04 Sep 2017, 22:44
ގައުމީ ދިފާއީ ބާރުން މިޔަންމާ އަސްކަރިއްޔާއާ ގުޅިގެން އަސްކަރީ ތަމްރީންތަކެއް ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުންދާ ކަމަށް ބުނެ ފަތުރަނީ ދޮގު ހަބަރެއް ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
ގައުމީ ދިފާއީ ބާރުން މިރޭ ނެރުނު ކުރު ބަޔާނެއްގައި ބުނީ ދިވެހި އަސްކަރިއްޔާ އާއި މިޔަންމާ އަސްކަރިއްޔާއާ ގުޅިގެން ތަމްރީން ޕްރޮގްރާމްތަކެއް ހިންގުމަށް ހަމަޖެހިފައިނުވާ ކަމަށާއި އަދި ކުރިއަށް އޮތް ތާންގައި ވެސް އެފަދަ ތަމްރީންތަކެއް ހިންގުމަށް ތާވަލްކޮށްފައި ވެސް ނުވާ ކަމަށެވެ.
ރާއްޖެ އާއި މިޔަންމާއާ ގުޅިގެން އަސްކަރީ ތަމްރީންތަކެއް ފަށާ ޚަބަރު ގައުމީ ދިފާއި ބާރުން ދޮގު ކޮށްފައި މި ވަނީ އިންޑިއާގެ ބައެއް މީޑިއާތަކުން އެ ގައުމުން ރާއްޖެ އާއި މިޔަންމާ ގުޅިގެން އަސްކަރީ ތަމްރީންތަކެއް ހެދުމަށް ތައްޔާރުވަމުން އަންނަ ކަމަށް ބުނެ ޚަބަރު ފެތުރުމާ ގުޅިގެންނެވެ.
އިންޑިއާގެ އަސްކަރިއްޔާގެ އިސް އޮފިޝަލަކާ ހަވާލާދީ ދަ ޓައިމްސް އޮފް އިންޑީއާ ނޫހުގައި ރިޕޯޓްކޮށްފައި ވަނީ މި މަސް ތެރޭގައި ރާއްޖެ އާއި މިޔަންމާ އަދި އިންޑިއާ ގުޅިގެން އަސްކަރީ ތަމްރީންތަކެއް ބާއްވަން ނިންމާފައިވާ ކަމަށާއި ނަމަވެސް އަދި ބާއްވާނެ ވަކި ތަނެއް ނުނިންމާ ކަމަށެވެ.
އިންޑިއާއިން އެގޮތަށް ހަބަރު ފަތުރާފަވާއިރު މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި ގުޅިގެން ރާއްޖެއިން ވަނީ މިޔަންމާއާ ދެމެދު އޮތް ގުޅުންތަކުގެ ތެރެއިން ވިޔަފާރީގެ ގުޅުން ކަނޑާލާފަ އެވެ.