާގުގެ ޚާރިޖީ ވަޒީރު ގާސިމްއަލްއަޢްރަޖީ ވަނީ އީރާނާ އެކު ގުޅުންތައް ރަނގަނޅު ކުރުމަށް ޓަކައި އިރާގުން މެދުވެރިއެއްގެބައި އަދާކޮށްދިނުމަށް ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން އެދިވަޑައިގެންފައިވާކަން މީޑީއާގެ ކުރިމަތީގައި ބަޔާން ކުރައްވާފަ އެވެ. ނަމަވެސް ސައޫދީ ސަރުކާރުން ފަހުން މިކަން ދޮގުކޮށްފައިވެ އެވެ.
އިރާގުގައިވާ އީރާނާ ގުޅުން ބޮޑު ޝިޔައީ އިސް ލީޑަރުން ދާދިފަހުން ވަނީ ސައޫދީ ސަރުކާރުގެ ދައުވަތަކަށް ސައޫދީ އަށް ވަޑައިގެންފަ އެވެ. އަދި ސައޫދީ ބާރުގަދަ މީހާގެ ނަމުން މަޝްހޫރުވެފައިވާ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން ވަނީ އެބޭފުޅުންނާ ބައްދަލުކުރައްވައި މުހިއްމު މަޝްވަރާތަކެއް ކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުންތަކަށް ފަހު ސައޫދީ ޚާރިޖީ ވުޒާރާއިން ވަނީ އިރާގާއެކު ގުޅުންތައް ބަދަހިކުރަން ބޭނުންވާކަން ހާމަކޮށް ބަޔާނެއް ނެރެފަ އެވެ. އަދި ސައޫދީން ދާދިފަހުން ވަނީ އެ ގައުމާއި އިރާގުގެ ސަރަހައްދީ ރޮނގު ވެސް 27 އަހަރަށް ފަހު އަލުން ހުޅުވައިފަ އެވެ. (ނޫސްއެޖެންސީތައް)