04 Sep 2017, 21:05
މިޔަންމާގައި ދިރިއުޅޭ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ހައްގުތައް ހިމާޔަތްކޮށް ވަގުތުން ފިޔަވަޅު އެޅުމަށް އެ ގައުމުގެ ލީޑަރު އަން ސޮން ސޫޗީ އަށް މިއަންމާގެ އިންސާނީ ހައްގުތަކާ ބެހޭ އދ.ގެ ޚާއްސަ ރެޕަޓުއާ ޔަންގީ ލީ ގޮވާލައްވައިފިއެވެ.
ޔަންގީ ލީ ވިދާޅުވީ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުން ދިރިއުޅެމުންދާ ރަކީން ސްޓޭޓްގައި ލާއިންސާނީ އެތައް ޖަރީމާތަކެއް ހިންގަމުންދާ ކަމަށާއި އެކަމާ ދެކޮޅަށް ތެދުވެ ސޫޗީ ފިޔަވަޅު އަޅަން ޖެހޭ ވަގުތު ޖެހިއްޖެ ކަމަށެވެ.
"ސޫޗީ ތެދުވަން ވެއްޖެ. އެ ގައުމެއްގެ ދަށުގައިވާ ހުރިހާ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް،" ޔަންގީ ލީ ވިދާޅުވިއެވެ.
ރޮހިންޔާ މުސްލިމުންނާ ދެކޮޅަށްދޭ ހަމަލާތައް އެންމެ ފުރަތަމަ ފެށުނީ 2012 ވަނަ އަހަރު އެވެ. މިޔަންމާގެ ބުޑިސްޓުންނާއި މުސްލިމުންނާ ދެމެދު ފެށުނު ހަމަނުޖެހުންތަކުގައި ފަހުން ދޭތެރެ ދޭތެރެއިން ވަރަށް ބޮޑަށް މައްސަލަ ހޫނުވެގެންދެ އެވެ.
މިފަހަރު މައްސަލަ ހޫނުވީ މިދިޔަ އޮގަސްޓް މަހު މިޔަންމާގެ ސިފައިން ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހާއްސަ އޮޕަރޭޝަނެއް ފެށުމުންނެވެ. އެ އޮޕަރޭޝަން ފެށިފަހުން ވަރަށް ގިނަ އަދަދެއްގެ ރޮހިންޔާ މުސްލިމުން ވަނީ މިޔަންމާ ދޫކޮށް ބަންގްލަދޭޝްގެ ތެރެއަށް ވަދެފަ އެވެ.
މީޑިއާގެ ރިޕޯޓުތައް ބުނާ ގޮތުގައި މިޔަންމާގެ ސިފައިން ވަނީ އަލަށް ފެށި އޮޕަރޭޝަނުގައި އެކަށީގެންނުވާ ބާރުގެ ބޭނުންކޮށްފަ އެވެ. އަދި އެ އޮޕަރޭޝަނުގައި ބޮޑެތި މެޝިން ބަޑިތައް ބޭނުންކޮށްގެން ރޮހިންޔާ މުސްލިމުންގެ ގެދޮރުތައް ސުންނާފަތި ކޮށްފައިވާ ކަމަށް ވެސް އެ ރިޕޯޓްތަކުގައި ބުންޏެވެ.
އދ. އިން ނެރެފައިވާ ރިޕޯޓެއްގައި ވަނީ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ދޭ ހަމަލާތައް ބަޔާންކޮށްފައެވެ. އޭގެ ތެރޭގައި ރޮހިންޔާ މުސްލިމުން މެރުމާއި އިއްފަތްތެރިކަން ފޭރުމާއި، އަނިޔާ ކުރުމާއި ގެއްލުވާލުން ވެސް ހިމެނެ އެވެ. ރޮހިންޔާގެ ރެޕްރެޒެންޓޭޓިވްސް އިން އަންދާޖާ ކުރާގޮތުގައި މިޔަންމާ ސިފައިން އޮޕަރޭޝަން ފެށިފަހުން 400 މުސްލިމުން ވަނީ މަރައިލައިފަ އެވެ.
ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ އަސްކަރިއްޔާ އިސްވެ އޮވެ ފަށާފައިވާ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމަށް ސުލްހައިގެ ނޮބެލް އިނާމް ލިބިވަޑައިގެންފައިވާ ސޫޗީއަށް ވަނީ ނުކުޅިދިފައެވެ.