ވެށި ފަހި މާލޭ މަޝްރޫއުގައި މާލޭގެ ބިމުން 150000 އަކަފޫޓަށްވުރެ ބޮޑު ބިން ހުސް ކުރުމަށް ހުށަހެޅި ބައިގައި މާލޭގައި ބިންކޮޅެއް އޮވެ، ބިންކޮޅު ކުޑަކަމުން އެހެން ގޮތަކަށް އެދިފައި ވަނީ މާލޭ ރައްޔިތުންގެ ތެރެއިން 1780 މީހުން ކަމަށް ސަރުކާރުން ބުނެފި އެވެ.

މިނިވަން ދުވަހުގެ ތަގުރީރުގައި ރައީސް ނަޝީދު ވިދާޅުވީ މާލޭގެ ނުތަނަވަސް ބިންކޮޅު ދޫކޮށްލުމަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން 737 މީހުން އެދެނީ ހުޅުމާލެއިން ބިމަކަށް ކަމަށެވެ. އަދި އޭގެ ތެރެއިން، 327 މީހުން މާލެއިން ފްލެޓަކަށް އެދިފައިވާ ކަމަށާއި ހުޅުމާލެއިން ފްލެޓަކަށް އެދިފައި ވަނީ 72 މީހުން ކަމަށެވެ.
"އިރާދަކުރެއްވީތީ މި ގިންތިއަށް ހުށަހެޅޭ، ޝަރުޠު ހަމަވާ ފަރާތްތަކަށް ގުރުއަތުލުމެއް ނެތި މިދާ މަގުންގޮސް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެކަމުގެ އުންމީދު ސަރުކާރަށް މިހާރު މިވަނީ އާވެފައި،" ރައީސް ވިދާޅުވި އެވެ.
ރައީސް މިއަދު ވިދާޅުވީ ބޯހިޔާވަހިކަމުގެ މިނިވަންކަމަކީ، ކޮންމެ ރައްޔިތެއްގެވެސް ހައްގެއް ކަމަށާއި އެ ޙައްޤު ހޯދައިދިނުމަށް، ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން، ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރަން ކުރާ މަސައްކަތުގައި ބޯހިޔާވަހިކަމުން މަޙުރޫމްވެފައިވާ ރައްޔިތުންގެ ހޯދައިދެވޭނެކަން އެމަނިކުފާނަށް ޔަގީން ކަމަށެވެ.

ވެށިފަހި މާލެ ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 19900 އަށް ވުރެ ގިނަ ފޯމް ލާފައިވާއިރު އެ ފޯމުތައް މިހާރު ވަނީ ދިރާސާ ކުރަން ފަށާފަ އެވެ.
ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ ދަތިކަމަކީ، އރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށާއި ސަރުކާރުގެ 10000 ހައުސިންގ ޔުނިޓް ބިނާކުރުމުގެ މަޝްރޫޢުގެ ތެރެއިން، މާލޭ ސަރަޙައްދުގައި ބިނާކުރާ 3000 ޔުނިޓުގެ ބޮޑު ބައެއް އަމާޒުވެފައިވަނީ، މާލޭގައި ދިރިއުޅޭ ބޯހިޔާވަހިކަން އެންމެ ދަތި ޢާއިލާތަކަށް ކަމަށެވެ.

އަދި ވިދާޅުވީ އޭގެ ތެރެއިން 1000 ޔުނިޓު ގެ މަސައްކަތް ހުޅުމާލޭގައި ކުރިޔަށްދާއިރު ބާކީ 2000 ޔުނިޓުގެ ތެރެއިން، މާލޭގައި 500 ޔުނިޓް ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފަށައި މާލެއާއި ވިލިމާލެ އާއި ހުޅުމާލޭގައާއި އަދި ގުޅީފަޅުގައި ވެސް ހައުސިންގ ޔުނިޓްތައް ޢިމާރާތްކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ހަސަތޭކަ އަކަފޫޓަށްވުރެ ކުދި ބިންބިމަށް ނިސްބަތްވާ އަށްހާހަށްވުރެ ގިނަ މާލޭމީހުން ނުވަތަ ޢާއިލާ މާލޭގައި އެބަ ދިރިއުޅެމުންދޭ. އެހާކުދި ބިން އެމީހުންގެ ނަމުގައި ރަޖިސްޓަރީ ކުރުމުގެ ބަދަލުގައި، ޢައްޔަނުކޮށް ދެވުނު ނަމަވެސް، ގޯތި ކުޑަކަމުން ހާސްކަމެއް ނެތް ތާހިރު ދިރިއުޅުމަކަށް މަގުފަހިވާފަދަ، ހިޔާވަހިކަމެއް އެބިމުން ހޯދޭނެ އެއްވެސް ގޮތެއް ނޯވޭ." ރައީސް ވިދާޅުވި އެވެ.

ވެށިފަހި މާލެ މިޕްރޮގްރާމުގެ ދަށުން، މައިގަނޑު ތިން ބާވަތެއްގެ ބަޔަކަށް ބޯހިޔާވަހިކަން ދެ އެވެ. އެއީ، ކުދި ބިންތަކުގައި ދިރިއުޅޭ މާލޭ ރަށްވެހިންނާއި ބިން ނުވަތަ ދިރިއުޅޭނޭ އަމިއްލަ ތަނެއްނެތް މާލެއަށް އުފަން ރަށްވެހިންނާއި އަދި މާލޭގައި ވަޒަންވެރިންނެވެ.

މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހުޅުވާލާ ފުރުޞަތުގެ ދަށުން، ކުދި ބިންތަކުގައި ދިރިއުޅޭ މާލޭ ރަށްވެހިންނަށް ނިސްބަތްކޮށް ހުޅުވާލެވެނީ 1000 ފަރާތަށެވެ. އެއީ މާލެއިން 500 ހައުސިން ޔުނިޓާއި، ހުޅުމާލެއިން 250 ޔުނިޓާއި، އެ ރަށުން ކަނޑައެޅޭ، 1200 އަކަފޫޓުގެ 200 ގޯއްޗެވެ. މި ޕްރޮގްރާމުގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ އަނެއް ދެ ގިންތިއަކީ، ބިން ނުވަތަ ދިރިއުޅޭނޭ އަމިއްލަ ތަނެއްނެތް މާލެ އުފަން ރަށްވެހިންނާއި، އަދި މާލޭގައި ވަޒަންވެރިވެފައިވާ މީހުންގެ ގިންތި އެވެ.