04 Sep 2017, 23:51
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ސަރަހައްދުން ބޯޓަކަށް ތިރިކުރި ކޮންޓޭނަރެއްގެ ދަށުވެ އެތަނުގެ މުއައްޒަފެއްގެ ފައި ވަރަށް ބޮޑަށް ޒަހަމްވެއްޖެ އެވެ.
އެމްޕީއެލްގެ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ ބަނދަރުން ބޯޓަކަށް ކޮންޓޭނާތަކެއް ބަރުކުރަން އުޅުމުގެ ތެރޭގައި ބޯޓުގެ ފަލްކާ ތެރެއަށް ތިރިކުރި ކޮންޓޭނަރެއްގެ ދަށުވެ މުއައްޒަފެއްގެ ފައި ފިތިގެން އަނިޔާވި ކަމަށެވެ. އެ ހާދިސާ ހިނގުމާއެކު ވަގުތުން އޭނާ އައިޖީއެމްއެޗު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
އައިޖީއެމްއެޗުގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޔުނިޓުގެ ޑިރެކްޓަރު އަހްމަދު މައުސޫމް 'ސަން' އަށް ވިދާޅުވީ ކޮންޓޭނާއެއް ވެއްޓި ފައި ޒަހަމްވެގެން މީހަކު މިރޭ އެ ހޮސްޕިޓަލަށް ގެނައި ކަމަށާއި އޭނާއަށް މިހާރު ގެންދަނީ އެމަޖެންސީގައި ފަރުވާ ދެމުން ކަމަށެވެ.
"އޭނާ މިހާރު ވަނީ އެމަޖެންސީކޮށް އޮޕަރޭޝަނެއް ކުރުމަށް ތިއޭޓަރަށް ވައްދާފައި. ޑޮކްޓަރުން ވަރަށް ބިޒީކޮށް އުޅެނީ އެކަމުގައި. އޮޕަރޭޝަނަށް ފަހު އެނގޭނީ ލިބިފައި ހުރި ގެއްލުން ބުނަން،" މައުސޫމް ވިދާޅުވިއެވެ.